ޚަބަރު

ސަގާފީ ތަރިކައަށް ގެއްލުން ލިބޭގޮތަށް މަސައްކަތް ނުކުރުމަށް އިލްތިމާސްކޮށްފި


ސަގާފީ ތަރިކައަށް ގެއްލުން ލިބޭގޮތަށް އަމިއްލަ ފަރާތްތަކާއި ކައުންސިލްތަކުން މަސައްކަތް ނުކުރުމަށް ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން އިލްތިމާސްކުރައްވައިފިއެވެ. އެ މަރަކަޒުން ނެރުނު ނޫސްބަޔާނެއްގައި، ފަހަކަށް އައިސް ބައެއް ރަށްރަށުގައި ހުރި ސަގާފީ ތަރިކަތަކަށް ބެލުމެއްނެތި ތަރައްޤީގެ މަޝްރޫޢުތައް އެކި ފަރާތްތަކުން ކުރިއަށްގެންދާކަން ފާހަގަކޮށްފައިވެއެވެ.

ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ވިދާޅުވީ، މި ފަހަކަށް އައިސް ރަށްރަށުގައި ހުރި އާސާރީ މިސްކިތް، ވެވު، ހަވިއްތަ ފަދަ އާސާރުތަކަށް ގެއްލުން ލިބޭގޮތަށް މަސައްކަތް ކުރަމުންދާކަމުގެ ކަންބޮޑުވުން އިތުރުވެފައިވާކަމަށެވެ. އަދި ބައެއް ކައުންސިލުތަކުން ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްގެންދާއިރު ތަރިކައަށް ކޮށްފާނެ އަސަރު ބެލުމަށްޓަކައި ހަދާ އެސެސްމަންޓް ހެދުމެއްނެތި އަދި އެ މަރުކަޒުގެ ހުއްދައަކާ ނުލައި ކުރިއަށްގެންދާކަން ފާހަގަކުރެވިފައިވާކަމަށެވެ.

އާސާރީ ތަންތަން ރައްކާތެރިކުރެވޭނެ ގޮތެއް ނުހޯދައި، އެ ތަންތަނަށް ކުރާނެ އަސަރަށް ބެލުމެއްނެތި ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްގެންދިއުން ވެގެންދާނީ އެ ތަރިކައެއް ނިސްބަތްވާ ރަށަކާއި މުޅި ރާއްޖޭގެ އަންނާން އޮތް ޖީލުތަކަށް ލިބޭ އިއާދަނުކުރެވޭ ވަރުގެ ގެއްލުމެއްކަމަށް ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ވިދާޅުވެއެވެ. އެހެންކަމުން ސަގާފީ ތަރިކައާ ގުޅޭ ތަންތަނުގައްޔާއި އެތަންތަނުގެ ކައިރީގައި ކުރާ މަސައްކަތްތައް ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ޤާނޫނު އަދި މި ޤާނޫނާ ގުޅިގެން އާންމުކޮށްފައިވާ ދިވެހިރާއްޖޭގެ ސަގާފީ ތަރިކަ ރައްކާތެރިކުރުމުގެ ގަވާއިދުގައިވާ ގޮތުގެ މަތިން ކުރެއްވުމަށް އެންމެހައި ފަރާތްތަކަށް އެ މަރުކަޒުން ވަނީ ދަންނަވާފައެވެ.

މި ޤާނޫނުގެ 49 ވަނަ މާއްދާގައި ބަޔާންކުރާ ލޯކަލް ކައުންސިލުތަކުގެ ޒިންމާ އެ ކައުންސިލުތަކުން އަދާކުރެއްވުމަށާއި، މި ޤާނޫނުގެ 50 ވަނަ މާއްދާގައި ބަޔާންކުރާ އާންމު ފަރާތްތަކުގެ ޒިންމާ އެ ފަރާތްތަކުން އަދާކުރެއްވުމަށާއި، މި ޤާނޫނުގެ ރޫހާ އެއްގޮތަށް ޤާނޫނަށް ހުރުމަތްތެރިކޮށް ހިތުމާއެކު އަމަލުކުރުމަށް ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ވަނީ ހަނދާންކޮށްދީ އިލްތިމާސްކުރައްވާފައެވެ. އަދި ޤާނޫނާއި ގަވާއިދާ އެއްގޮތަށް އަމަލުނުކުރައްވާ ފަރާތްތަކާ މެދު ޤާނޫނީ ފިޔަވަޅު އަޅަމުންދާނެކަމަށްވެސް އެ މަރުކަޒުން ވިދާޅުވެއެވެ.

ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ޤާނޫނުގައި ހިމެނޭ އާސާރީ ބިނާތަކާއި، އާސާރީ ސަރަޙައްދުތަކާއި، މަޢުނަވީ ސަގާފީ ތަރިކައާއި، ހިމާޔަތްކުރެވިފައިވާ ސަރަޙައްދު ބަޔާންކޮށް، ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ. މި ތަރިކައިގެ މައްޗަށް އޮތް ދަޢުލަތާއި ފަރުދުންގެ ޒިންމާއާއި، ދިވެހިރާއްޖޭގެ ސަގާފީ ތަރިކައާބެހޭ ދިރާސާތައް ކުރެވޭނެ ގޮތްތަކާއި، މި ތަރިކައާމެދު އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ އިތުރުން ސަގާފީ ތަރިކައަށް ގެއްލުން ލިބޭފަދަ ގޮތަށް ހިންގާ އަމަލުތަކަކީ ކުށެއްގެ ގޮތުގައި ބަޔާންކޮށްފައިވެއެވެ. މި ޤާނޫނުގައި ބުނެފައިވާ ސަގާފީ ތަރިކަ ރައްކާތެރިކުރުމުގެ މަސައްކަތް ކުރުމަށް ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒު އުފައްދައި މި ޤާނޫނު ތަންފީޒު ކުރުމުގެ މައިގަނޑު ޒިންމާ ވަނީ އެ މަރުކަޒާ ޙަވާލުކޮށްފައެވެ.

މި ޤާނޫނުގެ 35 ވަނަ މާއްދާއާއި މި ޤާނޫނާ ގުޅިގެން އާންމުކޮށްފައިވާ ދިވެހިރާއްޖޭގެ ސަގާފީ ތަރިކަ ރައްކާތެރިކުރުމުގެ ގަވާއިދުގެ 56 ވަނަ މާއްދާގައި ސަގާފީ ތަރިކައާ ގުޅޭ މަސައްކަތްތައް ކުރުމުގެ ކުރިން ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުގެ ހުއްދަ ހޯދުމަށް ބަޔާންކޮށްފައިވެއެވެ. އަދި މި ޤާނޫނުގެ 36 ވަނަ މާއްދާގައި ތަރައްޤީގެ އެއްވެސް މަޝްރޫޢެއް ކުރިއަށްގެންދިއުމުގެ ކުރިން ސަގާފީ ތަރިކައަށް ގެއްލުމެއްވެދާނެތޯ ބަލަންޖެހޭ ކަމަށް ބަޔާންކޮށްފައިވެއެވެ.