ދިވެހިރާއްޖޭގެ ސަލާމަތީ ބާރުތަކަތީ ދިވެހިރާއްޖޭގެ ޤާނޫނީ ވެރިކަމާއީ ޞިޔާދަތާއި، މިނިވަންކަން ޙިމާޔަތްކޮށް، ދިވެހިރާއްޖޭގައި އަމަން އަމާންކަމާއި، ސުލްޙަ މަސަލަސްކަން ޤާއިމުކުރުމުގައި އެންމެ މުހިންމު ދަޢުރެއް އަދާކުރާ ފަރާތްތަކެވެ. ސަލާމަތީ ބާރުތައް އެކުލެވިގެންވަނީ ސިފައިންނާއި ފުލުހުންގެ މައްޗަށެވެ.
ސަލާމަތީ ބާރެއްގޮތުގައި ރަސްމީކޮށް ދިވެހި ސިފައިންގެ ޚިދުމަތް ރާއްޖޭގައި ދޭންފަށާފައިވަނީ މީލާދީން 1892 ވަނަ އަހަރުގެ އޭޕްރީލް މަހުގެ އެކާވީސްވަނަ ދުވަހު. މިއަދަކީ ދިވެރާއްޖޭގެ ސިފައިންގެ ޚިދުމަތަށް 130 އަހަރު ފުރޭ ދުވަހެވެ.
ދިވެހިރާއްޖޭގައި ސިފައިންގެ ޙަރަކާތްތައް ނުވަތަ ސިފައިންގެ ހެވިކަމުގެ އުކުޅުތައް ފެނިފައިނުވާ ދުވަސްވަރެއް ތާރީޚުގައި ފެންނާކަށް ނެތެވެ. މިއަދު އަޅުގަނޑުމެން މިދެކޭ ސިފައިން އުފެދިގެން ދިޔައީ، އައްސުލްޠާން އިބްރާހީމް ނޫރައްދީން، ދިވެހި ތަޚްތުގައި ރެދަލިކުރެއްވި ދުވަސްވަރު، މާލޭގެ ޒުވާން ބޭފުޅުންކޮޅެއް ހެވިކަމުގެ ހުނަރުތައް ދަސްކުރެއްވުމަށްޓަކައި އާގަނޑުވަރަށް ވަޑައިގެން އުޅުއްވި އުޅުއްވުމުގެ ތެރޭގައެވެ.
އެފަހުން އަސްކަރީ ފައުޖުގެ ދިގު ތާރީޚުގައި އެތައް އިންޤިލާބީ ބަދަލުތަކެއް ވަނީ އައިސްފައެވެ. 1979 ވަނަ އަހަރު، ނޭޝަނަލް ގާޑުގެ ނަމުން ނަންދެވިފައިވާ މި އަސްކަރިއްޔާ، ނޭޝަނަލް ސެކިއުރިޓީ ސަރވިސްގެ ނަމަށް ރީ-ބްރޭންޑްކޮށް، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ދަށަށް ބަދަލުކުރެވުނެވެ.
ފުލުހުންނަކީ މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ދަށުން ހިނގަމުންދާ މަދަނީ އިދާރާއެއްގެ ގޮތުގައި ކަނޑައަޅައި، 1 ސެޕްޓެމްބަރ 2004 ގައި ފުލުހުންގެ ނަން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަމަށް ބަދަލުކުރެވެންދެން، އެން.އެސް.އެސް.ގެ ބައެއްގެ ގޮތުގައި ފުލުހުން ދެމިއޮތެވެ. ނޭޝަނަލް ސެކިއުރިޓީ ސަރވިސްގެ ނަމުން މިހާރު ބޭނުންކުރާ މޯލްޑިވްސް ނެޝެނަލް ޑިފެންސް ފޯސްގެ ނަމަށް ބަދަލުކޮށްފައިވަނީ 21 އޭޕްރީލް 2006 ގައެވެ.
ދިވެހި ސިފައިނަކީ ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއާއި އިސްލާމް ދީނާއި ދިވެހިރާއްޖެ ދިފާޢުކުރުމުގައި، ތެދުވެރިކަމާއި އަމާނާތްތެރިކަންމަތީ ދެމިތިބުމަށާއި ދުޝްމަނުންނާއި ބަޣާވާތްތެރިންގެ ކިބައިން ދިވެހި ދައުލަތް ސަލާމަތްކުރުމުގައި ހަށިގަނޑާއި ފުރާނައިން ޤުރުބާންވާން ޖެހިއްޖެ ޙާލަތެއްގައި ޤުރުބާންވުމަށް މާތްﷲ ގަންދީ ހުވާކޮށްގެން ތިބޭ ބައެކެވެ.
ދިވެހިރާއްޖޭގެ ސިފައިން އަދާކުރައްވަމުން ގެންދަވާ ޤައުމީ މަސްއޫލިޔަތުތަކުގެ ތެރޭގައި ޤައުމުގެ ދިފާޢީ މައިގަނޑު މަސައްކަތްތަކުގެ އިތުރުން، ދިވެހިރާއްޖޭގެ އިޤްތިޞާދީ ސަރަޙައްދު ބެލެހެއްޓެވުމާއި، ރާއްޖެއަށް ދިމާވާ ޤުދުރަތީ ޙާދިސާތަކާއި ކާރިސާތަކުގައި ރައްޔިތުންގެ ފުރާނައާއި މުދާ ސަލާމަތްކުރުމުގެ މަސައްކަތްކުރެއްވުމާއި، އަލިފާނުގެ ޙާދިސާތަކުގައި ރައްޔިތުންގެ ފުރާނައާއި މުދާ ސަލާމަތްކުރުމާއި، ކަނޑުމަތީގައި ޙާލުގައިޖެހޭ މީހުން ހޯދައި ސަލާމަތްކުރުމާއި ކަނޑާއި އެއްގަމުގައި ދިމާވާ ނުރައްކާތެރި ޙާދިސާތަކުގައި ރައްޔިތުންގެ ފުރާނައާއި މުދާ ސަލާމަތްކުރުމާއި، ދިވެހިރާއްޖޭގެ ކަނޑާއި ވައިގެ ބަނދަރުތަކުގެ ސަލާމަތްތެރިކަމާއި ރައްކާތެރިކަން ބެލެހެއްޓުން ހިމެނެއެވެ.
ދިވެހި ސިފައިންގެ ލަޝްކަރުގެ ވަރުގަދަކަމާއި ބަދަހިކަމަކީ، ދިވެހިރާއްޖެ މިނިވަން ދައުލަތެއްކަމުގައި ދެމިއޮތުމުގެ މައިގަނޑު އެއް ސަބަބެވެ. އެގޮތުން ދިވެހި ސިފައިންގެ ޤައުމީ ޚިދުމަތާއި، ސިފައިން ޤައުމާ ރައްޔިތުންނަށް އިޚްލާސްތެރި މިންވަރު ހާމަކޮށްދިން އެއް ކަމަކީ 1988 ވަނައަހަރުގެ ނޮމެވްބަރު މަހުގެ 3 ވަނަދުވަހު ބޭރުގެ ހަތިޔާރުއެޅި ހަނގުރާމެވެރި ބަޔަކު ޤައުމަށް ދިން އުދުވާނީ ޙަމަލާއިން ދިވެހިޤައުމާއި ރައްޔިތުން ދިފާޢުކުރުމުގައި ސިފައިން ވެވަޑައިގެންނެވި ޤުރުބާނީއެވެ.
ދިވެހި ސިފައިން ވަނީ އިސްލާމްދީނާއި ދިވެހި ޤައުމުގެ ދިފާޢުގައި ސާބިތުކަމާއެކު ހަނގުރާމަކޮށް، ދިވެހިރައްޔިތުންނާއި ދިވެހި ދައުލަތާއި ޤައުމާއި ޤާނޫނީ ވެރިކަން ސަލާމަތްކުރުމުގައި ކާމިބާ ހޯއްދަވާފައެވެ.
އެ ޙަމަލާތަކުގައި ދިވެހި ސިފައިންގެ ބަޔަކު ޤައުމުގެ ދިފާޢުގައި ޝަހީދުވެގެން ދިޔަ ދިއުމަކީ ސިފައިންގެ ޤައުމީ ޖޯޝް ހާމަކޮށްދިން ކަމެކެވެ. މި ޙާދިސާގެ އިތުރުން ސުނާމީ ކާރިސާގައި ހާލުގައި ޖެހުނު މީހުންނަށް އެޙީތެރިވުމުގައި ސިފައިން އަދާކުރެއްވި ދައުރާއި، ކޯވިޑް-19ގެ ޙާލަތުގައިވެސް ސިފައިން ފޯރުކޮށްދެއްވި އެހީތެރިކަމާއި، އެ ނޫންވެސް ޤައުމާއި ރައްޔިތުންނަށް ދިވެހި ސިފައިންގެ ބޭނުންޖެހޭ ކޮންމެ ޙާލަތެއްގައި ސިފައިން ވެދެއްވާ އެހީއަކީ ދިވެހި ސިފައިންގެ ޚިދުމަތުގެ މުހިންމުކަން ހާމަވެގެންދާކަންކަމެވެ.
ދިވެހި ސިފައިންގެ ޚިދުމަތަށް 130 އަހަރު ފުރުން ފާހަގަކުރަމުންދާއިރު، ސިފައިންގެ ޚިދުމަތް ޤާއިމުކުރެވުނު ދުވަހުން ފެށިގެން މިއަދާ ހަމައަށްވަނީ ބޮޑެތި ކުރިއެރުންތައް ލިބިފައެވެ. ދުނިޔޭގެ އެންމެ މަތީ ފެންވަރުގެ ޢަސްކަރީ ތަމްރީން ލިބިފައިވާ ސިފައިން ދިވެހި ސިފައިންގެ ތެރޭގައި ހިމެނޭކަން ފާހަގަކުރެވެއެވެ.
ދިވެހި ޤައުމުގެ މިނިވަންކަމާއި، ސިޔާދަތު ރައްކާތެރިކޮށްދެއްވުމަށް ދިވެހި ސިފައިން ކެނޑިނޭޅި ކުރަމުންދާ މަސައްކަތްތަކަކީ ދިވެހި ކޮންމެ ރައްޔިތަކު އުފަލާއެކު ބަލައިގަންނަ ކަންތައްތަކެކެވެ. ޤާނޫނުއަސާސީގައި ސިފައިންގެ މައްޗަށް މަތިކޮށްފައިވާ ޒިންމާތައް އަދާކުރުމުގައި ސިފައިންގެ ބަދަހި ސަފުތައް ރައްޔިތުންގެ ޚިދުމަތުގައި ޒަމާނުންސުރެ ދެގޮތެއްނުވެ ދެމިތިބިކަމީ، ދިވެހި ޤައުމާއި ރައްޔިތުން ފަޚުރުވެރިވާކަމެކެވެ.