ޚަބަރު

ދިވެހިބަސް: ދިވެހިންގެ އަމިއްލަވަންތަކަމުގެ ފަޚުރާއި ޝަރަފު


ބަހަކީ ޤައުމިއްޔަތުގެ އެންމެ މުހިއްމު އެއް އަސާސެވެ. ޤައުމު ކުރިއަރައިގެން ދިއުމުގައި ބަސް މުހިއްމު ދައުރެއް އަދާކުރެއެވެ. އެހެންކަމުން ކޮންމެ ބަޔަކުވެސް ލިޔެކިޔުމަށާއި މުއާސަލާތުކުރުމަށް ބަހަކަށްބޭނުންވެއެވެ. އެހެންކަމުން ބަހަކީ ނުހަނު ބޭނުންތެރި އެއްޗެކެވެ. ދިވެހިބަހަކީވެސް ނުހަނު ބޭނުންތެރި ބަހެކެވެ. އަދި ދިވެހި ބަހަކީވެސް ދިގު ތާރީޚެއް އޮތް ބަހެކެވެ.

ދިވެހި ބަހަކީ އަޅުގަނޑުމެން ދިވެހިންގެ އަމިއްލަވަންތަކަމާއި ޤައުމިއްޔަތު ރަމްޒުކޮށްދޭ އެންމެ މުހިއްމު ރަމްޒެވެ. ބަހާމެދު މިހާރުގެ ޖީލާއި އަންނަން އޮތް ޖީލުތައް ހޭލުންތެރިކުރުވާ ދިވެހި ބަހާމެދު ލޯބި އިތުރުކުރުމަށް ކޮންމެ އަހަރެއްގެވެސް އޭޕްރީލްމަހުގެ 14 ވަނަ ދުވަސް ފާހަގަކުރަމުން އަންނަނީ ދިވެހިބަހުގެ ދުވަހުގެ ގޮތުގައެވެ.

ދިވެހިބަހުގެ ދުވަހުގެ ގޮތުގައި ވަކި ދުވަހެއް ކަނޑައަޅާ ޤައުމީ ފެންވަރެއްގައި މިދުވަސް ފާހަގަކުރަން ފަށާފައިވަނީ 2015 ވަނަ އަހަރުން ފެށިގެންނެވެ. މިދުވަސް ފާހަގަކުރެވެނީ ދިވެހި ބަހާއި، އަދަބިއްޔާތާއި، ތާރީޚާއި ސަގާފަތުގެ އެންމެމޮޅު އިލްމުވެރިންގެ ތެރެއިން ފަޟީލަތުއްޝައިޚް އަލްމަރްޙޫމް ޙުސައިން ޞަލާޙުއްދީން އުފަންވެވަޑައިގެންނެވި ދުވަސްކަމުގައިވާ، 14 އެޕްރީލް 1881 އަށް ނިސްބަތްކޮށެވެ. ދިވެހިބަހުގެ މިއަހަރުގެ ޝިއާރެއްގެގޮތުގައި ކަނޑައަޅާފައިވަނީ "ދިވެހީން ދިވެހީންނަށް ވީ ދިވެހި ބަހުން ވާހަކަދައްކާތީ" އެވެ.

ދިވެހިބަހުގެ ދުވަހުގެ ގޮތުގައި ވަކި ދުވަހެއް ފާހަގަކުރާއިރު، ދިވެހިބަހުގެ ތާރީޚަށް ބަލާލުމަކީވެސް މުހިއްމުކަމެކެވެ. ދިވެހި ބަހާއި ގުޅޭ ދިރާސާތައް ކުރެއްވި ގިނަ ބޭފުޅުން ވިދާޅުވާގޮތުގައި ދިވެހި ބަހަކީ އިންޑޯއާއި ރިޔަންގުރޫޕުގެ ބަސްތަކުގެ ތެރޭގައި ހިމެނޭ ބަހެކެވެ. މިބަހުގެ އެންމެ ޒަމާންވީ ބަސް ކަމުގައިވާ ޕްރޯޓޯ އިންޑޯ ޔޫރަޕިއަން ބަސް ތަރައްޤީ ވެގެންގޮސް ވަކި ވަކި ބަސްތައް އުފެދުނީއެވެ. އަދި މިގޮތަށް އުފެދުނު ބަސްތައްވެސް ކަފިކަފި ވެގެން ގޮސް ދިވެހި ބަސް އުފެދުނީ ސާންސްކްރިތް ބަހުންކަމަށް ބަހުގެ ދިރާސާކުރައްވާ ބޭފުޅުން ވިދާޅުވެއެވެ. ހަމައެހެންމެ ދިވެހި ބަހާއި އެންމެ ގާތްކުރާ ބަހަކީ ސިންގަޅަ ބަސްކަމަށްވެސް ބަސް ދިރާސާކުރައްވާ ބައެއް ބޭފުޅުން ވިދާޅުވެއެވެ.

ދިވެހިންގެ ލިޔެ ކިޔުމުގައި އެންމެ ފުރަތަމަ ބޭނުން ކުރެވުނީ އެވޭލާ އަކުރުކަމަށް ބަހުގެ ޢިލްމުވެރިން ވިދާޅުވެއެވެ. ކާބަފައިން ބޭނުންކުރި ކަމަށް ފެންނަން އޮތް އެންމެ ދުވަސްވީ އަކުރަކީ އެވޭލާ އަކުރެވެ. އިސްލާމްދީން އައުމަށްފަހު ކާބަފައިން އެންމެ ދުވަސްވަންދެން ބޭނުން ކުރީ އެވޭލާ އަކުރުކަމަށްވެއެވެ. މިއީ ވާތުން ކަނާތަށް ލިޔެވޭ އަކުރެކެވެ. 12 ވަނަ ޤަރުނުގެ ފަހުން 200 ވަރަކަށް އަހަރު ތެރޭގައި އެވޭލާ އަކުރު ތަރައްޤީވެ ދިވެސް އަކުރަށް ބަދަލުވީކަމަށް ދިރާސާކުރައްވާ ފަރާތްތަކުންވިދާޅުވެއެވެ. އެވޭލާ އަކުރެކޭ އެއްފަދައިން ދިވެސް އަކުރުވެސް ލިޔެފައިވަނީ ވާތުން ކަނާތަށެވެ.

ދިވެސް އަކުރު ބޭނުންކުރުން 1778 ވަނަ އަހަރުގެ ފަހުން ހުއްޓުމަށްފަހު ތާނަ އަކުރު އުފެއްދެވީ އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް ޢައުޒަމްގެ ރަސްކަމުގެ ދުވަސްވަރުކަމަށް ވެއެވެ. އެވޭލާ އަކުރާއި ދިވެސް އަކުރާ ޚިލާފަށް ދިވެހިން މިހާރު ބޭނުންކުރާ ތާނައަކުރު ލިޔަމުންދަނީ ކަނާއަތުން ވާއަތަށެވެ.

ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް ބޭނުންކޮށްއުޅޭ ބަސްތަކެކޭ އެއްފަދައިން ދިވެހިބަހުގައިވެސް ތަފާތު ބަހުރުވަތައް ހިމެނެއެވެ. ރާއްޖޭގެ އެކި ސަރަހައްދުތަކުގެ މީހުންގެ ވާހަކަދެއްކުމުގައި ތަފާތުތަކެން ހުރެއެވެ. އެގޮތުން ހުވަދު އަތޮޅުގެ މީހުންނާއި، އައްޑު އަތޮޅުގެ މީހުންނާއި، ފުވައްމުލަކު މީހުންގެ ވާހަކަދެއްކުންތަކުގައި ތަފާތުތަކެއް ހުރެއެވެ. އަދި ހައްދުންމަތީ މީހުންގެ ބަހުރުވައާއި މާލޭގެ ރަސްމީ ބަހުރުވައާއި ދެމެދުގައިވެސް ތަފާތުތަކެއް ހުރެއެވެ.

ދިވެހި ބަހުގެ ދުވަހެއް ފާހަގަކުރަމުން އަންނައިރު، ކޮންމެ ދިވެއްސަކަށްވެސް މިދުވަހަކީ މުހިންމު ދުވަހަކަށްވާނެއެވެ. އެގޮތުން ދިވެހި ބަހާއި ދިވެހި ބަހުގެ އަދަބަށް އާރޯކަމާ ތާޒާކަން ގެނައުމަށް ކޮންމެ ދިވެއްސަކުވެސް މިވަނީ ގިނަ މަސައްކަތްތަކެއް ކުރަންޖެހިފައެވެ.

ދިވެހިބަހަކީ ދިވެހީންގެ އަމިއްލަވަންތަކަމުގެ ފަޚުރާއި ޝަރަފެވެ. ދިވެހީންގެ ޝުޢޫރާއި އިޙުސާސްތަކުގެ އަޑެވެ. ދިވެހީންގެ ސަގަފާތާއި ދުވަހު ދިރިއުޅުމުގެ ފެންއާރެވެ. ދިވެހިބަހަކީ ވަރަށް ދިގު ތާރީޚެއް އެއަށް ލިބިގެންވީ ބަހެކެވެ. މިއީ ޤައުމީ ތަރިކައެކެވެ. މިތަރިކަ ޙިމާޔަތްކޮށް ތަރައްޤީކޮށް ކުރިއެރުވުމަކީ އަދުގެ ކޮންމެ ފަރުދެއްގެ ޤައުމީ ވާޖިބެކެވެ.