ޚަބަރު

61 ރަށެއްގައި ޕޮލިސް ސްޓޭޝަން ޤާއިމްކުރުމުގެ މަޝްރޫޢު އޭޕްރީލްމަހު ފަށަނީ


ރާއްޖޭގެ ވެށީގެ ރައްކާތެރިކަމާއި، ރައްޔިތުންގެ ހައްގުތައް ކަށަވަރު ކުރުމަށްޓަކައި، އަތޮޅު ތެރޭގައި ހިންގޭ ކުށްތައް ހުއްޓުވައި އަމާން މާހައުލެއް ޤާއިމްކުރުމަށް މިއަހަރު ރާއްޖޭގައި 61 ޕޮލިސް ސްޓޭޝަން ޤާއިމްކުރުމަށް ހަމަޖެހިފައިވާކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ޕޮލިސް ސްޓޭޝަން ޤާއިމްކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އިމްރާން ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށެއްގައި ޕޮލިސް ސްޓޭޝަންތައް ޤާއިމްކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ވަރަށް ބޮޑު ތަސައްވަރެއްކަމަށެވެ.

މިނިސްޓަރ ވިދާޅުވީ މިމަސައްކަތުގެ ތެރެއިން މިއަހަރު ރާއްޖޭގެ 61 ރަށެއްގައި ޕޮލިސް ސްޓޭޝަން އެޅުމުގެ މަސައްކަތް ފަށާނެކަމަށެވެ. މިމަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ގޮތާއި، މަސައްކަތް ފަށާނެ ތާވަލް މިހާރު އެކުލަވާލަމުންދާކަމަށް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.

"އަޅުގަނޑު އުންމީދު ކުރަނީ މުޅި ޕްރޮޖެކްޓުގެ މަސައްކަތްވެސް މިއަހަރު ނިމެންވައިރަށް އޮންނާނީ އެއްކޮށް ފެށިފަކަމަށް. އަދި އަންނަ އަހަރުގެ މެދު ތެރެއަށްދާއިރަށް ގިނަ ބައި ނިންމާލެވޭނެކަމަށް. އަދި އަންނަ އަހަރު ނިންމާލެވޭއިރަށް މީގެ ތެރެއިން 80 ޕަސެންޓް ނިންމާލެވޭނެ ކަމަށް ވަރަށް ބޮޑަށް އުންމީދު ކުރަން" މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ ވެށީގެ ރައްކާތެރިކަން ކަށަވަރު ކުރުމަަށް އެންމެ ބޮޑު އިސްކަމެއް ދެއްވަނީ އަތޮޅު ތެރޭގައި ފުލުހުންގެ ޚިދުމަތް ފުޅާކުރުންކަމަށެވެ. އަދި ޕޮލިސް ސްޓޭޝަންތައް އެޅުމަށް ހަވާލުކޮށްފައި ވަނީ އިންޑިއާގެ ކުންފުންޏެއްކަމަށްވާ އޭބީއެލް އިންދިރާ ޕްރޮޖެކްޓްސްއާއެވެ.

އެ ޕްރޮޖެކްޓް ހަވާލުކުރީ 48 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓެކެވެ.