ޚަބަރު

ސައްހަނޫން ޔޫއެސް ޑޮލަރު ވިއްކަމުންދާތީ، ސަމާލުވުމަށް އެދިއްޖެ


ސައްހަނޫން ޔޫއެސް ޑޮލަރު ވިއްކަމުންދާތީ، ސަމާލުވުމަށް ފުލުހުން އެދިއްޖެއެވެ.

ފުލުހުން ބުނެފައިވަނީ މަނީ އެކްސްޗޭންޖްގެ ނަމުގައި ހިންގާ ވައިބަރ ކޮމިއުނިޓީ އަދި ޝޯޝަލް މީޑިއާގެ އެހެނިހެން ޕްލެޓްފޯމްތައް މެދުވެރިކޮށް ޔޫއެސް ޑޮލަރު ވިއްކާކަމަށް އިސްތިހާރުކޮށްގެން ސައްހަނޫން ޔޫއެސް ޑޮލަރު ވިއްކަމުންދާކަމުގެ މައްސަލަތަކެއް ފުލުހުންނަށް ހުށަހެޅި ދަނީ ތަހުގީގުކުރަމުން ދާކަމަށެވެ.

އެގޮތުން، މަނީ އެކްސްޗޭންޖް ވައިބަރ ކޮމިއުނިޓީގައި ޔޫއެސް ޑޮލަރު ވިއްކަން އިޝްތިހާރު ކުރުމަށްފަހު، ޔޫއެސް ޑޮލަރު ގަންނަން ބޭނުންވާ މީހާއާ ވަކިން ވާހަކަ ދައްކައި ވިއްކާ މީހުން ބުނާތަނަކަށް މީހާ ގެންދާކަމަށެވެ. އެގޮތަށް ގެންދިއުމުގައި، މީހުން މަދު ނުވަތަ މީހުން އާންމުކޮށް ނޫޅޭ ސަރަހައްދު ތަކަށް ދިއުމަށް ދައުވަތުދީ، އަދި ޔޫއެސް ޑޮލަރު ގަންނަން ބޭނުންވާ މީހާ ދިވެހި ފައިސާ ދިނުމުން ކައުންޓަރފީޓް ޔޫއެސް ޑޮލަރު ދެމުންދާ މައްސަލަތައް ހުށަހަޅަމުން ދާކަމަށެވެ.

ފުލުހުން ވަނީ ބޭރުފައިސާ އެކްސްޗޭންޖް ކުރުމުގެ ހުއްދަ އޮތް ފަރާތްތައް މެދުވެރިކޮށް ނޫނީ މިފަދަ މުއާމަލާތުތައް ނުހިންގުމަށާއި މަނީ އެކްސްޗޭންޖް ކުރުމަށްފަހު ދޭ ފައިސާ އަކީ ސައްހަ ފައިސާކަން ކަށަވަރު ކުރުމަށްފަހު ނޫނީ މިފަދަ މުއާމަލާތުތައް ނުހިންގުމަށް އިލްތިމާސް ކޮށްފައެވެ.