ޚަބަރު

ދުނިޔެ ހޫނުވުމުގެ ނުރައްކާ ބޮޑުވަނީ ، ރާއްޖޭގެ ފިނިހޫނުމިން ރެކޯޑު މިންވަރަކަށް މައްޗަށް!


ސިނާޢީ އެކި ކަހަލަ މަސައްކަތްތަކާއި ހަކަތަ އުފެއްދުމަށާއި ކުނި އެންދުންފަދަ ކަންކަމުގެ ތެރެއިން ޖައްވަށް ދޫކުރާ "މީތޭން، ކާރބަންޑައި އޮކްސައިޑް" ފަދަ ވިހަ މާއްދާތަކުގެ ސަބަބުން ވައި ތަޣައްޔަރުވެ، ދުނިޔޭގެ ފިނިހޫނުމިނަށް ހީވެސް ނުކުރާހާ ބޮޑެތި ބަދަލުތަކެއްދަނީ އަންނަމުންނެވެ.

މީގެ ސަބަބުން ނޭވާލާ ނިޒާމަށް ޖެހޭ ތަފާތު ބަލިތަކާއި ކިޑްނީއާއި ހިތުގެ ބަލިތައް މިހާރުވަނީ ޢާއްމުވާން ފަށާފައެވެ. އަދި މިކަމުގެ ނުރައްކާ އެންމެ ބޮޑީ މެދުމިނުގެ އާމްދަނީ ލިބޭ ޤައުމުތަކާއި ދިވެހިރާއްޖެފަދަ ބިން ތިރި ކުދި ޖަޒީރާ ޤައުމުތަކަށެވެ. ދުނިޔޭގެ ފިނިހޫނުމިނަށް އަންނަ ބަދަލުތަކުގެ ސަބަބުން ދުނިޔޭގެ އުތުރު ތަނޑިއާއި ދެކުނު ތަނޑީގައިވާ ގަނޑުފެންތައް ވިރި، ކަނޑުގެ ލޮނުގަނޑު އުފުލުން މިއީ މިހާރު ރާއްޖެފަދަ ބިން ތިރި ޤައުމުތަކަށް އޮތް އެންމެ ބޮޑު ނުރައްކަލެވެ.

ދުނިޔެ މި ވަގުތު މިއޮތީ 19ވަނަ ގަރުނާ އަޅާ ބަލާއިރު، 1.2 ޑިގްރީ ސެލްސިއަސްއަށް ހޫނުކޮށެވެ. އަދި އެޓްމޮސްފިއާގައި ހުރި ކާބަންޑައިއޮކްސައިޑް ވަނީ %50އަށް އިތުރުވެފައެވެ. ސައިންސްވެރިން ބުނެފައިވާ ގޮތުގައި މޫސުމީ ބަދަލުގެ އަސަރު ކުޑަކުރަން ބޭނުން ނަމަ ދުނިޔެ ހޫނުވުން ކޮންޓްރޯލްކޮށް 1.5 ޑިގްރީ ސެލްސިއަސްއަށްވުރެ މަތިވިޔަނުދީ ހިފަހައްޓަން ޖެހެއެވެ.

ދުނިޔެ ހޫނުވުމާ މެދު ސައިންސްވެރިން ދެކޭގޮތް

ސައިންސްވެރިން ގަބޫލުކުރާ ގޮތުގައި މިކަމުގައި އެއްވެސް ކަމެއް ނުކޮށް ތިބެފިނަމަ ދުނިޔެ ހޫނުވުން ހަތަރެއް ޑިގްރީ ސެލްސިއަސްއަށްވުރެ ވެސް މަތިވުން އެކަށީގެންވެއެވެ. އެހެން ވެއްޖެ ނަމަ އާދަޔާ ހިލާފަށް ހޫނުގަދަވެ، ކަނޑުގެ ލޮނުގަނޑު އުފުލި އެތައް މިލިއަން ބަޔެއްގެ ގެދޮރު ގެއްލި ގަސްގަހާގެއްސާއި ޖަނަވާރުތަކަށް އިއާދަނުކުރެވޭ ބޮޑެތި ގެއްލުންތައް ކުރިމަތިވާނެއެވެ. މީގެ އިތުރަށް ދުނިޔެ އިތުރަށް ހޫނުވަމުންދާ ނަމަ ދުނިޔޭގެ ބައެއް ހިސާބުތަކުގައި ދިރިނޫޅެވޭނެއެވެ. އެއީ ބައެއް ދަނޑުބިންތައް ސަހަރާތަކަށް ބަދަލުވުމުގެ ފުރުސަތު އޮތުމުންނެވެ.

މިސާލަކަށް ދާދިފަހުންވެސް ހޫނުގަދަވުމުގެ ސަބަބުން އޮސްޓްރޭލިއާގެ ބޮޑު ޖަންގައްޔެއްގައި އަލިފާން ރޯވެ ވަނީ އަނދާފައެވެ. މި ނޫނަސް ބިންގަނޑު މަރުވުމާއި ބިންގަނޑު ކަނޑައިގެންގޮސް މީހުން މަރުވުމާއި ގެއްލުންފަދަ ކަންކަން އަންނަނީ ހިނގަމުންނެވެ. ދުނިޔެ ހޫނުވުމުން ޖަނަވާރުންނަށް ކާތަކެއްޗާއި ފެން ހޯދަން އުނދަގޫވެ، އެ ތަކެތި ދިރިއުޅޭ މާހައުލު ހަލާކުވާން ފަށާނެއެވެ. މިސާލަކަށް، ގަނޑުފެންތައް ވިރެން ފެށުމުން ޕޯލާ ބެއާތައް މަރުވެ، އެއަށް ދުވާލެއްގެ މައްޗަށް ބޭނުންވާ 150 އާއި 300 ލީޓަރުގެ ފެން ހޯދަން ދަތިވާނެއެވެ. ސައިންސްވެރިން ދެކޭ ގޮތުގައި ފިޔަވަޅު ނާޅައިފި ނަމަ މި ގަރުނުގެ ތެރޭގައި މަދުވެގެން 550 ދިރުން ދުނިޔެއިން ނެތިގެން ދާނެއެވެ.

ދުނިޔެ ހޫނުވުމުގެ ސަބަބުން އޭގެ އަސަރުތައް ރާއްޖެ ފަދަ ކުދި ޖަޒީރާ ރަށްތަކަށް ކުރާއިރު އަޅުގަނޑުމެންނަށްވެސް ތަފާތު އުނދަގޫތަކާ ކުރިމަތިލާންޖެހެއެވެ. ހޫނު ގަދަވުމުގެ ސަބަބުން މި ޤައުމުގައި އަލިފާން ރޯވުންފަދަ ބޮޑެތި ހާދިސާތައް ނުހިނގިނަމަވެސް އުނދަގޫވާ އެތަކެއް ކަމެއް އެބަހުއްޓެވެ. ޚާއްސަގޮތެއްގައި ރަށްރަށުގައި ދިރިއުޅޭ މީހުންނަކީ ވާރޭފެނަށް ބާރޯސާ ވާ ބައެއްކަމުން ވާރޭނުވެހެ ގިނަދުވަސް ވުމުން ފެނައް ޖެހެއެވެ. ފެން ރައްކާކޮށްގެން ގެންގުޅެން ޖެހުމާއި ފުޅިގައި ބަންދުކޮށްފައި ހުންނަ ފެން ގަތުން މިވަނީ އިތުރުވެފައެވެ. ރާއްޖޭގެ އެކި ސަރަޙައްދުތަކުގެ ފަރުތައް ހުދުވުމުގެ މައްސަލައަކީވެސް މިފަދަ ކަމެކެވެ.

ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ހޫނު ގަދަވާއިރު ފަހުގެ ތާރީޚެއްގައި އެންމެ ހޫނު ގަދަ ދުވަހެއްކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން އާއްމުކޮށްފައިވަނީ މި އޭޕްރީލް މަހުގެ 17ވަނަ ދުވަހެވެ. އެއީ 43.3 ޑިގްރީ ސެލްސިއަސްއެވެ.

ރާއްޖޭގެ ފިނިހޫނުމިން

ރާއްޖޭގެ ބޮޑު ބަޔަކީ ކަނޑުގެ ސަރަހައްދު ކަމުގައި ވުމުން ފިނިހޫނުމިނަށް ދުވަހުގެ ތެރޭގެ އަންނަނީ ކުޑަ ބަދަލުތަކެވެ. އާންމު ގޮތެއްގައި ދުވަހުގެ ފިނިހޫނުމިން އުޅެނީ 25 ޑިގްރީ ސެލްސިއަސް އާއި 32 ޑިގްރީ ސެލްސިއަސް ދޭތެރޭގައެވެ. އަހަރުގެ ދުވަސްތަކަށް ބަލާއިރު އިރުވައި މޫސުން ނުވަތަ މާރިޗު، އެޕްރީލް އަދި މޭ މަހުގެ ދުވަސްތަކުގައި އެހެން މަސްތަކާ އަޅާބަލާއިރު ހޫނުގަދައެވެ. މީގެ ކުރިން ރާއްޖޭގައި އެންމެ މަތިން ފިނިހޫނުމިން ރެކޯޑު ކުރެވިފައި ވަނީ 19 މެއި 1991 ގައި ކައްދޫ މީޓިއޮރޮލޮޖިކަލް އޮފީހުގައެވެ. އެއީ 36 ޑިގްރީ ސެލްސިއަސްއެވެ. ރާއްޖޭގެ ފިނިހޫނުމިން އެންމެ ދަށަށް ދިޔަކަމަށް ރެކޯޑުކުރެވުނީ 18.2 ޑިގްރީ ސެލްސިއަސްއަށް 23 ޑިސެމްބަރު 2002 ގައި ހދ.ހަނިމާދޫ މީޓިއޮރޮލޮޖިކަލް އޮފީހުގައެވެ.

ރާއްޖެއަށް ވާރޭވެހޭ މިންވަރާއި އަވިދޭ މިންވަރު

ކޮންމެ އަހަރަކުވެސް އިރުވައި މޫސުމާއި ހުޅަނގު މޫސުމުގައި ވާރޭވެހޭ މިންވަރުގެ ތަފާތެވެ. ރާއްޖޭގެ ތިންސަރަހައްދަށް ބަލާއިރު ދެކުނަށް ނިސްބަތްވާ އަތޮޅުތަކަށް އުތުރަށް ވުރެ ގިނައިން ވާރޭވެހެއެވެ. އެގޮތުން އެވަރެޖްކޮށް ދެކުނަށް އަހަރަކު 2218 މިލިމީޓަރަށް ވާރޭވެހެއެވެ. މެދުރާއްޖެތެރެއަށް 1966 އަދި އުތުރަށް 1779 މިލިމީޓަރުގެ ވާރޭވެހެއެވެ. މިހާތަނަށް ރާއްޖެއަށް 24 ގަޑިއިރު ތެރޭ އެންމެ ބޯކޮށް ވަރޭވެހުނުކަމަށް ރެކޯޑު ކޮށްފައިވަނީ 2015 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހުއެވެ. އެދުވަހު އައްޑޫސިޓީ މީޓިއޮރޮލޮޖިކަލް އޮފީހުން ވަނީ 228 މިލިމީޓަރަށް ވާރޭވެހުނުކަން ރެކޯޑްކޮށްފައެވެ.

ވޭރޭވެހުމާ ޚިލާފަށް ރާއްޖޭގައި އޮންނަ ސަރަހަދުގެ ގޮތުން މުޅިއަހަރުތެރޭ ނިސްބަތުން އަވިދޭ މިންވަރު އިތުރެވެ. މިގޮތުން އިރުވައިމޫސުމުގެ ދުވަސްތަކު ހުޅަނގުމޫސުމުގެ ދުވަސްތަކާ އަޅާބަލާއިރު ރާއްޖޭގެ ހުރިހާހިސާބަަކަށްވެސް އަވިދޭމިންވަރު އިތުރެވެ. އިރުވައި މޫސުމުގެ ދުވަސްތަކުގައި އެވަރެޖްކޮށް ދުވާލަކަށް 10 ގަޑިއިރާއި 11 ގަޑިއިރާ ދެމެދަށް އަވިދޭއިރު ހުޅަނގުމޫސުމުގެ ދުވަސްތަކުގައި އަވިދެނީ އެވަރެޖްކޮށް 7 ގަޑިއިރާއި 9 ގަޑިއިރާ ދެމެދުގައެވެ. މިގޮތުން މޫސުމާ ބެހޭ ޤައުމީ އިދާރާއިން ހާމަކުރާ ގޮތުގައި މިހާތަނަށް އެންމެ ހޫނުގަދަކަމަށް ރެކޯޑް ކުރެވިފައިވަނީ ހުޅުލޭގައި ހުންނަ މީޓިއޮރޮލޮޖިކަލް އޮފީހަށެވެ. އެއީ 43.3 ޑިގްރީ ސެލްސިއަސްގެ ހޫނު މިނެކެވެ. އޭގެ އިތުރަށް ހަނިމާދޫ މީޓިއޮރޮލޮޖިކަލް އޮފީހުން ވަނީ 41.9 ޑިގްރީސެލްސިއަސްގެ ހޫނުމިން ރެކޯޑް ކުރެވިފައިވާކަމަށެވެ.

ރާއްޖޭގެ އެކި ހިސާބުތަކުގެ ފިނުހޫނު މިނުގެ ތަފާސްހިސާބުތައް

1974 ވަނަ އަހަރުން 2021ވަނަ އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު 1984ވަނަ އަހަރު ހުޅުލެ މީޓިއޮރޮލޮޖިކަލް އޮފީހުން އެންމެ ދަށުން ފިނިހޫނުމިން ރެކޯޑް ކުރެވިފައި ހުރީ 19 ޑިގްރީ ސެލްސިއަސްގައެވެ. އެހެންނަމަވެސް 2020ވަނަ އަހަރުގެ ޖޫން މަހުގެ 3ވަނަ ދުވަހު އެ އަދަދު ވަނީ 34.9 ޑިގްރީ ސެލްސިއަސްއަށް އިތުރުރުވެފައެވެ. އެއީ އެއަހަރުގެ ތެރޭގައި އެންމެ ބޮޑަށް ހޫނު ގަދަވި ދުވަސްކަމަށް މެޓް އޮފީހުން މަޢުލޫމާތު ދެއްވައެވެ.

2002ވަނަ އަހަރުގެ ޑިސެމްބަރުގެ މަހުގެ 23ވަނަ ދުވަހަކީ ހދ.ހަނިމާނޫދޫ މީޓިއޮރޮލޮޖިކަލް އޮފީހަށް އެންމެ
ދަށުން ފިނި ހޫނުމިން ރިކޯޑް ކުރެވުނު ދުވަހެވެ. އެދުވަހު 18.2 ޑިގްރީ ސެލްސިއަސްއަށް ވަނީ ރިކޯޑް ކުރެވިފައެވެ. މީގެ އިތުރަށް 2016ވަނަ އަހަރަކީ އެންމެ މައްޗަށް ފިނިހޫނުމިން އެ ސްޓޭޝަނަށް ރެކޯޑް ކުރެވުނު އެހަރެވެ. މިގޮތުން 2016 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 30 ވަނަ ދުވަހު 35 ޑީގްރީސެލްސިއަށް ރެކޯޑް ކުރެވިފައިވެއެވެ.

ލ.ކައްދޫގައި ހުންނަ ސްޓޭޝަނަށް އެންމެ ދަށަށް އަދި އަދި އެންމެ މައްޗަށްވެސް ފިނިހޫނުމިން ރެކޯޑް ކުރެވިފައިވަނީ ނަވާރަސަތޭކައިގެ އަހަރުތަކުގައެވެ. މިގޮތުން 1991 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 12 ވަނަ ދުވަހު 36 ޑިގްރީސެލްސިއަށް އަށް ރިކޯޑް ކުރެވުނެވެ. 1995 ވަނަ އަހަރުގެ އޯގަސްޓްމަހުގެ 20ވަނަ ދުވަހު ރެކޯޑް ކުރެވިފައިވަނީ 20.8 ޑިގްރީ ސެލްސިއަސްއަށެވެ.

ގދ. ކާޑެއްދޫގައި ހުންނަ މެޓްއޮފީން އެންމެ މައްޗަށް ފިނިހޫނުމިން ރެކޯޑްކޮށްފައިވަނީ 1998ވަނަ އަހަރުގެ މެއިމަހުގެ 6 ވަނަ ދުވަހު 34 ޑިގްރީ ސެލްސިއަސްއަށެވެ. އަދި އެ އަހަރުގެ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހަކީ ފިނިހޫނު މިން އެންމެ ދަށައް ދިޔަ ދުވަހެވެ. އެއީ 19.6 ޑިގްރީ ސެލްސިއަސްއެވެ.

އައްޑުސީޓީ ގަމުގެ ސްޓޭޝަނުން ވަނީ 1998ވަނަ އަހަރުގެ އޭޕްރީލް މަހުގެ 17 ވަނަ ދުވަހު ފިނުހޫނުމިން އެންމެމައްޗަށް ގޮސްފައިވާކަން ރެކޯޑްކޮށްފައެވެ. އެއީ 33.6 ޑިގްރީ ސެލްސިއަސްއަސެވެ. އަދި އެންމެ ދަށުން ރެކޯޑް ކޮށްފައިވަނީ 19.7 ޑިގްރީ ސެލްސިއަސް އަށެވެ. އެއީ 1986 ވަނަ އަހަރުގެ މާރޗްމަހުގެ 24 ވަނަ ދުވަހުގައެވެ.