ޚަބަރު

ކަނޑުގެ ސަރަހައްދުގެ ރައްކާތެރިކަމަށް ޤާއިމްކުރި ރާޑަރު ސިސްޓަމް އިފްތިތާހުކޮށްފި


ދިވެހިރާއްޖޭގެ އިޤްތިޞާދީ ކަނޑުގެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި އަދި މެރިޓައިމް ސާރޗް އެންޑް ރެސްކިޔު އޮޕަރޭޝަންތަކުގެ ބޭނުމުގައި ކޯސްޓަލް ސަރވެއިލަންސް ސިސްޓަމެއް ޤާއިމްކޮށްފިއެވެ.

ވިލިމާލޭގައި ޤާއިމުކޮށްފައިވާ މިސިސްޓަމް އިފްތިތާހުކޮށްދެއްވީ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު އެސް ޖަޔަޝަންކަރެވެ.

ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މިމަޝްރޫޢުގެ ދަށުން ދިވެހިރާއްޖޭގެ 10 ސަރަހައްދެއްގައި ކޯސްޓަލް ރާޑަރ ސިސްޓަމްވަނީ ޤާއިމުކޮށްފައެވެ. މިމަޝްރޫޢުގެ މަސައްކަތް ކުރިއަށް ގެންދިޔައީ އިންޑިއާ ސަރުކާރުގެ ހިލޭއެހީގެ ދަށުންނެވެ. މި ރާޑަރ ސްޓޭޝަންތައް މިހާރު އޮޕަރޭޓް ކުރުމުގައި ހަރަކާތްތެރިވަނީ އެމްއެންޑީއެފް ކޯސްޓްގާޑްގެ މިކަމަށް ޚާއްޞަ ތަމްރީން ލިބިފައިވާ ދިވެހި ސިފައިންނެވެ.

މި ރާޑަރު ސިސްޓަމަކީ ސްރީލަންކާ، އިންޑިއާ، އަދި މޮރިޝަސް، ސީޝެލްސްގައި ގާއިމުކޮށްފައިވާ ސިސްޓަމުތަކާއި އެއް ވިއުގަ އަކުން ގުޅާލެވޭނެ ނިޒާމެކެވެ. އެމްއެންޑީއެފުން ބުނީ އެ ސިސްޓަމްގެ ސަބަބުން އެ މުއައްސަސާގެ ޤާބިލުކަން އިތުރަށް ފުޅާވާނެކަމަށެވެ. އަދި އެމްއެންޑީއެފްގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރުމަށް އިތުރު ލުއިފަސޭހަތަކެއް ލިބޭނެކަމަށް ވެސް އެ މުއައްސަސާއިން ބުނެއެވެ.