ރަޝިއާއިން "އެކުވެރި ނޫން" ދައުލަތްތަކަށް ތެލާއި ގޭސް ދެން ވިއްކާނީ ޑޮލަރުގެ ބަދަލުގައި ރޫބަލްސް އިން ކަމަށް ބުނުމުން އީޔޫގެ އިސްވެރިން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ޔޫރަޕުން މިވަގުތު އެތެރެކުރާ ގޭހުގެ 40 އިންސައްތައަކީ ރަޝިޔާއިން އެތެރެކުރާ ގޭހެވެ. ރަޝިއާގެ ރައީސް ވްލެޑްމިރް ޕޫޓިން ވަނީ އެޤައުމުން ބޭރުކުރާ ތެލާއި ގޭހަށް "އެކުވެރި ނޫން" ދައުލަތްތަކުން އަގު ދައްކަން ޖެހޭނީ، ރަޝިއާގެ އަމިއްލަ ފައިސާ ރޫބަލްސްއިން ކަމަށް ބުދަ ދުވަހު ބުނެފައެވެ. އެޤައުމުން "އެކުވެރި ނޫން" ދައުލަތްތަކުގެ ގޮތުގައި ކަނޑައަޅާފައިވަނީ އެ ޤައުމާއި ދެކޮޅަށް އިޤްތިޞާދީ ދަތިކުރުމުގެ ފިޔަވަޅުތައް އަޅާ ޤައުމުތަކަށެވެ.
މިމައްސަލައާ ގުޅިގެން ޖަރުމަނުގެ ޗާންސެލަރ އޯލާފް ސްކޯލްޒް ވިދާޅުވީ، ރަޝިއާއަށް ފައިސާ ދައްކަން ޖެހެނީ ކިހިނެތް ކަން ހެދިފައިވާ ކޮންޓްރެކްޓު ތަކުގައި އޮންނާނެ ކަމަށެވެ. އެހެން ކަމުން ރަޝިއާގެ މި ނިންމުންވާނީ ކޮންޓްރެކްޓާއި ޚިލާފުވުން ކަމަށް އޭނާ ސިފަ ކުރެއްވިއެވެ. އޭނާ ވިދާޅުވި ގޮތުގައި މިފަދަ ކަންކަމަށް އާންމުކޮށް ކޮންޓްރެކްޓުތަކުގައި ފައިސާ ދެއްކުމަށް އޮންނަނީ ޔޫރޯ ނުވަތަ ޑޮލަރުން ކަމަށެވެ. އެ ޤައުމުގެ ޗާންސެލަރ މިހެން ވިދާޅުވެފައިވާއިރު ރަޝިއާއިން ޔޫރަޕުގެ ޤައުމަކަށް އެންމެ ގިނައިން ތެލާއި ގޭސް ވިއްކާ ޤައުމަކީ ޖަރުމަނެވެ. އެހެންކަމުން މިކަމުގެ އެންމެ ބޮޑު ތަކުލީފެއް އުފުލަން ޖެހޭނީ ޖަރުމަނުން ކަމަށް ބެލެވެއެވެ.
ޖަރުމަނުގެ ޗާންސެލަރ ވާހަކަތައް އިޓަލީގެ ބޮޑުވަޒީރު މާރިއޯ ދްރާގީވެސް ތަކުރާރުކުރެއްވިއެވެ. އަދި މިއީ ރަޝިއާއިން ކޮންޓްރެކްޓާއި ޚިލާފުވުން ކަމަށް އޭނާވެސް ވިދާޅުވިއެވެ.
މިމަައްސަލާގައި ޔޫރަޕިއަން ކޮމިޝަންގެ ރައީސާ އުރުސަލާ ވޮން ޑެލައިން ވިދާޅުވީ، މިއީ އީޔޫއިން އަޅާފައިވާ އިޤްތިޞާދީ ދަތިކުރުމުގެ ފިޔަވަޅުތަކުން ރެކެން ރަޝިއާއިން ނިންމި ނިންމުމެއް ކަމަށެވެ. ނަމަވެސް އީޔޫން ހަކަތައިގެ ދާއިރާގައި މިފަދަ ބިރުދެއްކުންތަކަށް ފަހަތަށް ނުޖެހޭނެ ކަމަށާއި، އީޔޫން އަޅާފައިވާ އިޤްތިޞާދީ ދަތިކުރުންތައް ދަމަހައްޓާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ރަޝިއާއިން އެޤައުމުގެ ފައިސާގެ އަގު ހިފަހައްޓަން ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. އެގޮތުން މިހާރު އެޤައުމުގެ މައި ގޭސް ކުންފުނި ގޭޒްޕްރޮމްއަށް ރޫބަލްސްއިން ފައިސާ ބަލައިގަތުމުގެ އިންތިޒާމު ހަމަޖެއްސުމަށް ޕޫޓިންވަނީ އަންގަވާފައެވެ. މިގޮތަށް ތެލާއި ގޭސް ރޫބަލްސް އިން ވިއްކަން ފަށައިފި ނަމަ، ހުޅަނގުގެ އިޤްތިޞާދީ ވަކިތަކުން ރަޝިއާއަށް އަމިއްލަ ފައިމައްޗަށް ތެދުވުމުގެ ބާރު އޮންނާނެއެވެ.
ގޭޒްޕްރޮމްގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ ޖަނަވަރީ މަހާއި ހަމައަށް އެކުންފުނިން ވިއްކި ގޭހުގެ 97 އިންސައްތަ ދައްކާފައިވަނީ ޔޫރޯ އަދި ޑޮލަރުންނެވެ.