ބައިނަލްއަޤްވާމީ ވައިގެ އުދުހުންތަކުގައި ހުންނަންޖެހޭ ރައްކާތެރިކަމުގެ މިންގަނޑަށް ނުފެތޭކަމަށް ބުނެ، ރަޝިޔާގެ އެއަރލައިންތަކެއް ބްލެކް ލިސްޓްކޮށް، ވިލާތުގެ އިއްތިހާދުގެ ވައިގެ ސަރަޙައްދުން ބޭރުކޮށްލައިފިއެވެ.
ވިލާތުގެ އިއްތިހާދުގެ ދަތުރުފަތުރުތަކާއިބެހޭ ކޮމިޝަނަރ އަދީނާ ވެލީން ވިދާޅުވީ ރަޝިޔާގެ ފެޑެރަލް އެއަރ ޓްރާންސްޕޯޓް އޭޖެންސީން، ބޭރުގެ އެތައް ސަތޭކަ ބޯޓެއް، ސައްޙަ އެއަރވޯތިނެސް ސެޓްފިކެޓަކާއި ނުލައި ބޭނުންކުރުމުގެ ހުއްދަ އެ ޤައުމުގެ އެއަރލައިންތަކަށް ދީފައިވާކަމަށެވެ. އަދި އެއަރލައިންތަކަށްވެސް މިކަން އެނގޭއިރު މި ބޯޓުތައް ބޭނުންކުރުމަކީ ބައިނަލްއަޤްވާމީ ވައިގެ ދަތުރުތަކުގެ ރައްކާތެރިކަމުގެ މިންގަނޑާއި ޚިލާފުކަމެއް ކަމަށާއި، މިއީ ސަލާމަތަށް އޮތް ކުއްލި ނުރައްކަލެއް ކަމަށް ކޮމިޝަނަރ އަދީނާ ވަނީ ވިދާޅުވެފައެވެ.
މި މައްސަލަ ދިމާވެފައިވަނީ ރަޝިޔާއިން ބޭރު ޤައުމުތަކާއެކު މަތިންދާބޯޓު ކުއްޔަށް ހިފުމަށް ހަދާފައިވާ އެއްބަސްވުންތައް އުވާލުމަށް ވިލާތުގެ އިއްތިހާދާއި އެކުވެރި ޤައުމުތަކުން ކުންފުނިތަކަށް ބާރުއަޅަމުން ދިއުމުގެ ސަބަބުންނެވެ. އެކަން ހުއްޓުވުމަށްޓަކައި ކޮމާޝަލް ދަތުރުތަކަށް ބޭނުންކުރާ އެމެރިކާ އަދި ވިލާތުގެ ބޯޓުތައް ހިފެހެއްޓުމަށް، ރަޝިޔާގެ ރައީސް ވުލަދިމީރު ޕުޓިން މިދިޔަ މަހު ވަނީ އަންގާފައެވެ. މި އެންގުމާ އެއްގޮތަށް ހިފަހައްޓާފައިވާ ބޯޓުތައް، ރަޝިޔާގައި ރަޖިސްޓްރީކޮށް، އެ ޤައުމުގެ އަމިއްލަ އެއަރވޯތިނެސް ސްޓްފިކެޓެއްގެ ދަށުން ޑޮމެސްޓިކް ދަތުރުތަކަށް ދަނީ ބޭނުންކުރަމުންނެވެ.
ވިލާތުގެ އިއްތިހާދުން ވަނީ ޤަވާއިދާއި ޚިލާފަށް އެއަރވޯތިނެސް ސެޓްފިކެޓް ނެތި ދަތުރުކުރާކަމަށް ބުނެ ރަޝިޔާގެ 21 އެއަރލައިނެއް، ވިލާތުގެ އިއްތިހާދުގައި ހިމެނޭ 27 ޤައުމުގެ ވައިގެ ސަރަޙައްދުގައި އުދުހުން މަނާކޮށްފައެވެ. މި އެއަރލައިންތަކާއެކު، އެ ޖަމާޢަތުން ބްލެކް ލިސްޓް ކޮށްފައިވާ އެއަރލައިންތަކުގެ ޖުމްލަ ޢަދަދު ވަނީ 117 އަށް އަރާފައެވެ. އޭގެ ތެރޭގައި 24 ޤައުމެއްގެ އެކި ސަރަޙައްދީ އިދާރާއަކުން ހުއްދަ ދީފައިވާ އެއަރލައިންތައް ހިމެނެއެވެ.
ވިލާތުގެ އިއްތިހާދުގެ އެއަރ ސޭފްޓީ ލިސްޓު އަޕްޑޭޓްކުރުމަށްޓަކައި މިމަހު ދާއިރާގެ މާހިރުން އެކުލެވޭ ކޮމިޓީއަކުން މަޝްވަރާކުރުމަށްފަހު، ވިލާތުގެ ޤާނޫނުހަދާ މަޖިލީހުގެ ޓްރާންސްޕޯޓް ކޮމިޓީގެ ރުހުން ހޯދާފައިވެއެވެ. ބްލެކް ލިސްޓުކޮށްފައިވާ ރަޝިޔާގެ 21 އެއަރލައިނުގެ ތެރޭގައި ރަޝިޔާގެ ޤައުމީ އެއަރލައިން އެއިރޯފްލޮޓް ހިމެނެއެވެ. މި އެއަރލައިންތައް އެއަރ ސޭފްޓީ ލިސްޓަށް ލާފައިވަނީ ވައިގެ ދަތުރުތަކާބެހޭ އުޞޫލުތަކުގެ ދަށުން ކަމަށާއި، މިއީ ޔޫކްރެއިނަށް ދެމުންދާ ޙަމަލާތަކާއި ގުޅިގެން ރަޝިޔާއާ ދެކޮޅަށް އެޅި އިތުރު ފިޔަވަޅެއް ނޫންކަމަށް ވިލާތުގެ އިއްތިހާދުން ބުނެއެވެ.