މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށް ދިވެހިރާއްޖެއިން ކުރާ މަސައްކަތްތަކަށް އެހީވުމަށް އެމެރިކާއިން އިތުރު 3.2 މިލިއަން ޑޮލަރުގެ އެހީ ރާއްޖެއަށް ދިނުމަށް އެއްބަސްވެއްޖެއެވެ.
އެމެރިކާއިން ރާއްޖެއަށް ފޯރުކޮށްދޭ ބައިލެޓްރަލް އެހީ އިތުރުކުރުމާބެހޭ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްއާއެކު ވަނީ ސޮއިކޮށްފައެވެ. މި އެއްބަސްވުމުގެ ދަށުން އެމެރިކާ ސަރުކާރުގެ އޭޖެންސީ ފޯ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް (ޔޫ.އެސް.އޭ.އައި.ޑީ) އާއި ދިވެހިރާއްޖޭގެ މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްއާ ދެމެދު ސޮއިކޮށްފައިވާ ބައިލެޓްރަލް އެގްރީމަންޓަށް އިސްލާހެއް ގެނެސް، އިތުރު 3.2 މިލިއަން ޑޮލަރު މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށް ދިވެހިރާއްޖެއިން ކުރާ މަސައްކަތަށް އެހީވުމަށް ވަނީ ކަނޑައަޅާފައެވެ.
ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ރާއްޖޭގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް އަޙްމަދު ޚަލީލެވެ. އަދި އެމެރިކާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، ޔޫ.އެސް.އޭ.އައި.ޑީ މޯލްޑިވެސްގެ މިޝަން ޑައިރެކްޓަރ ރީޑް އެއިޝްލިމަނެވެ.
މި އެއްބަސްވުމުގެ ތެރެއިން، ތިމާވެއްޓާ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން އެމެރިކާއާއި ދިވެހިރާއްޖެއިން ސަމާލުކަންދޭ މަސައްކަތްތަކަށް އިތުރު ކުރިއެރުމެއް ގެނުވާނެކަމަށް ޔޫ.އެސް.އޭ.އައި.ޑީ މޯލްޑިވެސްގެ މިޝަން ޑައިރެކްޓަރ ރީޑް އެއިޝްލިމަން ވިދާޅުވިއެވެ. އަދި މި އެއްބަސްވުމަކީ އެމެރިކާއާއި ދިވެހި ސަރުކާރާ ރައްޔިތުންނާއެކު އިތުރުވަމުންދާ އެއްބާރުލުން ފެނިގެންދާނެ ހަރުދަނާ ރަމްޒެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ސްޓޭޓް މިނިސްޓަރ ޚަލީލް ވަނީ ޔޫ.އެސް.އޭ.އައި.ޑީ މޯލްޑިވްސްގެ މިޝަން ޑައިރެކްޓަރ ރީޑް އެއިޝްލިމަނާއެކު ދެ ޤައުމުގެ ދެމެދު އެކި ދާއިރާތަކުން އިތުރަށް ގުޅުން ބަދަހިކުރެވޭނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.
އެމެރިކާއާއި ދިވެހިރާއްޖެއާއި ދެމެދު ވެފައިވާ މިބައިލެޓްރަލް އެގްރީމަންޓްގައި އެންމެ ފުރަތަމަ ސޮއިކޮށްފައިވަނީ 12 މާރޗް 2019 ގައެވެ. އޭގެ ފަހުން އެމެރިކާއިންވަނީ ދިވެހިރާއްޖެއަށް 25 މިލިއަން ޑޮލަރަށްވުރެ ގިނަ ބައިލެޓްރަލް އެހީ ފޯރުކޮށްދިނުމަށް އޮބްލިގޭޓްކޮށްފައެވެ. މިއެހީ ދިން ދާއިރާތަކުގެ ތެރޭގައި ޕަބްލިކް ފައިނޭންސް މެނޭޖްމަންޓަށާއި، ގާނޫނުގެ ބާރުވެރިކަން ހަރުދަނާކުރުމަށާއި، ލާމަރުކަޒީ ނިޒާމަށް އެހީވުމަށާއި ތިމާވެށި ރައްކާތެރިކުރުން ހިމެނެއެވެ.
އަލަށް ސޮއިކޮށްފައިވާ އެމެންޑްމެންޓާއެކު މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށް އެހީތެރިވުން ހިމެނިގެންދާނެއެވެ. ޔޫ.އެސް.އޭ.އައި.ޑީއިން ދަނީ ތިމާވެށީގެ ވިލުންވެރިކަން އިތުރުކުރުމަށާއި، އިގުތިސާދީ އަދި ޑިމޮކްރެޓިކް އިސްލާހި ބަދަލުތައް ރާވާ ހިންގުމަށާއި، ބާރުވެރި އަދި ހިންގުންތެރި މަދަނީ ޖަމިއްޔާ ޖަމާއަތެއް ބިނާކުރުމަށް ދިވެހިސަރުކާރާ ގުޅިގެން މަސައްކަތްކުރަމުންނެވެ.