ޚަބަރު

3 ދާއިރާއަކުން ތަމްރީންވުމުގެ ފުރުޞަތު ހިލޭ ދެނީ


މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި ވޯލްޑް ބޭންކް ގުޅިގެން ހިންގަމުންދާ "ކޯވިޑް-19 އިމަރޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓް"ގެ ދަށުން، އިތުރު ޕްރޮގްރާމްތަކެއް ހިންގުމަށް އިކޮނޮމިކް މިނިސްޓްރީން އިޢުލާންކޮށްފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ވިދާޅުވީ، މިއީ ކޯވިޑް-19 އާ ގުޅިގެން އާމްދަނީއަށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތަކަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދިނުމަށް ހިންގާ ޕްރޮގްރާމްތަކެއްކަމަށެވެ. މި ޕްރޮޖްކެޓުގެ ދަށުން ވަޒީފާއަށް ބޭނުންވާ ތަމްރީން އަދި ކޯހާއި އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް ވިޔަފާރި ކުރުމަށް ބޭނުންވާ ހުނަރާއި އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި ޕްރޮޖެކްޓުގެ ދަށުން މައިގަނޑު 3 ޕްރޮގްރާމެއް ހިންގުމަށް ހަމަޖެހިފައިވެއެވެ. އެއީ؛

  • އެކައުންޓިން، އިންފޮމޭޝަން ޓެކްނޮލޮޖީ އަދި ޑައިވިންގގެ ދާއިރާއިން ތަމްރީން ޕްރޮގްރާމްތައް
  • އެޕްރެންޓިސްޝިޕް ޕްރޮގްރާމް
  • އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ޕްރޮގްރާމް


މި ޕްރޮޖެކްޓުގެ ދަށުން ރާވާފައިވާ ޕްރޮގްރާމްތަކަށް އެދި ހުށަހެޅުމަށް މިމަހުގެ ތެރޭގައި ހުޅުވާލެވޭނެކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއެވެ. އަދި، ވަކިވަކި ޕްރޮގްރާމްތަކަށް ފޯމު ހުށަހެޅުމަށް ކަނޑައަޅާ ސުންގަޑިތައް ޖޮބް ސެންޓަރ ވެބްސައިޓުގައި ޝާއިޢު ކުރެވިގެންދާނެކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ.

އިކޮނޮމިކް މިނިސްޓްރީން އާއްމުކޮށްފައިވާ "ކޯވިޑް-19 އިންކަމް ސަޕޯޓް ޕްރޮޖެކްޓުގެ ދަށުން އަޕްސްކިލިންގ އަދި ޓްރެއިނިންގް ޕްރޮގްރާމް ހިންގުމުގެ އުޞޫލު"ގައިވާގޮތުން މި ޕްރޮގްރާމުގައި ބައިވެރިވެވޭނީ ވަޒީފާއަކަށް ނުދާ ނޫނީ ޕާޓް ޓައިމް ވަޒީފާއެއްގައި އުޅޭ 16 އަހަރާއި 65 އަހަރާ ދެމެދުގެ ފަރާތްތަކަށެވެ.

މި ޕްރޮގްރާމުގެ ދަށުން ކޯސްތަކުގެ ރެޖިސްޓްރޭޝަން ފީ، ފޮތް އެލަވެންސް، ޓިއުޝަން ފީ، އެގްޒެމިނޭޝަން ފީ، އަދި އެނުއަލް ސަބްސްކްރިޕްޝަން ދައްކާނީ އިކޮނޮމިކް މިނިސްޓްރީން ސީދާ ތަމްރީނުދޭ މަރުކަޒުތަކަށެވެ. ކޯސްތަކަށް މީހުން ހޮވުމުގައި އިސްކަންދެނީ، ސަރުކާރުން ހިންގި އިންކަމް ސަޕޯޓް އެލަވަންސް ލިބުނު މީހުންނަށް ކަމަށް މިނިސްޓްރީން ވިދާޅުވެއެވެ. އަދި، ޕްރޮގްރާމުގެ ބައިވެރިންނަށް އިނާޔަތެއްގެ ގޮތުން 5،000 ރުފިޔާ ލިބޭނެއެވެ. ނަމަވެސް ސްކިލްސް ޓްރެއިނިން ޕްރޮގްރާމެއްގައި ބައިވެރިވާ މީހަކަށް މި ޕްރޮޖެކްޓުގެ ދަށުން ހިންގާ އެޕްރެންޓިސްޝިޕް ނޫނީ މާލީ އެހީ ލިބޭ ޕްރޮގްރާމެއްގައި ބައިވެރިނުވެވޭނެކަމަށްވެސް އެ މިނިސްޓްރީގެ އުޞޫލުގައިވެއެވެ.

މި ޕްރޮގުރާމުތަކުގައި ބައިވެރިވުމަށް އެދި އެޕްލިކޭޝަން ހުށަހަޅަންޖެހޭނީ މިނިސްޓްރީގެ ޖޮބް ސެންޓަރ ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށެވެ. އަދި މި ޕްރޮގްރާމްތަކުގެ ތަފްސީލް އަދި އެޕްލިކޭޝަން ހުށަހަޅާނެ ގޮތާއި މިނިސްޓްރީން އަމަލު ކުރާނެ އުސޫލުތައް ޖޮބް ސެންޓަރ ވެބްސައިޓުގައި ޝާއިޢުކުރާނެކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއެވެ.