ޚަބަރު

ސިޔާސީ ޙަރަކާތްތައް، ޤާނޫނީ އިމުގެ ތެރެއިން ބޭއްވުމަށް އިލެކްޝަނުން އިލްތިމާސްކޮށްފި


ސިޔާސީ ޕާޓީތަކުން ރާވައިގެން ކުރިއަށްގެންދާ ސިޔާސީ ޙަރަކާތްތައް، ޤާނޫނީ އިމުގެ ތެރެއިން ބޭއްވުމަށް އިލެކްޝަނުން އިލްތިމާސްކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިފަދައިން އިލްތިމާސް ކޮށްފައިވަނީ ސުލްޙަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނާ ޚިލާފަށް ސަލާމަތީ ކަންކަމަށް ބުރުއަރާގޮތަށް އިދިކޮޅު ފަރާތްތަކުން މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ އެއްވުމުގައި ބައިވެރިވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިންވެސް އިލްތިމާސްކޮށްފައިވަނިކޮށެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ ސިޔާސީ ޕާޓީގެ ޤާނޫނުން ޕާޓީތަކަށް ސިޔާސީ ޙަރަކާތްތައް ހިންގުމުގެ މަގު ފަހިކޮށްދީފައިވަނީ، ޤާނޫނުއަސާސީ އާއި ސިޔާސީ ޕާޓީގެ ޤާނޫނާއި ގަވާއިދާއި، ދިވެހިރާއްޖޭގައި ޢަމަލު ކުރަމުންދާ ކަމާބެހޭ އެހެނިހެން ޤާނޫނުތަކާއި ގަވާއިދުތަކުގެ ޙުދޫދުގެ ތެރެއިން ކަމަށެވެ.

ޕާޓީތަކުން އިންތިޒާމުކޮށްގެން ބާއްވާ ބައްދަލުވުންތަކާއި ސިޔާސީ ޙަރަކާތްތައް، ޤާނޫނާއި ގަވާއިދުގެ ޙުދޫދުގެ ތެރޭގައި ދިވެހިރާއްޖޭގެ ދާޚިލީ ހަމަޖެހުމާއި ދައުލަތުގެ ޚާރިޖީ ސިޔާސަތުތަކާއި ޚާރިޖީ ގުޅުންތަކަށް އިޙްތިރާމުކުރުމާއެކު ކުރިއަށް ގެންދެވުމަށާއި ދައުލަތުގެ ރަސްމީ އިދާރާތަކުން އަންގާ އެންގުންތަކަށް ބޯލެނބުމަށް ސިޔާސީ ޕާޓީތަކުގެ ބެލެނިވެރި ފަރާތުގެ ހައިސިއްޔަތުން އިލެކްޝަސް ކޮމިޝަނުން ވަނީ އިލްތިމާސް ކުރައްވާފައެވެ.

ޤާނޫނުތަކާއި ގަވާއިދުތަކުގެ ހުދޫދުގެ ތެރެއިން ކުރިއަށް ގެންދާ ސިޔާސީ ޙަރަކާތްތަކަށް އަބަދުވެސް ފުރިހަމަ އެއްބާރުލުން ދެމުން ގެންދާނެ ކަމަށް އިލެކްޝަނުން ވަނީ ބުނެފައެވެ.