ޚަބަރު

ތާރީޚުގައިވެސް އަންހެނުންނަށް އެންމެފަހި ފުރުސަތެއް ދިނީ މިދައުރުގައި: ސަލީމް


ރާއްޖޭގެ ޒަމާންވީ ދިގު ތާރީޚުގައިވެސް އަންހެނުންނަށް އެންމެފަހި ފުރުސަތެއް ދިނީ މިދައުރުގެ ތެރޭގައިކަމަށް ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ. ސަލީމް މިހެން ވިދާޅުވީ އަންހެން ކައުންސިލަރުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންގެ މަސްއޫލިއްޔަތު އަދާކުރުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ގެނައުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ޤަރާރަށް ބަހުސް ކުރައްވަމުންނެވެ.

މިޤަރާރު މަޖިލީހަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲއެވެ. އީވާ ހުށަހެޅުއްވި ޤަރާރުގައި ވަނީ އަންހެން ކައުންސިލަރުން އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންގެ މަސްއޫލިއްޔަތު އަދާކުރުމުގައި ދިމާވާ ހުރަސްތަކާއި ގޮންޖެހުންތަކާއި މަސައްކަތްކުރުމުގައި ދިމާވާ ދަތިތައް ފާހަގަކޮށްދެއްވައި ރައްޔިތުންގެ މަޖިލީހުގެ ކަމާގުޅޭ ކޮމިޓީން އެސެސްމަންޓެއް ހައްދަވައިދެއްވުމަށް ގޮވާލާފައެވެ.

މިޤަރާރުގެ ބަހުސްގައި ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވީ ލާމަރުކަޒީ ޤާނޫނަށް ގެނައި އިސްލާހުތަކާއިއެކު ކައުންސިލަރުންނަށާއި، އަންހެނުންގެ ކޮމެޓީތަކަށް ދިމާވާ ދަތިތައް ދެނެގަނެ ހައްލު ހޯދުމަކީ ކުރަންޖެހޭ ކަމެއްކަމަށެވެ. ސަލީމް ވިދާޅުވީ މިސަރުކާރުން ލާމަރުކަޒީ ޤާނޫނަށް ހުށަހެޅި އިސްލާހުތަކާއިއެކު ކައުންސިލަރުންގެ މުސާރައާއި އިނާޔަތްތަކަށް ބަދަލު އައިސް ހިންގުމުގެ ދާއިރާއަށްވެސް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެން ގޮސްފައިވާކަމަށެވެ.

މިއާއެކު ޤާނޫނުގެ ތެރެއިން އެންމެ ބޮޑު ބާރުވެރިކަމެއް ދީފައިވަނީ ޤައުމީ ލެވެލްގައި އަންހެނުންނަށް ލިބޭ ފުރުސަތު އިތުރު ކުރުންކަމަށެވެ. ކައުންސިލްތަކުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަކޮށް، ކޮންމެ ރަށެއްގައިވެސް އަންހެނުންގެ ކޮމެޓީއެއް އިންތިޚާބު ވާގޮތަށް ފުރުސަތު ފަހިކޮށްދިނީ މިސަރުކާރުން ކަމަށް ސަލީމް ވިދާޅުވިއެވެ.

"އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ދިވެހި ރާއްޖޭގެ މިދިގު ތާރީޚުގައި އަންހެނުންނަށް ޤައުމީ ތަރައްޤީގައި ބައިވެރިވުމަށް މިއަށްވުރެ ވަކި ފަހި ފުރުސަތެއް ތަނަވަސް ވެފައެއް ނެތް. އަދި މިއަށްވުރެ ރަނގަޅު ސިޔާސަތުތަކެއް އަދި މިއަށްވުރެ ރަނގަޅު ޤާނޫނީ އޮނިގަނޑެއް އޮތް ޒަމާނެއްވެސް އަޅުގަނޑުމެންނަށް ފެނިފަފައެއް ނެތް." ސަލީމް ވިދާޅުވިއެވެ.

ޤާނޫނީ ގޮތުން ބަސްބުނުމުގައި އަންހެނުންނަށް ފަހި ފުރުސަތުތަކެއް ތަނަވަސް ކޮށް ދެވުނު ނަމަވެސް، އާޤާނޫނާއިއެކު، އިންތިޚާބުވީ ކައުންސިލްތަކާއި، އަންހެނުންގެ ކޮމެޓީތަކަށް މިވީ އެއް އަހަރުތެރޭގައި ހުރި ގޮންޖެހުންތަށް ވަރަށް ރަނގަޅަށް ދެނެގަނެ ހައްލު ހޯދުމަށް ސަލީމް ވަނީ ހުށަހަޅުއްވާފައެވެ. އަންހެނުންގެ ކޮމެޓީތަކުން މެމްބަރުން އިސްތިއުފާ ދޭ މައްސަލައާއި، އަންހެނުންގެ ކޮމެޓީގައި ދިމާވެފައިވާ މައިގަނޑު މައްސަލަތަކަށް ދާއިމީ ހައްލު ހޯދައިދެވޭ ނިޒާމެއް ހޯދައި ދެއްވުމަށްވެސް ސަލީމް ވަނީ ހުށަހަޅުއްވާފައެވެ.

ލާމަރުކަޒީ ޤާނޫނުގެ ދަށުން އަންހެނުންގެ ކޮމެޓީތަކަށް ދިމާވެފައިވާ މައްސަލައަކީ މުސާރައިގެ މައްސަލަކަމަށް ގިނަ ކޮމެޓީތަކުގެ މެމްބަރުން ފާހަގަ ކުރުމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ އަންހެނުންގެ ކޮމެޓީތަކުގެ މެމްބަރުންނަށް ދޭ އެލަވެންސް މިއަހަރުން ފެށިގެން ބޮޑުކުރައްވާފައެވެ.