ޚަބަރު

130 ކިލޯގެ ޑްރަގް: ބަންދުން ދޫކޮށްލި ޝަހީބުއާއި، އަހުމަދު މޫސާ ހައްޔުކުރަން އަމުރުކޮށްފި


ރާއްޖެއަށް 130 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލާގައި ދަށު ކޯޓުން ދޫކޮށްލި އިސް ދެމީހުން އަލުން ހައްޔަރު ކުރުމަށް ހައިކޯޓުން އަމުރުކޮށްފިއެވެ.

130 ކިލޯގެ މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް އުޅުނު ކަމަށް ފުލުހުން ތުހުމަތުކުރަނީ ގއ. ވިލިނގިލި/ލައިޓްހައުސް، ޝަހީބް އިބްރާހިމް (42އ) އާއި ހއ. ހޯރަފުށި/ ވައިލެޓްވިލާ، އަހްމަދު މޫސާ (48އ) އެވެ. މިދެމީހުންނަށް ބޭސްފަރުވާއަށް ލުއި ދީ ކްރިމިނަލްކޯޓުން މިމީހުން ބަންދުން ދޫކޮށްލާފައިވަނީ މިމަހުގެ 16 ވަނަ ދުވަހުއެވެ.

އެނިންމުން ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން މިއަދު ކުރި ހުކުމުގައި ބުނެފައިވަނީ އެދެމީހުން ދޫކޮށްލަން ދަށު ކޯޓުން ކުރި ހުކުމް ބާތިލްކުރާކަމަށެވެ. އަދި އެމީހުން ހައްޔަރު ކުރުމަށް ނެރެފައިވާ އަމުރު ދެމި އޮތްކަމަށް ކަނޑައެޅުމުން އެދެމީހުން ޖަލަށް ބަދަލު ކުރެވިގެންދާނެއެވެ. މިދެމީހުން ޖަލަށް ބަދަލު ކުރުމަށް ހުކުމް ކުރީ ހައިކޯޓުގައި މިމައްސަލަ ބައްލަވާ ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

މިދެމީހުން ބަންދު ކުރުމަށް ހައިކޯޓުން ކުރި ހުކުމުގައި ފަނޑިޔާރުންވަނީ ޑޮކްޓަރު ދީފައިވާ ލިޔުންތަކަށް ބަލައި، ބަންދުގައި ބައިތިއްބައިގެން ފަރުވާ ނުދެވޭފަދަ ސީރިއަސް މައްސަލަތަކެއް ނެތްކަމަށްވެސް ކަނޑައަޅާފައެވެ.

130 ކިލޯގެ މަސްތުވާތަކެތި އެތެރެކުރުމުގައި ހިމެނޭ އަދި މަސްތުވާތަކެތީގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރާ ބޮޑު ނެޓްވޯކެއްގެ އިސްމީހެއްގެ ގޮތުގައި ފުލުހުން ތުހުމަތުކުރާ ޝަހީބް އިބްރާހީމުގެ މައްޗަށް ބޮޑު ތިން ދައުވާއެއް ވަނީ އުފުލާފައެވެ. މިމައްސަލާގައި ހިމެނޭ އަހްމަދު މޫސާގެ މައްޗަށްވެސް ވަނީ 3 ދައުވާއެއް އުފުލާފައެވެ.

ޕީއެންސީގެ ކުރީގެ ކައުންސިލް މެމްބަރު އަދި މިދިޔަ ސަރުކާރުގެ ހައުސިން މިނިސްޓްރީގެ ކޯޑިނޭޓަރުކަން ކޮށްފައިވާ ޝަހީބަކީ 2019 ނޮވެމްބަރު މަހުގެ ތެރޭގައި ރާއްޖެއަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި އިރާން ބޯޓުގެ މައްސަލައާ ވެސް ގުޅުން ހުރި މީހެއްކަމަން ފުލުހުންވަނީ ހާމަކޮށްފައެވެ. އަދި އެމައްސަލައިގައި ޝަހީބް އިބްރާހިމް އާއި ޖާމިނުކޮށް އީރާންގެ 7 މީހުން ކްރިމިނަލް ކޯޓުން އޭރު ބަންދުން ދޫކޮށްލިކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއެކު ހިންގި ޚާއްސަ އޮޕަރޭޝަންގައި 130 ކިލޯގެ މި މަސްތުވާތަކެތި އަތުލައިގެންފައިވަނީ ހުޅުމާލޭ ފަޅުތެެރޭގައި އޮތް ޖަންބު ނަމަކަށް ކިޔާ ކަންނެލި ދޯންޏެއްގައި ރައްކާކޮށްފައި ހުއްޓައެވެ. މިތަކެތި އަތުލައިގަތީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 12ވަނަ ދުވަހުއެވެ.