ޚަބަރު

ފަލަސްޠީނުގެ ފަޤީރު ޢާއިލާތަކަށް ރޯދަމަހު އެހީތެރިކަން


ރޯދަމަހު ޙާލުގައި ޖެހިފައިވާ މުސްލިމުންނަށް ރޯދަ ވީއްލުމަށް ތަކެތި ހަދިޔާ ކުރުމާއި، ފަޤީރުންނަށް ޞަދަޤާތްކުރުމަކީ، ޒަމާނުއްސުރެ މުޖުތަމަޢުތަކުން ކުރަމުން އަންނަ ކަމެކެވެ. މިއަހަރުގެ ރޯދަމަހު ފަލަސްޠީނުގެ ޙާލުގައިޖެހިފައިވާ ޢާއިލާތަކަށް އެހީވުމުގައި ވަކި ދީނެއް ބެލުމެއްނެތި އެ ޤައުމުގެ ދަރުމަވެރިން ދަނީ މަސައްކަތްކުރަމުންނެވެ.

ފަލަސްޠީނުގައި ރޯދަމަހަށް ޚާއްޞަކޮށްގެން މުސްލިމުންނާއި ބައިވެރިވެގެން ކްރިސްޓިއަނުން ދަނީ އެހީގެ ޕެކޭޖުތައް ފޯރުކޮށްދިނުމާއި، މަގުތަކާއި ބާޒާރުމަތި ސާފުކޮށް، ޒީނަތްނެތެރި ކުރުމާއި، ރޯދަ ވީއްލުމަށްޓަކައި ކަދުރާއި ފެން ފޯރުކޮށްދިނުމުގައި އެހީތެރިވަމުންނެވެ. މި ފަރާތްތަކުން ފަލަސްޠީނުގެ ބައިތުލަޙަމް އާއި، ނާބުލުސު ސިޓީގެ އިތުރުން އެހެން ސަރަޙައްދުތަކުގައިވެސް ޙަރަކާތްތެރިވެއެވެ.

ފަލަސްޠީނުގެ ފޮޓޯގްރާފަރުންގެ ގްރޫޕަކުން ބުނާގޮތުން މިކަން މިހާ ބޮޑުކޮށް ފެށިގެން އައީ 2013 ވަނަ އަހަރު އެމީހުން އަމިއްލައަށް ޚަރަދުކޮށްގެން ރޯދަމަހު ފޮޓޯނެގުމަށްޓަކައި ނާބުލުސު ސިޓީ ޒީނަތްތެރިކޮށް، ރޯދަވެރިން ރޯދަ ވީއްލުމަށް ކަދުރާއި ފެން ބަހަންފެށި ހިސާބުންނެވެ. އޭގެ ފަހުން ކޮންމެ ރޯދަމަހަކު ވަކި ދީނެއް ބެލުމެއްނެތި މި މަސައްކަތުގައި ފަލަސްޠީނުގެ ރައްޔިތުން ބައިވެރިވާކަމަށާއި، ފައިސާގެ އެހީވެސް ގިނަ ޢަދަދަކަށް ލިބޭކަމަށް އެމީހުން ބުނެއެވެ. އަދި ރޯދަމަހު މި ގްރޫޕްތަކުގެ އެހީތެރިކަމަށް އިންތިޒާރުކޮށްގެން ތިބޭ މީހުންވެސް ތިބޭކަމުން، މަސައްކަތުގެ ހިތްހަމަޖެހުން ބޮޑުކަމަށް ދަރުމަވެރިން ބުނެއެވެ.

ފަލަސްޠީނުގެ ހުޅަނގުން އޮންނަ ބައިތުލަޙަމްގައި ތިބި ފަޤީރު ޢާއިލާތަކަށް އެހީތެރިވުމުގައި ސްކައުޓުންނާއި ގައިޑުންވެސް ބައިވެރިވެއެވެ. އެތަނުގައި ހުންނަ ބަލިމީހުން ބަލަހައްޓާ މަރުކަޒަކުން ކޮންމެ ދުވަހަކު 6000 މީހުންނަށް ބޭނުންވާ ކެއުން ތައްޔާރުކުރެއެވެ. އެމީހުން އެހީތެރިވާ ޢާއިލާތަކުގެ ތެރޭގައި 1500 މުސްލިމް ޢާއިލާއާއި 40 ކްރިސްޓިއަން ޢާއިލާ ހިމެނެއެވެ. ހިލޭސާބަހަށް މަސައްކަތްކުރާ ޖަމުޢިއްޔާއެއްގެ ބެލުމުގެ ދަށުން މި ޢާއިލާތަކަށް ކެއުން ފޯރުކޮށްދޭއިރު، ދަރުމަވެރިންގެ ޚަރަދުގައި އަންނައުނާއި، ކުޑަކުދިންނަށްޓަކައި ކުޅޭ ސާމާނުވެސް ހަދިޔާކުރެއެވެ.

ފަލަސްޠީނުގެ ޙާލުގައިޖެހިފައިވާ ފަރާތްތަކަށް އެހީތެރިވުމަށް އަމިއްލަ ފަރާތްތަކުން ކުރާ މަސައްކަތުގައި ދައުލަތުގެ މުއައްސަސާތަކާއި ވިޔަފާރިވެރިންގެ ފަރާތުން ފައިސާގެ އެހީތެރިކަން ލިބެމުންދާކަން މަސައްކަތުގައި ބައިވެރިވާ ފަރާތްތަކުން ފާހަގަކުރެއެވެ.