ޚަބަރު

ކުރެންދޫ ކައުންސިލް ރައީސް ހޮވުމާއި، އަންހެނުންގެ ކޮމެޓީ އިންތިޚާބުތަކުގެ ވޯޓުލުން ކުރިއަށް


ކުރެންދޫ ކައުންސިލް ރައީސަކު ހޮވުމަށް ބާއްވާ އިންތިޚާބާއި، ފ.ނިލަންދޫ އަދި ދ.މީދޫ އަންހެނުންގެ ކޮމެޓީ އިންތިޚާބުގެ ވޯޓުލުން ފަށައިފިއެވެ.

މި 3 އިންތިޚާބުގެ ތެރެއިން އެންމެ ބޮޑު ވާދަވެރިކަމެއް އޮތީ ކުރެންދޫ ކައުންސިލް ރައީސް ހޮވުމަށް ބާއްވާ އިންތިޚާބުގައެވެ. މިއިންތިޚާބުގައި ވާދަކުރަނީ އެމްޑީޕީގެ ފަރާތުން ޢަލީ ނަސީމްއެވެ. ޕީޕީއެމްގެ ފަރާތުން ވާދަކުރަނީ އިސްމާއިލް މަދީހުއެވެ. މިއިންތިޚާބުގައި ކުރެންދޫގައި ބަހައްޓާ 2 ވޯޓު ފޮއްޓަށް 930 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ. މާލޭގައި ބަހައްޓާ ވޯޓު ފޮއްޓަށް، 611 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ. މި އިންތިޚާބުގައި ކުރެންދޫ 1541 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ.

މާލޭގައި ބަހައްޓާ ވޯޓު ފޮއްޓަށް، ކުރެންދޫ ކައުންސިލް ރައީސްގެ ވޯޓާއި، އަންހެނުންގެ ކޮމެޓީތަކުގެ އިންތިޚާބުތަކުގައި 1382 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ.

ނިލަންދޫ އަންހެނުންގެ ކޮމެޓީގެ ގޮޑިއަށް 5 ކެނޑިޑޭޓަކު ވާދަކުރެއެވެ. އެއީ އަމިއްލަ ގޮތުން 3 ކެނޑިޑޭޓުންނާއި، އިދިކޮޅު ޕީޕީއެމްއާއި، އެމްއެންޕީގެ ކެނޑިޑޭޓެކެވެ. މިއިންތިޚާބުގައި ނިލަންދޫގައި ބަހައްޓާ ދެ ވޯޓު ފޮއްޓަށް 1،069 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ.

ދ.މީދޫ އިންތިޚާބުގައި ވާދަކުރަނީ 4 ކެނޑިޑޭޓުންނެވެ. މިއިންތިޚާބުގައި ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއާއި، އެމްއެންޕީއާއި، އެމްޑީއޭގެ އިތުރުން އަމިއްލަ ގޮތުން ކެނޑިޑޭޓަކު ވާދަކުރެއެވެ. މިއިންތިޚާބުގައި މީދޫގައި ބަހައްޓާ 2 ވޯޓު ފޮއްޓަށް 661 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ.

އިންތިޚާބުގެ ކަންކަން ކުރިއަށްދާ ގޮތާއި ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަންސްގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޒަކަރިއްޔާ ވިދާޅުވީ، އިންތިޚާބުގެ ވޯޓުލުން ހުރިހާ ރަށެއްގައިވެސް ފެށިގެން ކުރިއަށްދާކަމަށެވެ. އަދި އިންތިޚާބުގެ ކަންކަން ދަނީ ވަރަށް އަމާންކަމާއި އޮމާންކަމާއިއެކުގައިކަމަށެވެ.

މިތިން އިންތިޚާބުގެ ވޯޓުލުން ކުރިއަށްދާއިރު، އިންތިޚާބުގެ ނަތީޖާތައް ވޯޓުލާ ނިމި ކޮންމެ މަރުކަޒަކުންވެސް އިއުލާންކުރާނެއެވެ. އަދި މާލޭގައި މި ތިން އިންތިޚާބުގެ ނަތީޖާ އިއުލާންކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.