ދުނިޔެ

ޖަކާޓާއަށް ހަމަލާދިން ޓެރަރިސްޓުން އެނގިއްޖެ - ސަރުކާރު


މިދިޔަ ހަފްތާގެ ހޮނިހިރު ދުވަހު އިންޑޮނީޝިޔާގެ ވެރިރަށް ޖަކާޓާއަށް ދިން ޓެރަރިސްޓް ޙަމަލާތަކުގައި ބައިވެރިވި މީހުންނަކީ ކޮންބައެއްކަމާއި އެމީހުންގެ ނަންތައް އެނގިއްޖެކަން އެޤައުމުން ހާމަކޮށްފިއެވެ.އިންޑޮނީޝިޔާގެ ފުލުހުންބުނީ ޖަކާޓާއަށް ދިން ޓެރަރިސްޓް ޙަމަލާތައް ދިނުމުގައި ޢަމަލީގޮތުން ޝާމިލްވީ 5 މީހުން ކަމަށާއި އެޙަމަލާތަކުގައި އެމީހުން މަރުވެފައިވާކަން ތަޙްޤީޤުތަކުން އެނގޭކަމަށެވެ. އިންޑޮނީޝިޔާގެ ފުލުހުންގެ ތަރްޖަމާނެއްކަމަށްވާ މުހައްމަދު އިޤްބާލް ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ ޖަކާޓާއަށް ޙަމަލާދިން 5 މީހުން ރާވާފައިވަނީ އެޤައުމުގެ އިތުރު ސިޓީތަކެއްގައިވެސް ޓެރަރިސްޓް ޙަމަލާތަކެއް ދިނުމަށް ކަމަށާއި، އެހެން ނަމަވެސް ޖަކާޓާގެ ޙަމަލާތަކުގައި އެ 5 މީހުން މަރުވެފައިވާ ކަމަށެވެ. ނަމަވެސް އެ ޙަމަލާތަކާއި ގުޅުންހުރިކަމުގެ ތުހުމަތުގައި 12 މީހުން ހައްޔަރު ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.ޖަކާޓާގައި ދިން ޙަމަލާތަކުގައި 7 މީހުން މަރުވެފައިވާއިރު މީގެތެރޭގައި އިންޑޮނީޝިޔާ ފުލުހުންގެ 2 މީހުންވެސް ހިމެނެއެވެ. މިޙަމަލާތަކަށްފަހު އަވަށްޓެރި މެލޭޝިޔާއިންވެސް އެޤައުމުގައި ޓެރަރިސްޓް ޙަމަލާތަކެއް ދިނުމަށް ރާވަމުން ދިޔަކަމުގެ ތުހުމަތުގައި ޒުވާނަކު ހައްޔަރު ކޮށްފައިވެއެވެ.