ޚަބަރު

މަރްހޫމް ޢަބްދުއްރަޝީދުގެ ހަނދާނުގައި މަޖިލީހުގައި ސުކޫތެއް


ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމާއި، ޚާއްސަ މަޖިލީޙުގެ މެމްބަރުކަން ފުރުއްވި ޢަބްދުއްރަޝީދު ޢަލީ އަވަހާރަވުމާއި ގުޅިގެން އެމަނިކުފާނުގެ ހަނދާނުގައި މަޖިލީހުގައި ހަމަހިމޭންކަމުގެ ސްކޫތެއް މިއަދު ގެނެސްފިއެވެ.

ޢަބްދުއްރަޝީދު އަވަހާރަވީ އިންޑިއާގެ ބެންގަލޫރުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް އިއްޔެ ހެނދުނެވެ. އަބްދުއްރަޝީދު ވަނީ ރައްޔިތުންގެ މަޖިލީހުގެ އަރިއަތޮޅުގެ މެންބަރުކަން 20 އަހަރު އަދި އެ އަތޮޅުގެ އަތޮޅުވެރިކަން ދެ ފަހަރެއްގެ މަތިން ކުރައްވާފައެވެ.

ފުލުސް ކޯޓުގެ އިސް ގާޒީ ކަމާއި ބަންޑާރަނައިބްގެ އެހީތެރިޔާކަމާއި، އަހްމަދިއްޔާ ސްކޫލުގެ ފުރަތަމަ ނާޒިރުކަމާއި އަދި ތިންވަނަ ނާޒިރުކަންވެސް އަބްދުއްރަޝީދު ވަނީ ކުރައްވާފައެވެ. މީގެއިތުރުން މައްޗަށްގޮޅި އަވަށު ކޮމިޓީއާއި މާފަންނު އަވަށު އޮފީހުގައިވެސް އިޚްލާސްތެރި މަސައްކަތްތަކެއް ކޮށްދެއްވާފައިވެއެވެ.

އަބްދުއްރަޝީދު އަވަހާރަވިއިރު އަނބިކަނބަލަކާއި ތިން ދަރިކަނބަލުން އަދި ހަތަރު ދަރިކަލުން ދުނިޔޭގެ އެބަތިއްބެވިއެވެ. ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަޒުލް ރަޝީދަކީވެސް އަބްދުއްރަޝީދުގެ ދަރިކަލެކެވެ.