ޚަބަރު

ޙާފިޒުކަމުގެ ސަނަދު ހާސިލްކުރާ ތޮއްޑޫގެ ކޮންމެ ރައްޔިތަކަށް ބައިލައްކަ ރުފިޔާ


ޙާފިޒުކަމުގެ ސަނަދު ހާސިލްކުރާ ތޮއްޑޫގެ ކޮންމެ ރައްޔިތަކަށް ބައިލައްކަ ރުފިޔާ ދިނުމަށް ތޮއްޑޫ ކައުންސިލުން ފާސްކޮށްފިއެވެ.

ތޮއްޑޫގެ ތަރައްޤީގެ ކަންކަމާއި ގުޅޭގޮތުން އެރަށު ކައުންސިލުން ވަނީ މުހިންމު ނިންމުންތަކެއް ފާއިތުވި ހަފްތާގައި ނިންމާފައެވެ. އެގޮތުން ތަރައްޤީގެ ޕްލޭންގައިވާ ގޮތުގެ މަތީން ޙާފިޒުކަމުގެ ސަނަދު ޙާޞިލްކުރާ ކޮންމެ ފަރާތަކަށް -/50,000 (ފަންސާސް ހާސް ރުފިޔާ) ގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ނިންމާފައެވެ. އަދި މި ފައިސާ ހަމަޖެއްސުމަށް ނިންމާފައިވަނީ، ކެމްޕެއިން ވަޢުދުގައިވާގޮތުގެ މަތީން ކައުންސިލްގެ ރައީސް އަހުމަދު ކަރަމްގެ ފަރާތުން -/25,000 (ފަންސަވީސް ހާސް ރުފިޔާ) އާއިއެކު ބާކީ ފައިސާ ހެޔޮއެދޭ ފަރާތްތަކުގެ އެހީގައި ދިނުމަށެވެ.

މީގެ އިތުރުން، ޢާންމުކޮށް އިޢުލާނުކުރެވިގެން މިކަމުގައި ކައުންސިލާއި ގުޅިގެން ހިފްޒު ކުލާހެއް ކުރިއަށް ގެންދިއުމަށް ޝައުޤުވެރިކަން ހުރި ފަރާތްތައް ހޯދައި އެފަރާތާއި އެއްބަސްވެވޭ ގޮތެއްގެ މަތީން ކުރިއަށް ގެންދިއުމަށްވެސް ވަނީ ފާސްކޮށްފައެވެ.

މީގެ އިތުރުން އެރަށު އިނާރާ މިސްކިތް މަރާމާތު ކުރުމަށް ތޮއްޑޫ ކައުންސިލުން ވަނީ -/15000 (ފަނަރަހާސް ރުފިޔާ) ދިނުމަށްވެސް ފާސްކޮށްފައެވެ.

ރާއްޖޭގައި ކީރިތި ޤުރުޢާން ހިތު ދަސްކުރާ ފަރާތްތަކުގެ އަދަދު އަހަރުން އަހަރަށް އިތުރުވަމުން އަންނައިރު، އަތޮޅުތެރޭގައި ގިނަ އަދަދެއްހެ ޙާފިޒުން ހަރަކާތްތެރިވެއެވެ. މިމައްސަރަކީ ބަރަކާތްތެރި ރަމަޟާން މަހަށްވުމާއިއެކު މިސްކިތްތަކުގައި ތަރާވީހު ނަމާދާއި ދަމު ނަމާދުތަކުގައިވެސް އިމާމުވެ، ދިވެހި ހާފިޟުން ދަނީ ކުރަމުންނެވެ.