ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓް ސަރަހައްދުގައި ވަގުތީ މިސްކިތެއް ހުޅުވައިފިއެވެ.
މި ވަގުތީ މިސްކިތް ހުޅުވައިދެއްވީ އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރެވެ.
މިސްކިތް ހުޅުވައިދެއްވުމަށްފަހު މިނިސްޓަރ ވަނީ މިސްކިތުގެ އިންތިޒާމްތައް ބައްލަވާލައްވާފައެވެ.
ރަމަޟާން މަހު ހިޔާ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ލުއި ފަސޭހަކޮށްދިނުމުގެ ގޮތުން ބިނާކުރެވުނު ވަގުތީ މިސްކިތުގެ މަސައްކަތްނިންމައި، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަހްމަދު ޒާހިރު ވަނީ މިމިސްކިތް ހުޅުވައިދެއްވާފައި#މަގޭހިޔާ pic.twitter.com/cy4Af1uZFr
— HDC (@hdcmaldives) March 31, 2022
މިއީ ހިޔާ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ރަމަޟާންމަހު ލުއި ފަސޭހަކޮށްދިނުމުގެ ގޮތުން ބިނާކުރި ވަގުތީ މިސްކިތެކެވެ. މި މިސްކިތުގައި އެއްފަހާރާ ގާތްގަނޑަކަށް 400 މީހުންނަށް ނަމާދުކުރެވޭނެކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ގިނަ އަދަދެއްގެ މީހުން އާބާދުވާން ފަށާފައިވާއިރު، އެ ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ޤާއިމުކޮށްދިނުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އެގޮތުން ވަގުތީ މިސްކިތްތަކާއި، މިސްކިތްތަކާއި، ޕްރީ ސްކޫލް އަދި ސްކޫލް އިމާރާތްތަކާއި، ވިޔަފާރިއާއި އެހެނިހެން ބައެއް ޚިދުމަތްތައް ތަރައްޤީކުރުމަށް އެޗް.ޑީ.ސީންނާއި ކަމާގުޅޭ މުއައްސަސާތަކުން ދަނީ މަސައްކަތް ކުރަމުންނެވެ.