ޚަބަރު

މެލޭޝިޔާގައި ރޯދަ ބުފޭއަށް ތަރުޙީބު


މެލޭޝިޔާގައި ކޯވިޑް-19ގެ ޙާލަތަށްފަހު އިޤްތިޞާދީ މަންސަތައް ހުޅުވާލަމުންދާ ދަނޑިވަޅުގައި މީގެ 2 އަހަރު ކުރިއެކޭ އެއްގޮތަށް ރޯދަ ބުފޭތައް ބާއްވަން ވަނީ ފަށާފައެވެ.

މެލޭޝިޔާގެ ވިޔަފާރިވެރިން ބުނާގޮތުން މި ބުފޭތަކަށް ދަނީ ބޮޑު ތަރުޙީބެއް ލިބެމުންނެވެ.

މެލޭޝިޔާގެ އެކި ސަރަޙައްދުތަކުގެ ހޮޓާ ރެސްޓޯރަންޓްފަދަ ތަންތަނުގެ ތެރެއިން ޙަލާލު ސެޓްފިކެޓް ދީފައިވާ ތަންތަނުން ރޯދަމަހަށް ޚާއްޞަކޮށްގެން ހާރުދަމަށާއި ރޯދަ ވީއްލުމަށް ބާއްވާ ބުފޭތަކަށް ޢާއްމުންގެ ބޮޑު ތަރުޙީބެއް އޮވެއެވެ. ޕެންޑަމިކް ތެރޭގައި އެއްވުންތައް މަނާވެފައި އޮތުމުން ފާއިތުވި 2 ރޯދަމަހުވެސް ޢާއްމު ތަންތަނުގައި މީހުން އެއްވެގެން ބާއްވާ ބުފޭތައް ބާއްވާފައެއް ނުވެއެވެ. ނަމަވެސް މި ފިޔަފާރި މިއަހަރުގެ ރޯދަމަހު އަލުން ފަށާފައިވާއިރު، ޢާއްމުންގެ ބޮޑު ތަރުޙީބެއް ލިބެމުންދާކަމަށް ވިޔަފާރިވެރިން ބުނެއެވެ.

ކާބޯތަކެތީގެ ޚިދުމަތްދޭ ބައެއް ތަންތަނުން ބުނާގޮތުން ރޯދަމަސް ފެށުމުގެ 2 ހަފްތާ ކުރިން ބުފޭތަކުގެ ޖާގަ ވަނީ މުޅިން ފުރިފައެވެ. އަދި ބުފޭތަކަށް ދޫކުރާ ވައުޗަރުތައްވެސް ބާރަށް ވިކެމުންދާކަމަށާއި، އާދަކާދައަށް ބަލާއިރު ރޯދަމަހުގެ 2 ވަނަ ހަފްތާގައި ބުފޭތަކަށް އޮންނަ ތަރުޙީބު އިތުރުވެގެންދާނެކަމަށް ބެލެވޭކަމަށްވެސް އެފަރާތްތަކުން ހާމަކުރެއެވެ.

މެލޭޝިޔާގެ ހޮޓާ ރެސްޓޯރަންޓުތަކުގެ އިތުރުން ގެސްޓްހައުސްތަކުންވެސް ދަނީ އަގުބޮޑުކޮށް ބާއްވާ ޝާހީ ބުފޭތަކަށް މިއަހަރުގެ ރޯދަމަހު ރަނގަޅު ތަރުޙީބެއް ލިބޭނެކަމަށް އުއްމީދުކުރަމުންނެވެ.

އެހެން އަހަރުތަކާއި ޚިލާފަށް މިއަހަރު މެލޭޝިޔާގެ ރޯދަ ބުފޭތަކުގެ އަގު ވަނީ އުފުލިފައެވެ. ޚަބަރުތައް ބުނާގޮތުން ތަކެތީގެ އަގު އުފުލިފައިވުމުގެ ސަބަބުން ބުފޭތަކުގެ އަގު ވަނީ 15 އިންސައްތައާއި 20 އިންސައްތައާއި ދެމެދުގައި އުފުލިފައެވެ. ބައެއް ވިޔަފާރިވެރިން ހާމަކުރާގޮތުން އެވްރެޖްކޮށް ކެއުމަކުން 10 ރިންގިޓު މިފަހަރު އަގުބޮޑެވެ. ނަމަވެސް މި ވިޔަފާރިއަށް ޑިމާންޑު އެބައޮތްކަމަށާއި، އަގު ބޮޑު ވުމުން ވަކި ތަފާތެއް އަދި ނުފެންނަކަމަށް ވިޔަފާރިވެރިން ފާހަގަކުރެއެވެ.

ބުފޭތަކުގެ އިތުރުން މެލޭޝިޔާގައި ރޯދަމަހަށް ޚާއްޞަކޮށް ކާބޯތަކެތީގެ ވިޔަފާރިކުރުންވެސް ވަނީ އިތުރުވެފައެވެ. އެގޮތުން މާރުކޭޓުތަކާއި ބާޒާރުމަތީގެ ކާރޫބާރޫ ބޮޑުވެފައިވާތީ ތޮށްޖެހުން ކުޑަކުރުމަށް ބައެއް ސަރަޙައްދުތަކުގެ މަގުތަކުގެ ޓްރެފިކް ޚާއްޞަގޮތެއްގައި ބަލަހައްޓާނެކަމަށް އިދާރާތަކުން ހާމަކޮށްފައިވެއެވެ.