ސައުދީ ރަސްގެފާނު ދެއްވާ ޚާއްސަ ''އިފްތާރު ޕެކޭޖް'' މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއާ ހަވާލުކުރައްވައިފިއެވެ.
ސައުދީ ސަރުކާރުގެ ފަރާތުން މި އިފްތާރު ޕެކޭޖްތައް ހަވާލުކޮށްދެއްވީ ސައުދީ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މެތްރެކް އަލްދޮސާރީއެވެ. އަދި ސަރުކާރުގެ ފަރާތުން މިތަކެއްޗާއި ހަވާލުވެވަޑައިގަތީ އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރެވެ.
ސައުދީ ރަސްގެފާނު ދެއްވާ ޚާއްސަ ''އިފްތާރު ޕެކޭޖް'' މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާ ހަވާލުކުރައްވައިފި.
— Ministry of Islamic Affairs (@MVIaffairs) April 6, 2022
މި އަހަރު ރާއްޖެއަށް ދެއްވާފައިވަނީ 200 ޕެކޭޖް.
މި ޕެކޭޖްތައް ބެހުމަށް ހަމަޖެހިފައިވަނީ ފަޤީރުންގެ ތެރެއިން އެންމެ މީހުން ގިނަ އާއިލާތަކަށް.#MVIaffairs pic.twitter.com/95c8W4XDAw
އިސްލާމިކް މިނިސްޓްރީން ވިދާޅުވީ، ސައުދީ ރަސްގެފާނު ދެއްވާ މި ޚާއްސަ އިފްތާރު ޕެކޭޖުގެ ތެރެއިން މިއަހަރު ރާއްޖެއަށް ދެއްވާފައިވަނީ 200 ޕެކޭޖުކަމަށެވެ. އަދި މި ޕެކޭޖްތައް ބެހުމަށް ހަމަޖެހިފައިވަނީ ފަޤީރުންގެ ތެރެއިން އެންމެ މީހުން ގިނަ އާއިލާތަކަށްކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.
ސައުދީން ރާއްޖެއަށް ޚާއްސަ އިފްތާރު ޕެކޭޖްތަކެއް ހަދިޔާކޮށްފައިވާއިރު، ސައުދީ ސަރުކާރުން މިދިޔަމަހު ވަނީ ރާއްޖެއަށް 3000 މުސްޙަފުވެސް ހަދިޔާކޮށްފިއެވެ. މީގެތެރޭގައި އާއްމުކޮށް ހުންނަ ސައިޒުގެ އަކުރު ކުދި މުސްޙަފާއި، އަކުރު ބޮޑެތި މުސްޙަފު ހިމެނެއެވެ.
ސައުދީ އަރަބިއްޔާއަކީ ރާއްޖެއަށް އެކި ގޮތްގޮތުން ގިނަ އެހީތަކެއް ފޯރުކޮށްދޭ ޤައުމެކެވެ. ވަކިން ޚާއްސަކޮށް ރާއްޖޭގައި އިސްލާމްދީން ކުރިއަރުވާ، ދީނީ ރޮނގުން މީހުން ބިނާކުރުމަށް ސައުދީ ސަރުކާރުން އަންނަނީ ގިނަ އެހީތަކެއް ފޯރުކޮށްދެމުންނެވެ.