ޚަބަރު

އިދިކޮޅުން މަސައްކަތް ކުރީ ފިތުނަ އުފައްދާ، ސިޔާސީ މަންފާ ހޯދުމަށްކަން ހާމަވެއްޖެ: އަލީ ޒާހިރު


ސަރުކާރާއި އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރީ ފިތުނަ އުފައްދައި، އަމިއްލަ ސިޔާސީ މަންފާ ހޯދުމަށްކަން މިއަދު ހާމަވެފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ވިދާޅުވެއްޖެއެވެ. އަލީ ޒާހިރު މިހެން ވިދާޅުވީ މިއަދު ސިޓީގައި ހުޅުވި ފުލުހުންގެ ލޯ އެންފޯސްމަންޓް ޔުނިޓާއި ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުން ދައްކަވަމުންދާ ވާހަތަކަށް ރައްދު ދެއްވަމުންނެވެ.

އައްޑޫ ސިޓީގައި ޤާއިމްކޮށްފައިވާ ނޭޝަނަލް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް ޔުނިޓާއި ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކާއި ގުޅިގެން ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަރވިއުއެއްގައި އަލީ ޒާހިރު ވިދާޅުވީ މިއަދު މިސެންޓަރު ހުޅުވުމާއިއެކު ވަރަށް ގިނަ ހަގީގަތްތަކެއް ހާމަވެގެން ގޮސްފައިވާކަމަށެވެ. މީގެ ކުރިން އެތަނުގެ މަސައްކަތް ހިނގަމުންދިޔައިރު ތަފާތު އެކިއެކި، ވާހަކަ ފަތުރަމުންދިޔަ ކަމަށާއި، އެތަނަކީ އިންޑިއާގެ މިލިޓަރީ ބޭސްއެއްގެ ގޮތުގައި، ހަދާތަނެއްގެ ގޮތުގައާއި، އަދި އެތަނުގެ އިންޑިއާ ސިފައިން ގާއިމްވެ ތިބޭނެކަމުގެ ވާހަކަ ދައްކަމުން ދިޔަކަމަށެވެ.

"އެހެންނަމަވެސް މިއަދު އެތަން ރަސްމީގޮތުން ދިވެހި ސަރުކާރާއި، ހަވާލުކުރެވި އެތަނުގެ މަސައްކަތް ނިމި ހުޅުވިގެން މިދިޔައީ. އަޅުގަނޑުމެންނަށް ވަރަށް ސާފުކޮށް ފެނިގެން މިދިޔައީ އަޅުގަނޑުމެން ޤައުމުގެ ޤާނޫނުތައް ތަންފީޒުކުރާ ހުރިހާ އިދާރާއަކަށްވެސް އެތަނުގެ ބޭނުން ހެޔޮގޮތުގައި ހިފޭނެ ގޮތަށް ހަދާފައިވާ ތަނެއްގެ ގޮތުގައި. ފުލުހުން އެތަން ބެލެހެއްޓި ކަމުގައި ވީނަމަވެސް އެހެނިހެން އިދާރާތަކުގެ ޕްރޮގުރާމުތައްވެސް އެތަނުގައި ހިންގޭ ގޮތަށް ތަފާތު އެކިއެކި ފެސިލިޓީސްތަކާއި އެކު އެތަން ހެދިފައިވަނީ." އަލީ ޒާހިރު ވިދާޅުވިއެވެ.

މިސެންޓަރަކީ ދައުލަތުގެ ތަންފީޒީ އިދާރާތަކުގެ އިތުރުން އައްޑޫ ސިޓީގެ ރައްޔިތުންނަށްވެސް އެތަނުގެ ބޭނުން ހިފޭނެ ގޮތަކަށް އެފުރުސަތު ފަހިކޮށް ދީފައިވާ ތަނެއްކަމަށް އަލީ ޒާހިރު ވިދާޅުވިއެވެ. އެއްވެސް ހަގީގަތެއް ނެތް ގޮތަށް އިދިކޮޅު ފަރާތްތަކުން ވަކި ޤައުމެއްގެ އަގުވައްޓާލައި ރައްޔިތުންގެ ހިތްތަކުގައި ޤައުމިއްޔަތާއިމެދު ސުވާލު އުފައްދަމުން ދަނީ ސިޔާސީ އަދި އަމިއްލަ މަންފާއަށްޓަކައިކަން މިއަދު ހާމަވެގެން ގޮސްފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ މިމޭރުމުން ވަރަށް ގިނަ އިތުރުވާކަތަކެއް، ފިތުނަ އުފެދޭ ގޮތަށް އަޅުގަނޑުމެންގެ ތެރޭގައި ދައްކަމުން އެބަދޭ. މިއީ އެއްވެސް ކަހަލަ އިޚުލާސްތެރިކަމެއްނެތި، ހަމައެކަނި ސިޔާސީ މަންފާއެއް ހޯދުމަށްޓަކައި ރައްޔިތުންގެ ހިތްތަކުގައި ޝައްކު އުފެއްދުމަށް ތިމާމެންގެ ސިޔާސީ އެޖެންޑާ ކުރިއަށް ނެރުމުގެ ބޭނުމުގައި، ހަމައެކަނި ވަސީލަތެއްގެ ގޮތުގައި ރައްޔިތުންގެ ހިތްތަކާއި ކުޅެލުމަށްޓަކައި މިބާވަތުގެ ވާހަތައް ފަތުރަމުންދަނީ." އަލީ ޒާހިރު ވިދާޅުވިއެވެ.

މިސެންޓަރުގެ އިތުރުން އިންޑިއާގެ އެހީތެރިކަމާއިއެކު އުތުރު ތިލަފަޅު ކޯސްޓްގާޑު ބަނދަރަކީވެސް ހަމަ މިފަދަ ތުހުމަތުތައް ކޮށް ރައްޔިތުންގެ ހިތްތަކުގައި ނުތަނަވަސްކަން އުފެއްދުމަށް ބޭނުންކުރާ ވަސީލަތެއްކަަމަށް އަލީ ޒާހިރު ވިދާޅުވިއެވެ. އެތަނުގެ މަސައްކަތް ނިމި އެތަންވެސް ދިވެހި ސަރުކާރާއި ހަވާލުކުރެވި ކޯސްޓްގާޑުން މިބަނދަރުގެ ބޭނުން ކުރަމުންދިއުމުން މިކަމުގެ ހަގީގަތްވެސް ރައްޔިތުންނަށް ހާމަވާނެކަމަށް އަލީ ޒާހިރު ވިދާޅުވިއެވެ.

އަލީ ޒާހިރު ވަނީ ސިޔާސީ މަންފާ ހޯދުމަށް ރައްޔިތުންގެ ހިތްތަކުގައި މިފަދަ ޝައްކު އުފެދޭ ގޮތަށް ޤައުމިއްޔަތާއި ވަތަނިއްޔަތާއިމެދު ސުވާލުއުފެދޭ ގޮތަށް އެއްވެސް ފަރާތަކުން އަމަލު ނުކުރުމަށް އިލްތިމާސް ކުރައްވާފައެވެ.