ޚަބަރު

ޕީޖީ އޮފީހުން މިއަހަރު އެންމެ ގިނަ މައްސަލަ ނިންމީ މިދިޔަ މަހު


ޕީޖީ އޮފީހުން މިއަހަރު މިހާތަނަށް އެންމެ ގިނަ މައްސަލަ ނިންމި މަހަކީ މިދިޔަ މަސްކަމުގައި ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ. ޕީޖީ އޮފީހުން ކޮންމެ މަހަކު އާންމުކުރާ ތަފާސްހިސާބުތަކުގެ ތެރެއިން މިދިޔަ މަހުގެ ތަފާސްހިސާބުތައް ޢާންމުކޮށް ޕީޖީ ވިދާޅުވީ މިދިޔަ މަހު ނިންމެވި 149 މައްސަލައިގެން ތެރެއިން 113 މައްސަލަ ސާބިތުވެފައިވާކަމަށެވެ.

ޕްރިސެކިއުޓަރ ޖެނެރަލް އޮފީހުން ޢާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ މަހު ދައުވާ ކުރުމަށް އެދި 244 މައްސަލައެއް ވަނީ ހުށަހަޅާފައެވެ. އޭގެ ތެރެއިން ބަލައިގެންފައިވަނީ 60 މައްސަލައެވެ. އެކި ސަބަބުތަކާއިހެދި 26 މައްސަލައެއްގައި ދައުވާ ނުކުރުމަށް ވަނީ ނިންމާފައެވެ. އިތުރު މައުލޫމާތު ސާފު ކުރުމަށް 125 މައްސަލައެއް އަބުރާ ފޮނުވާލިއިރު، 33 މައްސަލައެއް ދަނީ ދިރާސާ ކުރަމުންނެވެ.

މިދިޔަ މަހު ދައުވާ ކުރުމަށް އެންމެ ގިނަ ޢަދަދަށް ހުށަހަޅާފައިވަނީ މަސްތުވާތައްޗާ ގުޅުންހުރި މައްސަލައެވެ. އެގޮތުން މަސްތުވާތަކެތި ބޭނުން ކުރުމުގެ 62 މައްސަލައެއްގައި ދައުވާ ކުރުމަށް އެދިފައިވާއިރު، މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ 51 މައްސަލަ ވަނީ ހުށަހަޅާފައެވެ. މިދިޔަ މަހު އެކި ކުށްތަކުގެ 35 މައްސަލައެއްގައި ދައުވާ ކުރުމަށް ވަނީ ހުށަހެޅިފައެވެ.

މިދިޔަ މަހު ހުށަހެޅި މައްސަލަތަކުގެ ތެރެއިން 214 މައްސަލައެއް ވަނީ އެކި ކޯޓުތަކަށް ދައުވާ ކުރުމަށް ހުށަހަޅާފައެވެ. މީގެ ތެރެއިން 69 މައްސަލަ އަކީ ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކެވެ. ޑްރަގު ކޯޓަށް 47 މައްސަލަ ހުށަހެޅިއިރު ބާކީ ހުރި މައްސަލަތައް ހުށަހަޅާފައިވަނީ އަތޮޅުތަކުގެ މެޖިސްޓްރޭޓް ކޯޓުތަކަށެވެ.

މިދިޔަ މަހު ކޯޓުތަކަށް ހުށަހެޅި މައްސަލަތަކުގެ ތެރެއިން 113 މައްސަލައެއް ވަނީ ސާބިތުވެފައެވެ. މިއީ މިއަހަރުގެ މިހާތަނަށް އެންމެ ގިނަ މައްސަލަ ސާބިތުވި މަހެވެ. މިދިޔަ މަހު ކޯޓުތަކުން އެންމެ ގިނަ ޢަދަދަކަށް ނިންމާފައިވަނީ ވައްކަމާ ގުޅުންހުރި މައްސަލަތަކެވެ. ވައްކަމުގެ 50 މައްސަލައެއް ނިންމާފައިވާއިރު ދެން އެންމެ އެންމެ ގިނަ އަދަދަކަށް ނިންމާފައިވަނީ އެހެން މީހުންގެ މުދަލަށް ބާރު ހިންގުމުގެ މައްސަލައެވެ. މިބާވަތުގެ 15 މައްސަލަ ވަނީ ނިންމާފައެވެ.

މިދިޔަމަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުން އެންމެ ގިނަ އަދަދަކަށް މައްސަލަ ނިންމި މެޖިއްޓްރޭޓް ކޯޓަކީ ކ.މާފުށީ މެޖިސްޓްރޭޓް ކޯޓެވެ. އެކޯޓުންވަނީ 22 މައްސަލަ ނިންމާފައެވެ.