ޚަބަރު

12 ކިލޯގެ މަސްތުވާތަކެއްޗާއެކު އަތުލައިގަތް 3 މީހުންގެ ކުށުގެ ބޮޑެތި ރިކޯޑްތަކެއް


ރާއްޖެއަށް 12.6 ކިލޯގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު މައްސަލައިގައި ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނުގައި ހައްޔަރުކުރި 3 މީހުންގެ މަޢުލޫމާތު ފުލުހުން އާއްމުކޮށްފިއެވެ.

ކަނޑުމަގުން ދިވެހި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ޑިޕާޓްމަންޓާއި، ޑްރަގް އެންފޯސްމަންޓު އަދި މެރިން ޕޮލިސް ގުޅިގެން މި އޮޕަރޭޝަން ހިންގާފައިވަނީ މި މަހު 14 ވަނަ ދުވަހުއެވެ.

ކަނޑުމަތީގައާއި، މާލެ އާއި، ހުޅުމާލެ ފޭސް އެކެއް އަދި ފޭސް ދޭއްގައި ހިންގި އެ އޮޕަރޭޝަނުގައި 12.6 ކިލޯގެ މަސްތުވާތަކެއްޗާއެކު ތިން މީހަކު ހައްޔަރުކޮށްފައިވެއެވެ. އެއީ ނ. ވެލިދޫ، މަރިޔާޒް، އުމުރުން 30 އަހަރުގެ މުޙައްމަދު ޢަބްދުއްލަޠީފާއި، އިންޑިއާގެ ރައްޔިތެއް ކަމަށްވާ އުމުރުން 37 އަހަރުގެ ސްމޭޝް ކޭއޭ ކްރިޝްޓަން ކުޓީގެ އިތުރުން ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އުމުރުން 30 އަހަރުގެ ކަވްސަރު އަލަމްއެވެ. މި އޮޕަރޭޝަނުގައި، މާލޭގެ ގެއަކާއި ހުޅުމާލޭގެ ގެސްޓު ހައުސްއެއްގެ އިތުރުން ލޯންޗެއް ބަލައި ފާސްކޮށްފައިވެއެވެ.

މި މައްސަލައާ ގުޅިގެން އެ ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތު މުޙައްމަދު ޢަބްދުއްލަޠީފަށް ދީފައިވެއެވެ. އަދި ސްމޭޝް ކޭއޭ ކްރިޝްޓަން ކުޓީއާއި ކަވްސަރު އަލަމް ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތުދީފައިވެއެވެ.

މި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ތެރެއިން މިކަމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވިކަމަށް ބެލެވޭ ސްމޭޝް ކޭއޭ ކްރިޝްޓަން ކުޓީއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ މީހެއްކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި އޭނާއަކީ މީގެކުރިންވެސް މަސްތުވާތަކެއްޗާއި ބަނގުރާގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ބަނގުރަލާއެކު ހައްޔަރުކޮށްފައިވަނިކޮށް ކޯޓުން ދޫކޮށްލާފައިވާ މީހެކެވެ. އަދި އެ މައްސަލަ މިހާރުވަނީ ކޯޓުގައެވެ. މީގެ އިތުރުން، އޭނާއަކީ މަސްތުވާތަކެއްޗާއި މާރާމާރީގެ ކުށުގެ ރެކޯޑު އޮންނަ މީހެކެވެ.

މުޙައްމަދު ޢަބްދުއްލަޠީފަކީ ވެސް ވައްކަމާއި މާރާމާރީއާއި މަސްތުވާތަކެތީގެ ރެކޯޑު އޮންނަ މީހެއް ކަމަށް ފުލުހުންވަނީ ހާމަކޮށްފައެވެ.