ޚަބަރު

ރިޕޯޓްތައް ހުށަހެޅި ދެ ޕާޓީއަށް ފައިސާ ދޫކުރުމަށް ފިނޭންސަށް ފޮނުވައިފި


އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ތެރެއިން ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރާ އަދަދަށް މެމްބަރުން ތިބި 4 ސިޔާސީ ޕާޓީގެ ތެރެއިން ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހުށަހެޅި 2 ޕާޓީއަކަށް ފައިސާ ދޫކުރުމަށް ފިނޭންސް މިނިސްޓްރީއަށް ފޮނުވައިފިއެވެ.

މިއަހަރުގެ ބަޖެޓް ފާސްކުރިއިރު، ދައުލަތުން ފައިސާދޭން ޖެހޭ އަދަދަށް މެމްބަރުން ހަމަވެފައިވަނީ 4 ސިޔާސީ ޕާޓީއެކެވެ.

ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައިވާ ގޮތުން ސިޔާސީ ޕާޓީތަކުގެ ތެރެއިން ދައުލަތުގެ ބަޖެޓުގެ 0.01 އިންސައްތަ ފައިސާ ސިޔާސީ ޕާޓީތަކަށް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މިއަދަދަށް ފައިސާ ދޫކުރަނީ ސިޔާސީ ޕާޓީތަކުގެ ތެރެއިން 10000 މެމްބަރުން ހަމަވާ ޕާޓީތަކަށެވެ. އަދި ޕާޓީތަކަށް ފައިސާ ދޫކުރުމުގައި އިލެކްޝަނުން ބަލާފައިވަނީ މިއަހަރަށް ބަޖެޓް ފާސްކުރިއިރު 10000 މެމްބަރުން ހަމަވާ ޕާޓީތަކަށެވެ.

މިއަހަރަށް ބަޖެޓް ފާސްކުރިއިރު، ޤާނޫނުގައި ބުނާ އަދަދަށް މެމްބަރުން ތިބީ 4 ޕާޓީއެއްގައެވެ. އޭގެ ތެރޭގައި ހިމެނެނީ ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއާއި، އިދިކޮޅު ޕީޕީއެމްގެ އިތުރުން ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓީއެވެ.

އިލެކްޝަންސް ކޮމިޝަންނަގެ ސެކެޓްރެޓަރީ ޖެނެރަލް ހަސަން ޒަކަރިއްޔާ ވިދާޅުވީ، ޤާނޫނުގައި ވާގޮތުގެ މަތީން ކޮންމަ އަހަރަކުވެސް ސިޔާސީ ޕާޓީތަކުން ހުށަހަޅަންޖެހޭ އަހަރީ ރިޕޯޓާއި، އޮޑިޓް ރިޕޯޓް ހުށަހެޅި ޕާޓީތަކަށް ފައިސާ ދޫކުރުމަށް ފިނޭންސަށް ފޮނުވާފައިވާކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ޕީޕީއެމްއާއި، ޖުމްހޫރީ ޕާޓީކަމަށެވެ. އަދާލަތު ޕާޓީންވެސް މިހާރު ރިޕޯޓްތައް ހުށަހަޅާފަިއވާކަމަށާއި، ކުރިއަށް އޮތް ހަފްތާގައި އަދާލަތު ޕާޓީއަށް ފައިސާ ޖަމާކުރުމަށް ފޮނުވޭނެކަމަށެވެ. މިހާތަނަށް ރިޕޯޓްތައް ނުލިބިވަނީ އެމްޑީޕީ ކަމަށާއި، އެޕާޓީންވެސް މިފެށޭ ހަފްތާގައި ރިޕޯޓައް ލިބޭނެކަމަށް އުންމީދު ކުރާކަމަށް ހަސަން ވިދާޅުވިއެވެ.

"ޕީޕީއެމްއާއި، ޖޭޕީއަށް ފައިސާ ޖަމާކުރުމަށްޓަކައި މިހާރު މިނިސްޓްރީ އޮފް ފިނޭންސްއަށް ފޮނުވާފައިވާނެ. ފިނޭންސުން ޕްރޮސަސް ކުރުމުން އެދެޕާޓީއަށް ފައިސާ ލިބިގެންދާނެ. ދެން ފަހުން ރިޕޯޓް ފޮނުވި އަދާލަތު ޕާޓީއަށްވެސް ފައިސާ ދޫކުރުމަށް އިދާރީ ގޮތުން ކުރަންޖެހޭ ކަންކަން ކުރަމުންދަނީ. ފެށޭ ހަފްތާގައި އެކަން ނިންމާލެވޭ. ދެން އޮތީ އެމްޑީޕީ، އެމްޑީޕީއަށްވެސް ވަނީ ދެންނެވިފަ ވީ އެންމެ އަވަހަކަށް ރިޕޯޓް ފޮނުވުމަށް" ހަސަން ވިދާޅުވިއެވެ.

ހަތަރު ސިޔާސީ ޕާޓީއަކަށް ދޫކުރާ ފައިސާތަކުގެ އަދަދު:
އެމްޑީޕީ، 54،660 މެމްބަރުން، ދޫކުރާ ފައިސާގެ އަދަދު، 15،024،009.96 ރުފިޔާ
ޕީޕީއެމް، 34،237 މެމްބަރުން، ދޫކުރާ ފައިސާގެ އަދަދު، 9،410،483.51 ރުފިޔާ
ޖޭޕީ، 20،107 މެމްބަރުން، ދޫކުރާ ފައިސާގެ އަދަދު، 5،526،669.74 ރުފިޔާ
އަދާލަތު ޕާޓީ، 10،554 މެމްބަރުން، ދޫކުރާ ފައިސާގެ އަދަދު، 2،900،903.79 ރުފިޔާ

ސިޔާސީ ޕާޓީ ތަކުގެ ގާނޫނުގައިވާ ގޮތުން ދައުލަތުގެ ބަޖެޓުން ޕާޓީތަކަށް ދޫކުރެވޭ ފައިސާ އަކީ ދައުލަތުގެ އަހަރީ ބަޖެޓުގެ 0.1 ޕަސަންޓާއި 0.2 ޕަސަންޓާ ދެމެދުގެ އަދަދެކެވެ.

ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި 11 ސިޔާސީ ޕާޓީއެއް އޮތްއިރު، އޭގެ ތެރެއިން ގިނައީ 10،000 މެމްބަރުން ހަމަނުވާ ސިޔާސީ ޕާޓީތަކެވެ. ސިޔާސީ ޕާޓީތަކުގެ ދަފްތަރަށް ބަލާއިރު ދިވެހި ރައްޔިތުންގެ ޕާޓީއާއި މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީގައި, ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައި ބުނާ 3000 މެންބަރުން ހަމަނުވެއެވެ. އެންމެ ފަހުން އިލެކްޝަންސް ކޮމިޝަންގައި ރަޖިސްޓްރީ ކުރި ސިޔާސީ ޕާޓީއަކީ އެމްއެންޕީއެވެ.