ޚަބަރު

އަންހެނުން ބާރުވެރިކުރުވުމަށް އިންޤިލާބީ ބަދަލު ގެނެވުނީ ލާމަރުކަޒީ ޤާނޫނުގެ ތެރެއިން: ޖީހާން


އަންހެނުން ބާރުވެރިކުރުވުމަށް އިންގިލާބީ ބަދަލު ގެނެވުނީ ލާމަރުކަޒީ ޤާނޫނުގެ ތެރެއިންކަމުގައި ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދު ވިދާޅުވެއްޖެއެވެ.

ޖީހާން މިހެން ވިދާޅުވީ އަންހެން ކައުންސިލަރުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންގެ މަސްއޫލިއްޔަތު އަދާކުރުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ގެނައުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ޤަރާރަށް ބަހުސް ކުރައްވަމުންނެވެ.

އަންހެނުން ބާރުވެރި ކުރުމަށްޓަކައި މިސަރުކާރުން ކުރަމުންދާ މަސައްކަތާއި ކޮށްފައިވާ ކަންކަމަށް އަލި އަޅުވާލައްވައި ވާހަކަ ދައްކަވަމުން ޖީހާން ވިދާޅުވީ ރާއްޖޭގެ ފާއިތުވެދިޔަ އެއްވެސް ސަރުކާރަކުން އަންހެނުން ބާރުވެރި ކުރުމަށާއި، އެކި ދާއިރާތަކުން އަންހެނުންނަށް ފުރުސަތު ފަހި ކުރުމަށް ނުކުރާހާ ގިނަ މަސައްކަތް މިސަރުކާރުން ކޮށްފައިވާކަމަށެވެ.

އަންހެނުންގެ ކުރިއެރުމަށް މިސަރުކާރުން ކުރި އެންމެ މުހިންމު ބަދަލަކީ ލާމަރުކަޒީ ގާނޫނަށް ގެނެވުނު އިސްލާހުތައް ކަމަށް ޖީހާން ވިދާޅުވިއެވެ. މީގެ ކުރިން އަންހެނުންގެ ކޮމެޓީތަކަކީ ރަށްރަށުގެ ކުނިކެހުމާއި، މާލެއިން ރަށްރަށަށްދާ މެހުމާނުންނަސް ސައި ހެދުމާއި، މާފަތި އެޅުވުންކަމަށް ވީނަމަވެސް އެކަން ބަދަލު ކުރީ މިސަރުކާރުން ލާމަރުކަޒީ ޤާނޫނަށް ހުށަހެޅި އިސްލާހުގެ ތެރެއިންކަމަށް ޖީހާ ވިދާޅުވިއެވެ.

ޤާނޫނަށް މިހާރު ގެނައު ބަދަލާއިއެކު، އިންސާނީ ހައްގުތައްރައްކާތެރި ކުރުމާއި، ސިޔާސީ އަދި އިޖުތިމާއީ ދާއިރާގައި އަންހެނުންގެ ބާރުވެރިކަން އިތުރު ކުރުމާއި، މަތީ ތައުލީމު ހާސިލް ކުރުމަށް އަންހެނުންނަށް ފުރުސަތު ތަނަވަސް ކުރުމާއި، ވަޒީފާގެ ފުރުސަތު ތަނަވަސް ކުރުމާއި، އަދި އަންހެންނަށް ވަޒީފާގެ ފުރުސަތު ތަނަވަސް ކުރުން ހިމެނެއެވެ.

މިއާއެކު ޤާނޫނުގެ ތެރެއިން އެންމެ ބޮޑު ބާރުވެރިކަމެއް ދީފައިވަނީ ޤައުމީ ލެވެލްގައި އަންހެނުންނަށް ލިބޭ ފުރުސަތު އިތުރު ކުރުންކަމަށާއި، ކައުންސިލްތަކުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަކޮށް، ކޮންމެ ރަށެއްގައިވެސް އަންހެނުންގެ ކޮމެޓީއެއް އިންތިޚާބު ވާގޮތަށް ފުރުސަތު ފަހިކޮށްދިނީ މިސަރުކާރުން ކަމަށް ޖީހާން ވިދާޅުވިއެވެ. އަންހެނުންގެ ބާރުވެރިކުރުމަށް މިސަރުކާރުން ކުރި މަސައްކަތަކީ އޭގެ ނަތީޖާއާއި ހަމައަށް ވާސިލްވުމަށް އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.