2022 ވަނަ އަހަރުގެ "ވޯލްޑް ކާރ އެވޯޑް"ގައި އިލެކްޓްރިކް ވެހިކަލްތަކާއި، ޖައްވަށް ވިހަ ގޭސް ބޭރުކުރާލެއް މަދު ކާރުތައް، އާދައިގެ ކާރުތަކަށްވުރެ ކުރިހޯދައިފިއެވެ. މިއަހަރު އެވޯޑް ލިބުނު ކާރުތައް އިޢުލާންކޮށްފައިވަނީ ނިއުޔޯކް އިންޓަރނޭޝަނަލް އޮޓޯ ޝޯވގެ ތެރެއިން ބޭއްވި "ވޯލްޑް ކާރ އެވޯޑް"ގެ ޚާއްޞަ ޙަފްލާއެއްގައެވެ.
ދުނިޔޭގެ ބާޒާރަށް އަންނަމުންދާ ބަދަލާއެކު އޮޓޯމޯޓިވްގެ ދާއިރާވެސް ކުރިއަރަމުން އަންނައިރު، މިއަހަރުގެ އެންމެ މޮޅު ކާރުތަކުން މިކަން ރަމްޒުކޮށްދެއެވެ. އެގޮތުން "ކާރ އޮފް ދަ އިޔަރ" އެވޯޑު ޙާސިލުކޮށްފައިވަނީ މުޅިން އިލެކްޓްރިކް ކާރެއް ކަމަށްވާ ހަންޑޭ އަޔޮނިކް 5 އެވެ. މިއީ ކޮރެއާގެ ހަންޑޭ ކުންފުނިން އުފައްދާ އެސްޔޫވީއެކެވެ. މިހާރަކަށް އައިސް ތެލުގެ ބަދަލުގައި ކަރަންޓުން ޗާޖުކޮށްގެން ދުއްވާ ކާރުތަކުގެ މަޤްބޫލުކަން ބޮޑުވަމުންދާއިރު، ހަންޑޭ ކުންފުނީގެ މި އެސްޔޫވީގެ މަޤްބޫލުކަމާއެކު އިތުރު ދެ އެވޯޑެއްވެސް ހޯދާފައިވެއެވެ. އެގޮތުން އަހަރުގެ އެންމެ މޮޅު އިލެކްޓްރިކް އުޅަނދުގެ އެވޯޑާއި، އެންމެ މޮޅު ޑިޒައިންގެ އެވޯޑްވެސް ގެންގޮސްފައިވަނީ ހަންޑޭ އަޔޮނިކް 5 އެވެ.
އެވޯޑް ދީފައިވާ އެހެނިހެން ކެޓެގަރީތަކަށް ބަލާއިރު އަހަރުގެ ލަގްޒަރީ ކާރުގެ އެވޯޑު ހޯދާފައިވަނީ މަރސީޑީސް ބެންޒް އީކިއުއެސް އެވެ. މިއީ ޖަރުމަންވިލާތުގެ އިލެކްޓްރިކް ފަރުމާއެކެވެ. އެންމެ ޕަރފޯމަންސް ރަނގަޅު ކާރުގެ އެވޯޑު ހޯދާފައިވަނީ އައުޑީ އީޓްރޯން ޖީޓީ އެވެ. މިއީވެސް އިލެކްޓްރިކް ކާރެކެވެ. ވޯލްޑް އާބަން ކާރުގެ ލަޤަބު ހޯދާފައިވަނީ ޖަޕާނުގެ ޓޮޔޯޓާ ކުންފުނިން އުފައްދާ ޓޮޔޯޓާ ޔާރިސް ކްރޮސް އެވެ. މި މޮޑެލްއަކީ އުތުރު އެމެރިކާ މާކެޓުގައި ވިއްކަން ނުހުންނަ މޮޑެލްއެކެވެ.
2004 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ވޯލްޑް ކާރ އެވޯޑަކީ އޮޓޯމޯޓިވް ޖާރނަލިސްޓުން އިސްނަގައިގެން އިންތިޒާމުކުރާ ޕްރޮގްރާމެކެވެ. ބައިނަލްއަޤްވާމީ ވިޔަފާރިތަކާއި މީޑީއާގެ ބައިވެރިވުމުގެ ނިޞްބަތައް ބަލާއިރު މި އެވޯޑަކީ ފާއިތު 9 އަހަރު ދުނިޔޭގެ އެއްވަނަ ހޯދާފައިވާ އެވޯޑް ޕްރޮގްރާމެވެ. މި އެވޯޑުގައި ފަނޑިޔާރުކަން ކުރަނީ ޕްރޮފެޝަނަލް އޮޓޯމޯޓިވް ޖަރނަލިސްޓުންގެ ޓީމަކުންނެވެ. މިއަހަރުގެ ޕްރޮގްރާމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން 103 ޖަރނަލިސްޓަކު ފަނޑިޔާރުކަން ކޮށްދީފައިވެއެވެ. 6 ދާއިރާއަކުން އެންމެ މޮޅު ކާރު ހޮވުމަށްޓަކައި ފަނޑިޔާރުންގެ މޭޒުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވިއްކަން ހުންނަ އައު ނުވަތަ އަލުން ޑިޒައިން ކޮށްފައިވާ ކާރުތައް އިވެލުއޭޓް ކުރެއެވެ. މި މަރުޙަލާގައި ކާރުތައް ޓެސްޓް-ޑްރައިވްކޮށް، ޚިޔާލުހޯދުމަށްޓަކައި ރިވިއުކުރެއެވެ. އެއަށްފަހު ވޯޓު ނެގުމުގެ މަރުޙަލާއަކުން އެންމެ މޮޅު ކާރުތައް ކަނޑައަޅައެވެ.
މި އެވޯޑްގެ މަޤްޞަދަކީ ބައިނަލްއަޤްވާމީ ފެންވަރުގައި އޮޓޯމޯޓިވް ދާއިރާގެ އުފެއްދުންތެރިކަން ބަލައިގަނެ، އެކަމުގެ އަގު ވަޒަންކުރުމާއެކު، އައު އީޖާދުތައް ނެރުމަށް އިތުރަށް ހިތްވަރުދިނުން ކަމަށް ވޯލްޑް ކާރ އެވޯޑްސް އިންތިޒާމުކުރާ ފަރާތްތަކުން ބުނެއެވެ.