ޚަބަރު

ޤާޟީ ސަމީރަށް ޖޭއެސްސީން ފިޔަވަޅު އަޅައިފި


ޑްރަގް ކޯޓުގެ ގާޟީ މުޙައްމަދު ސަމީރުއަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ފިޔަވަޅު އަޅައިފިއެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަނަށް ހުށަހެޅި މައްސަލައެއް ބެލުމަށްފަހު އެކޮމިޝަނުން ނިންމާފައިވަނީ ސަމީރަށް ފިޔަވަޅު އެޅުމަށެވެ.

ސަމީރަށް ފިޔަވަޅު އަޅާފައިވަނީ ކްރިމިނަލް ކޯޓަށް ހުށަހެޅުނު ޖިންސީ ފުރައްސާރައިގެ މައްސަލައެއްގެ މުއްދަތު މަޖިލީހުގައި، މައްސަލަ ރައްދުވާ ފަރާތުގެ އެ ޢަމަލަކީ ވަރަށް އާދައިގެ ކަމެއްކަމަށް ދޭހަވާގޮތަށް ވާހަކަ ދައްކަވާފައިކަމަށާއި ބަންދުގައި ބަހައްޓަން ނިންމެވީ ބަންދުން ދޫކޮށްލައިފިނަމަ ނޫސްތަކުގައި އެ ވާހަކަ ޖަހާނެތީކަމާއި އަބަދުވެސް ގޯސްވެފައި އޮންނަނީ ކޯޓު ކަމަށް ބުނެ ވާހަކަ ދައްކާފައިވާކަން ތަޙުޤީޤަށް ސާބިތުވެފައިވާތީ އެވެ.

ޤާޟީ މުޙައްމަދު ސަމީރުގެ މި ޢަމަލަކީ، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާއި ޚިލާފަށް ކޮށްފައިވާ ޢަމަލަކަށްވާތީ، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނުގެ ދަށުން، ނަޞޭޙަތް ދިނުމާއެކު ކޮމިޝަނުން ކަނޑައަޅާ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަ ކުރުމަށް ޤާޟީ މުޙައްމަދު ސަމީރު އަށް އެންގުމަށް ޖޭއެސްސީން ވަނީ ނިންމާފައެވެ.