އދ. ފެންފުށީ އާސާރީ ހުކުރު މިސްކިތުގެ އަށްކަން ވަޅު މަރާމާތުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ވިދާޅުވެއްޖެއެވެ.
މި މިސްކިތަކީ ދުނިޔޭގެ ތަރިކައިގެ ވަގުތީ ލިސްޓުގައި ހިމެނިފައިވާ މިސްކިތެކެވެ.
އިހުގެ މިސްކިތެއް ހުރިތަނުގައި ފެންފުށީ ހުކުރު މިސްކިތް ބިނާކުރީ ދެއްވަދޫ އައްސުލްތާސް މުޙައްމަދުގެ (1692-1701) ދުވަސްވަރުއެވެ. މިއަދުވެސް ނަމާދު ކުރުމަށް މި މިސްކިތުގެ ބޭނުން ކުރެއެވެ. ވަރަށް ރަނގަޅަށް ބަލަހައްޓާއިފައިވާ މި މިސްކިތުގެ ގޯތިތެރޭގައި ހިރިގަލުން ހަދާފައިވާ ޚާއްސަ ވެވަކާއި ހިރިގަލު ފެންވަޅުތަކާއި ވަގުތުގަލަކާއި ރީތި މަހާނަގައުތަކެއް ހިމެނޭ ބޮޑު ގަބުރުސްތާނެއް ހުރެއެވެ. އެންމެ އިހުގެ ގޮތަށް އޮތް ގޯތިތެރެ ވަނީ ވަންނަ ދެ ދޮރު ލާފައިވާ ހިރިގަލު އިންފާރަކުން ވަށާލެވިފައެވެ.
ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ވިދާޅުވީ، ގިނަ ދުވަސްވުމުގެ ސަބަބުން ފެންފުށީ އާސާރީ މިސްކިތުގައި ހުރި އަށްކަން ހިރިގައު ވަޅުގެ ބައެއް ހަލާކުވެފައިވާކަމަށެވެ. އެ މަރުކަޒުން އާއްމުކޮށްފައިވާ ފޮޓޯތަކުން ފެންނަގޮތުގައި ހިރިގައު ވަޅުގެ ބިމުން މައްޗަށް ފެންނަންހުރި ބައިން ތަންގަނޑެއް ވަނީ ވެއްޓިފައެވެ. އެ ވަޅަށް ލިބިފައިވާ ގެއްލުންތައް ދެނެގަނެ، ވަޅު މަރާމާތުކުރުމުގެ މަސައްކަތް ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން އަންނަނީ ކުރަމުންނެވެ.
އދ. ފެންފުށީ އާސާރީ މިސްކިތުގައި ހުރި އަށްކަން ހިރިގައު ވަޅުގެ ބައެއް ހަލާކުވެފައިވާތީ، އެ ވަޅު މަރާމާތު ކުރުމުގެ މަސައްކަތް މި މަރުކަޒުން މި ދަނީ ކުރަމުން. ފެންފުށީ އާސާރީ މިސްކިތަކީ ދުނިޔޭގެ ތަރިކައިގެ ވަގުތީ ލިސްޓުގައި ހިމެނިފައިވާ މިސްކިތެއް. pic.twitter.com/oUZzx1C1zI
— National Centre for Cultural Heritage (@HeritageMv) April 7, 2022
ބޮޑު މިނުގައި ގާތްގަނޑަކަށް 58 އަކަމީޓަރުގެ މި މިސްކިތަކީ 60 މީހުންގެ ޖާގައިގެ މިސްކިތެކެވެ. މި މިސްކިތް އެތުރިފައިވަނީ އިހުގެ ގްރީކް “ހައިޕޯސްޓައިލް”ގެ އުސޫލަށެވެ.
މި މިސްކިތައް ވަނުމަށް ތިން ދޮރެއް ހުރެއެވެ. ފެންޑާއާއި ދާލައެއް ނުހުރެއެވެ. މިހުރާބުގެއެއް ހުރެފައި ކަނުގައި މިމްބަރެއް ހުރެއެވެ. އުސްކޮށްފައިވާ ހިރިގަލު ތަޅުމަކާއި ހިރިގަލު ފާރުތަކާއި ތަނބުތަކާއި ބެރިތަކާއި ދޮރުތަކާއި އަދި ފުރާޅުވެސް ހުރީ އެއްވެސް މޮހޮރެއް އުވައެއް ބޭނުންނުކޮށް ތަޅުއަޅުވައިލެވޭ ގޮތަށެވެ.
ވަރަށް ރަނގަޅަށް ބެލެހެއްޓިފައިވާ މި މިސްކިތަށް އެއްވެސް ބަދަލެއް ގެނެވުނުކަމަށް ލިޔެކިޔުމަކުން ފެންނާން ނެތް ނަމަވެސް ފުރާޅު ބަދަލުކޮށްފައިވާކަން އެނގެއެވެ. 2000 އާއި 2011 ގައި ކަމުގެ މާހިރުންވަނީ މި މިސްކިތް ދިރާސާކޮށް އަދި ދެމެހެއްޓުމަށް މަސައްކަތްތަކެއް ކޮށްފައެވެ. 2000 ގައި މިސްކިތާއި ފެންވަޅާއި ވެވުގެ މަތީގައި އައު ޓިނުފުރާޅުތަކެއް ލެވުނެވެ.