ޚަބަރު

ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ޤައުމަކަށް މިހާރު އިނގިރޭސިވިލާތް


ރާއްޖެއަށް މިހާރު އެންމެ ގިނަ އަދަދަކަށް އަންނަނީ އިނގިރޭސިވިލާތުގެ ފަތުރުވެރިން ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެެވެ.
މިއަހަރުގެ މަރޗުމަހުގެ 30ވަނަ ދުވަހާއި ހަމައަށް ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް އަންނަމުން ދިޔައީ ރަޝިއާ ފަތުރުވެރިންނެވެ.

ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން އާއްމުކޮށްފައިވާ ފަތުރުވެރިންގެ ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ 5ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޖުމްލަ 456992 ފަތުރުވެރިންވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ 319110 ފަތުރުވެރިންނާއި އަޅާ ބަލާއިރު، 43.2 އިންސައްތަ އިތުރު އަދަދެކެވެ. ރާއްޖެއަށް އައިސްފައިވާ ޖުމްލަ ފަތުރުވެރިންގެ ތެރެއިން 12.7 އިންސައްތަ ހިއްސާއާއެކު މިހާރު، އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ރާއްޖެއަށް އަންނަ ޤައުމަކީ އިނގިރޭސިވިލާތެވެ.

11.6 އިންސައްތަ ހިއްސާ އާއި އެކު ދެވަނަ އަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަނީ ރަޝިއާއިންނެވެ. ތިންވަނަ އަށް ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަނީ 10.9 އިންސައްތަ ހިއްސާ އާއި އެކު އިންޑިއާއިންނެވެ.

އަހަރުގެ މިހާތަނަށް ރާއްޖެއަށް 4 ލައްކައަށްވުރެ ގިނަ ފަތުރުވެރިން އައިސްފައިވާއިރު، މީގެތެރެއިން 131764 ފަތުރުވެރިންނަކީ ޖެނުއަރީމަހު ރާއްޖެއަށް އައިފަތުރުވެރިންނެވެ. ފެބްރުއަރީމަހު ރާއްޖެއަށް 149008 ފަތުރުވެރިން އައިސްފައިވާއިރު، މާރޗުމަހު ރާއްޖެއަށް އައިސްފައިވަނީ 150739 ފަތުރުވެރިންނެވެ. އަދި އޭޕްރީލްމަހުގެ ފުރަތަމަ ފަސް ދުވަސްތެރޭ ރާއްޖެއަށް އައިސްފައިވަނީ 25481 ފަތުރުވެރިންނެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 5096 ފަތުރުވެރިން އާދެއެވެ. އަދި ރާއްޖެއަށް އަންނަ ފަތުރުވެރިން އާއްމުގޮތެއްގައި ރާއްޖޭގައި 8 ދުވަހުގެ ޗުއްޓީއެއް ހޭދަކުރެއެވެ.

ރާއްޖެއިން ވަނީ މިއަހަރުތެރޭ 1.6 މިލިއަން ފަތުރުވެރިން ގެނައުމަށް އަމާޒު ހިފާފައެވެ. އަދި މި އަމާޒް ހާސިލްކުރުމަށްޓަކައި ރާއްޖޭގެ ފަތުރުވެރިކަން ދުނިޔެއަށް އިޝްތިހާރުކޮށް ޕްރޮމޯޓުކުރުމަށްޓަކައި ސަރުކާރާއި އަމިއްލަ ކުންފުންފުނިތަކުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.