ސްކޫލް އުމުރަކީ ލިބޭ ރަނުގެ ފުރުޞަތެއްކަމަށާއި، ސްކޫލް ދައުރުގެ ބޭނުން ދަރިވަރުން ހެޔޮގޮތުގައި ހިފަން އަޒުމު ކަނޑައަޅަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް މިފަދައިން ވިދާޅުވީ، ކުޅިވަރުގެ ރޮނގުން ދަރިވަރުން ހޯދާ ކާމިޔާބީ ޤައުމީ ފެންވަރުގައި ފާހަގަކުރުމަށް ދެމުން އަންނަ "ކަލަރސް އެވޯޑްސް" ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވި ކަލަރސް އެވޯޑްސް 2020-2019 ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވީ، މި ސަރުކާރުން އެންމެ އިސްކަމެއްދޭ ކަމެއްގެގޮތުގައި އޮތީ ދުޅަހެޔޮ މުޖުތަމަޢުއެއް ބިނާކުރުމަށް ކުރަންޖެހޭ ކަންކަން ކުރުންކަމަށެވެ. ވަކިން ޚާއްސަކޮށް ދަރިވަރުންގެ ދުޅަހެޔޮކަމާއި ޞިއްޙަތަށް ޚާއްސަ އިސްކަމެއް ސަރުކާރުން ދެއްވާކަމަށާއި މި ސަރުކާރުގެ ފެށުންވެސް ވެގެންދިޔައީ ކުޅިވަރުގެ ޢީދަކުންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ނައިބު ރައީސް ވިދާޅުވީ، ސަރުކާރުން އަލަށް ތަޢާރަފުކުރި ނާސްތާ ޕްރޮގްރާމަކީވެސް މިރޮނގުން ކުރެވުނު މުހިއްމު މަސައްކަތެއްކަމަށެވެ. އަދި މީގެ ސަބަބުން ވަރަށް ގިނަ ފައިދާތަކެއް ދަރިވަރުންނަށް ކުރިކަމަށާއި، ކުޅިވަރުގެ ހަރަކާތްތަކުގައި ދަރިވަރުން ޝާމިލުވާ މިންވަރު އިތުރުކުރެވުނުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ނައިބު ރައީސްގެ ވާހަކަފުޅުގައި ސްކޫލް ދުވަސްވަރަކީ ވަރަށް މުހިއްމު ދުވަސްވަރެއްކަން ފާހަގަކުރައްވާ، އެ ދުވަސްތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް އަމިއްލަފުޅު ތަޖުރިބާގެ އަލީގައި ދަރިވަރުންނަށް ވަނީ ނަސޭޙަތްތެރިވެވަޑައިގެންފައެވެ.
"ސްކޫލް އުމުރަކީ ލިބޭ ރަނުގެ ފުރުޞަތެއް. ސްކޫލް ދުވަސްވަރު ދަރިވަރުން ހެޔޮގޮތުގައި ބޭނުންކުރުމަށް އަޒުމު ކަނޑައަޅަންޖެހޭ. ހަމައެކަނި ތައުލީމު އުނގެނުމަކީ މަދަރުސާގެ ހަތަރު ފާރުގެ ތެރޭގައި އޮންނަކަމެއްނޫން. ކުޅިވަރުންވެސް އެތައްކަމެއް ދަސްވޭ. ހެލިފެލިވެ ކަސްރަތުކޮށް އުޅޭ ބަޔަކަށް އަޅުގަނޑުމެން ވާންޖެހޭ" ނައިބު ރައީސް ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު ޢަލީ ވިދާޅުވީ، ކުޅިވަރަކީ ވާދައިގެ މުބާރާތްތަކުގައި ވަނަ ހޯދުން ކަމުގައިވާނަމަ، އެކަމުން، ކުޅިވަރުގެ ޙަޤީޤީ މަންފާއެއް ނުލިބޭނެކަމަށެވެ. ކުޅިވަރު ވާންޖެހޭނީ ދިރިއުޅުމުގެ ވައްޓަފާޅިއަކަށްކަމަށާއި އެއީ ހުރިހާ ޢުމުރެއްގައިވެސް ހަށިގަނޑަށް އަދާކޮށްދޭން ޖެހޭ ޙައްޤެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އެކަން ގުޅިފައިވަނީ ހަމައެކަނި އެކި ފަރުދުންގެ އަޚްލާޤީ ސިފަތަކަކާ އެކަނި ނޫންކަމަށާއި، މިއީ ޤައުމީ ތަރައްޤީއާވެސް ގުޅިފައިވާ ކަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ، ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށް ހުރިހާ އުމުރެއްގެ މީހުންވެސް މަސައްކަތް ކުރަންޖެހޭނެކަމަށެވެ. އަދި ވަކިން ޚާއްޞަކޮށް މަދަރުސާ ދައުރުގައި ހީވާގިކޮށް ހަރަކާތްތެރިވެ އުޅުމުގެ އާދަކާދަ ލިބިގަންނަންވާނެކަމަށް އެކަމަނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ޘަޤާފަތް އޮންނަގޮތުން މަދަރުސާގައި ބޮޑަށް އަހައްމިއްޔަތުކަން ދެވެނީ ދަރިވަރުން ހޯދާ ގްރޭޑަށް ނުވަތަ ނަތީޖާއަށް. އެހެންކަމުން ކުޅިވަރާއި ހުނަރު ތަރައްޤީކުރަން ދަރިވަރުންނަށް ލިބޭ ފުރުޞަތުތައްވަނީ ހަނިވެފައި. ކިޔެވުމަށް ދަށްވެދާނެތީ ނުވަތަ ޓިއުޝަން ގަޑި ކަޓާފާނެތީ ކުޅިވަރުތަކުގައި ދަރިން ބައިވެރިކުރުމަށް ބެލެނިވެރިން ފަސްޖެހޭ. ނަމަވެސް ދުޅަހެޔޮ ހަށިހެޔޮ ދަރިވަރެއް ބިނާކުރުމަށްޓަކައި އުނގެނުމުގެ އިތުރުން އެހެން ހުނަރުތަކެއް ދަރިވަރުން ގައިގައި އަށަގަންނުވަންޖެހޭ" މިނިސްޓަރ ޑރ. އައިޝަތު ޢަލީ ވިދާޅުވިއެވެ.
"ކަލަރސް އެވޯޑްސް"އަކީ ސްކޫލްތަކާއި ދަރިވަރުން އަދި ބެލެނިވެރިން ކުޅިވަރަށް ކުރާ ހޭދައާއި ހޯދާ ކާމިޔާބީގެ އަގުވަޒަންކޮށް ޤައުމީ ފެންވަރުގައި ދަރިވަރުންގެ ކާމިޔާބީ ފާހަގަކުރުމުގެގޮތުން ދެމުން އަންނަ އެވޯޑެކެވެ. މި އެވޯޑް ތަޢާރަފްކޮށްފައިވަނީ 2014 ވަނަ އަހަރުއެވެ. މިއަހަރުގެ އެވޯޑް ރަސްމިއްޔާތުގައި ކުޅިވަރުގެ އެކި ދާއިރާތަކުން 232 އެވޯޑު 225 ދަރިވަރަކަށް ލިބިފައިވެއެވެ.