ތިލަފުށީގައި އައު ބަނދަރެއް ހަދާ، ކުނި ގެނެސް ބާލާނެ ވަކި ސަރަޙައްދެއް ޤާއިމްކޮށް ކުނި ރައްކާތެރިގޮތުގައި ނައްތާލުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. ޚާއްސަކޮށް ތިލަފުއްޓަށް ގެންނަ ކުނިތައް އެކި ބައިބަޔަށް ވަކިކޮށް ކުނި ނައްތާލުމުގެ މަސައްކަތްތައް ކުރަމުން އަންނައިރު އަދިވެސް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އެކަށީގެންވާވަރަށް ޖާގަ ނެތުންކަމަށް މި މަސައްކަތުގައި ހަރަކާތްތެރިވާ ވެމްކޯއިން ފާހަގަކުރެއެވެ. އެހެންނަމަވެސް މިއަދު ލިބިފައިވާ ހިތްހަމަޖެހުމަކީ އެތަކެއް އަހަރުތަކެއްވެފައިވާ ތިލަފުށި ކުނި ގޮނޑުން އަރަމުން އައި ދުން ހުއްޓުވާ ރައްކާތެރިގޮތުގައި ކުނި ނައްތާލުމަށް ކުރަމުންދާ މަސައްކަތުގެ ހިތްހަމަޖެހުމެވެ.
ތިލަފުއްޓަށް އިއްޔެ ވަޑައިގެން އެންވަޔަރަމަންޓް މިނިސްޓަރ އައިމިނަތު ޝައުނާ ވަނީ ތިލަފުށީގައި ކުނި މެނޭޖްކުރުމަށް ހިންގާ ބިޔަ މަޝްރޫޢުގެ މަސައްކަތްތައް ކުރިއަށްދާ ގޮތާއި މި މަސައްކަތުގައި ހުރި ދަތިތަކާއި ގޮންޖެހުންތަކުގެ މައުލޫމާތު އޮޅުންފިލުއްވާފައެވެ. މީގެ އިތުރަށް މި މަޝްރޫއުގެ ދަށުން ޤާއިމްކުރުމަށް ހަމަޖެހިފައިވާ މާލޭ ވޭސްޓް ޓްރާންސްފަރ ސްޓޭޝަން ޤާއިމްކުރާ ސަރަޙައްދުވެސް އެކަމަނާ ވަނީ ބައްލަވާލައްވާފައެވެ.
މިނިސްޓަރ ޝައުނާ ގެންދަވަނީ ދޭތެރެދޭތެރެއިން ތިލަފުއްޓަށް ވަޑައިގެން ކުނި މެނޭޖްކުރުމުގެ ބިޔަ މަޝްރޫއުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ގާތުން ބައްލަވަމުންނެވެ. މާލޭ ވޭސްޓް ޓުރާންސްފަރ ސްޓޭޝަން ޤާއިމްކުރާ ސަރަޙައްދު މިހާރުވަނީ އެއްކޮށް ސާފުކޮށް ނިންމާލާފައެވެ. އަދި ދެން ކުރިއަށް ދާނީ އިމާރާތް އެޅުމުގެ މަސައްކަތްކަމަށް އެންވަޔަރަމަންޓް މިިނިސްޓްރީން ވިދާޅުވެއެވެ.
ތިލަފުށީގައި ކުނި މެނޭޖް ކުރުމަށް ކުރާ މަސައްކަތްތަކާ ގުޅޭގޮތުން މިނިސްޓަރ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައްކާތެރި ގޮތުގައި ކުނި ނައްތާލުމަކީ މި ސަރުކާރުގެ މުހިއްމު އަމާޒެއްކަމަށާއި ތިލަފުށިން އަރާ ދުން ހުއްޓުވުމަކީ ހާސިލް ކުރެވުނު ބޮޑު ކާމިޔާބީއެއްކަމަށެވެ. އަދި މި ކަމުގެ ސަބަބުން ރައްޔިތުން ސިއްޙަތަށާއި ރާއްޖޭގެ އިޤްތިޞާދަށްވެސް ފައިދާ ކުރާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
ރައްކާތެރިގޮތުގައި ކުނި ނައްތާލުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން އެންމެ ފުރަތަމަވެސް ތިލަފުއްޓަށް ގެންނަ ކުނިތައް ޖަމާ ކުރަނީ އެކަމަށްޓަކައި އެ ރަށުގައި ޤާއިމްކޮށްފައިވާ ޚާއްސަ ސަރަޙައްދަށެވެ. އެ ސަރަހައްދަށް ކުނިތައް ގެންދިޔުމަށްފަހު ފެންނަން ހުންނަ ބޮޑެތި ކުނިތައް ވަކިކޮށްލާނެއެވެ. އަދި އެއަށްފަހު ބޮޑެތި ކުނިތައް ނައްތާލުމަށްޓަކައި ކުދި ކުރަމުން ގެންދާނެއެވެ.
ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ވެމްކޯގެ ޖެނެރަލް މެނޭޖަރ އޮޕަރޭޝަންސް އަޙްމަދު ޝާފިޢު ވިދާޅުވީ ތިލަފުއްޓަށް ގެންދާ ކުނިތައް ރައްކާތެރިކަމާއެކު ބެހެއްޓުމަށްފަހު އެރަށުގައި ޤާއިމްކުރާ އިންސިނިރޭޓަރުގެ އެހީގައި އަންދާލާނެކަމަށެވެ.
ޝާފިޢު ވިދާޅުވީ ތިލަފުއްޓަށް ގެންނަ ކުނިތައް ބެހެއްޓުމަށްޓަކައި ކަނޑައަޅާފައިވާ ޖާގަ އަދިވެސް ކުޑަކަމަށާއި އޮޕަރޭޝަންތައް ހިނގައިގަންނައިރު އިތުރު ޖާގަ ބޭނުންވާނެކަމަށެވެ. މިގޮތުން މި އޮޕަރޭޝަން ރަސްމީކޮށް ފަށައިގަތުމާއެކު ދުވާލެއްގެ މައްޗަށް ތިލަފުއްޓަށް އަންނަ ކުނިތަކުގެ ތެރެއިން 500 ބޭލްގެ ކުނި ނައްތާލެވޭނެކަމަށެވެ. އެހެންކަމުން ދިގުމުއްދަތަކަށް އެ މަސައްކަތް ކުރުމަށްޓަކައި އިތުރު 20 ހެކްޓަރުގެ ޖާގަ ބޭނުންވާނެކަމަށް އޭނާ ވިދާޅުވިއެވެ.
ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި މާލޭ ސަރަޙައްދުގެ ކުނި މެނޭޖުކުރުމުގެ ކަންކަން މިހާރަށްވުރެ ހަރުދަނާކުރުމަށް ސަރުކާރުން ހިންގާ "ގްރޭޓަރ މާލޭ އެންވަޔަރަމަންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓް" ސަރުކާރުން ރަސްމީކޮށް ލޯންޗުކޮށްފައިވަނީ 15 ޑިސެމްބަރު 2021 ގައެވެ. މިއީ ކުނި މެނޭޖްކުރުމުގެ ދާއިރާއިން ރާއްޖޭގައި މިހާތަނަށް ހިންގޭނެ އެންމެ ބިޔަ އެއް މަޝްރޫޢެވެ.
ދެ ފިޔަވަށްސަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ޤާއިމުކުރުމަށް ނިންމާފައިވާ އިންފްރާސްޓްރަކްޗަރގެ މަސައްކަތުގެ ބޮޑުބައެއް މިހާރު ވަނީ ނިމިފައެވެ.
އެގޮތުން ތިލަފުށީގައި އައު ބަނދަރެއް ހަދާ، ކުނި ގެނެސް ބާލާނެ ވަކި ސަރަޙައްދެއްވަނީ ތަރައްޤީކޮށްފައެވެ. އަދި ތިލަފުއްޓަށް ކުނި ގެނެސް, ކިރައި, ބައިބައި ވަކިކޮށް, ޝްރެޑް ކުރުމަށްފަހު އިންސިނެރޭޓް ކުރުމަށް ބޭނުންވާ ވަޞީލަތްތައް ދަނީ ޤާއިމުކުރަމުންނެވެ. މި މަޝްރޫޢުގެ ތެރެއިން ތިލަފުށީގައި ހުރި 30 އަހަރުވީ ބޮޑު ކުނި ފަރުބަދައިން އަރަމުންދިޔަ ކަޅު ބޯ ދުންގަނޑު އެރުން އެއްކޮށް ހުއްޓުވާފައިވެއެވެ.
މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތަކުގެ ތެރޭގައި ގްރޭޓަރ މާލޭ ސަރަޙައްދާއި، ކ، އއ، އދ އަދި ވ އަތޮޅުގެ ހުރިހާ ރަށެއްގައި ކުނި ކޮށި ޤާއިމުކޮށް މަރާމާތު ކުރުމަށް ހަމަޖެހިފައިވެއެވެ. އަދި ރަށު ފެންވަރުގައި ކުނި މެނޭޖް ކުރުމަށް ބޭނުންވާ އުޅަނދާއި އިކުއިޕްމަންޓް ރަށްރަށް ފޯރުކޮށްދެވޭނެއެވެ. މީގެ އިތުރުން މި މަޝްރޫޢުގެ ދަށުން މާލެއާއި، ވިލިމާލެ އަދި ހުޅުމަލޭގައި ވޭސްޓް ޓްރާންސްފަރ ސްޓޭޝަން ޤާއިމުކުރެވިގެންދާނެއެވެ.
ދެވަނަ ފިޔަވަހީގެ މަސައްކަތަކީ ކުނިން ހަކަތައް އުފެއްދުމަށް ވޭސްޓު އެނާރޖީ ޕްލާންޓް ޤާއިމުކުރުމެވެ.
މިނިސްޓަރ އާމިނަތު ޝައުނާ ގުރޭޓަރ މާލޭ އެންވަޔަރަންމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް މަޝްރޫއުގެ ދަށުން ގައިމުކުރުމަށް ހަމަޖެހިފައިވާ، މާލޭ ވޭސްޓް ޓްރާންސްފަރ ސްޓޭޝަން ގާއިމުކުރާ ސަރަހައްދު ބައްލަވާލައްވާ މަސައްކަތުގެ ތަފްސީލް އޮޅުންފިލުއްވައިފި. pic.twitter.com/Xp6xwMZGxk
— Min. of Environment, Climate Change and Technology (@MoEnvmv) April 14, 2022
ވޭސްޓު އެނާރޖީ ޕްލާންޓު ޤާއިމުކުރުމަށް ސްޕެއިންގެ މަޝްހޫރު ކުންފުންޏެއް ކަމުގައިވާ އުރްބާސާއާއެކު ޑިޒައިން، ބިލްޑް އެންޑް އޮޕަރޭޓް ކޮންޓްރެކްޓެއްގައި ވަނީ ސޮއިކޮށްފައެވެ. މި ޕްލާންޓު ޤާއިމުވުމުން ތިލަފުށީގައި ދުވާލަކު 500 ޓަނުގެ ކުނި ޕްރޮސެސްކޮށް، 8 މެގަވޮޓާއި، 8.5 މެގަވޮޓްގެ ކަރަންޓް އުފެއްދޭނެއެވެ. އަދި ތިލަފުށީގެ މަސައްކަތްތަކަށާއި، ގްރޭޓަރ މާލޭގެ ކަރަންޓުގެ މައި ވިއުގަ ތެރެއިން މި ކަރަންޓު ބޭނުންކުރެވޭނެއެވެ.
މުޅި މި މަޝްރޫޢު ޑިޒައިންކޮށްފައިވާގޮތަށް ބަލާއިރު، ކުންޏަކީވެސް އޭގެ ނަފާ ހޯދާ، އިޤްތިޞާދީ މަންފާ ހޯދޭނެ ވަސީލަތަކަށް ހެދުމަށް ސަރުކާރުން ކަނޑައަޅުއްވާފައިވާ އަމާޒުވެސް ޙާޞިލުވެގެންދާނެއެވެ. އެގޮތުން ކޮންސްޓްރަކްޝަން ވޭސްޓާއި، ޕްލާސްޓިކް ކުނި ރިސައިކަލްކޮށް އަލުން ބޭނުންކުރެވޭނެއެވެ. އަދި އިންސިނަރޭޓަރުން ކުނި އެންދުމަށްފަހު ބާކީވާ، ބޮޓޮމް އޭޝް ނުވަތަ އަޅިތައް، މަގު ހެދުމާ، ގާއެޅުން ފަދަގެ މަޝްރޫޢުތަކުގައި ބޭނުންކުރެވޭނެއެވެ.
މި މަސައްކަތް 2023 ވަނަ އަހަރު ނިމިގެންދާއިރު، ރާއްޖޭގައި އުފައްދާ ގާތްގަނޑަކަށް 60 އިންސައްތަ ކުނީގެ މައްސަލައަށް ހައްލެއް ލިބިގެންދާނެކަމަށް ސަރުކާރުން ލަފާކުރައްވައެވެ.