ކޯވިޑް-19

ރޯދައިގެ ކުރިން ބޫސްޓަރ ޑޯޒް ފުރިހަމަކުރުމަށް އެދިއްޖެ


ރަމަޟާންމަހުގެ ކުރިން ޝަރުތު ހަމަވާ އެންމެހާ ފަރާތްތައް ކޯވިޑް-19 ވެކްސިންގެ ބޫސްޓަރ ޑޯޒް ޖެހުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން އިލްތިމާސްކުރައްވައިފިއެވެ.

އެޗް.ޕީ.އޭއިން ވަނީ ރަމަޟާންމަހު ގްރޭޓަރ މާލޭ ސަރަޙައްދުގައި ވެކްސިން ސެންޓަރުތައް ހުޅުވާފައި ބަހައްޓާ ގަޑިތަކަށް ބަދަލުގެނެސްފައެވެ. އެގޮތުން ރަމަޟާންމަހު މާލޭ ސަރަޙައްދުގައި ވެކްސިން ޖެހުން ކުރިއަށްދާނީ ދަރުމަވަންތަ ހޮސްޕިޓަލާއި ހުޅުމާލޭ ހޮސްޕިޓަލުގައެވެ. މި ދެ ހޮސްޕިޓަލުންވެސް ކޮންމެ ދުވަހެއްގެ ރޭގަނޑު 9 އިން 11 އަށް ވެކްސިން ޖެހުން ކުރިއަށްދާނެއެވެ.

ބަރަކާތްތެރި ރަމަޟާންމަހަކީ ގިނަ ބަޔަކު ޢުމުރާގެ މަތިވެރި އަޅުކަމަށް ދަތުރުކުރާ ދުވަސްވަރެއްކަމުން، ޢުމްރާއަށް ފުރާވަޑައިގަންނަވާ ފަރާތްތަކުންވެސް ފުރުމުގެ 2 ހަފްތާ ކުރިން ކޯވިޑް-19 ގެ ބޫސްޓަރ ޑޯޒް ޖެއްސެވުން މުހިއްމުކަމަށް އެޗް.ޕީ.އޭއިން ވިދާޅުވެއެވެ. އަދި ރަމަޟާންމަހު ޢުމްރާއަށް ފުރާ ފަރާތްތަކުންވެސް މިކަމަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަށް އެ އެޖެންސީން ދަންނަވާފައިވެއެވެ. އެގޮތުން ޢުމްރާއަށް ފުރާވަޑައިގަންނަވާ ފަރާތްތައް ކޯވިޑް ވެކްސިންގެ 2 ވަނަ ޑޯޒް ޖެހުމަށްފަހު 6 މަސް ފުރިހަމަވެފައިވާނަމަ ފުރަން ހަމަޖެހިފައިވާ ތާރީޚުގެ 2 ހަފްތާ ކުރިން ބޫސްޓަރ ޑޯޒް ޖެއްސެވުމަށް އެޗް.ޕީ.އޭއިން ވަނީ އިރުޝާދުދެއްވާފައެވެ.

އެޗް.ޕީ.އޭއިން އެންމެފަހުން އާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖޭން ބޫސްޓަރ ޑޯޒް ޖެހި މީހުންގެ ޢަދަދު ވަނީ 143،000 އަށްވުރެ މައްޗަށް އަރާފައެވެ. އަދި 371،400 އަށްވުރެ ގިނަ މީހުންގެ ވެކްސިންގެ ދެ ޑޯޒް ޖަހާފައިވާއިރު، 398،000 އަށްވުރެ ގިނަ މީހުން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައެވެ.