ޚަބަރު

ރައީސްގެ ޤަރާރުގައި މިނިވަންކަމަކަށް ހުރަސްއެޅޭ އެއްވެސް ކަމެއްނެތް: ހުސައިން


އިންޑިއާ ދެކޮޅަށް ހިންގާ ޙަރަކާތްތައް ހުއްޓުވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ނެރުއްވި ޤަރާރަކީ ޤާނޫނު އަސާސީން ދިވެހި ރައްޔިތުންނަށް ފަހިކޮށްދީފައިވާ އެއްވެސް ހައްގަކަށް އުނިކަމެއް އަންނާނެ ޤަރާރެއް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު ހުސައިން ޝަހީމް ވިދާޅުވެއްޖެއެވެ.

އިދިކޮޅު ފަރާތްތަކުން އިންޑިއާއާއި ދެކޮޅަށް ހިންގާ "އިންޑިއާ އައުޓް" ޙަރަކާތް ހުއްޓުވުމަށް ދައުލަތުގެ ކަމާބެހޭ އެންމެހައި އިދާރާތަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ އަންގަވާފައެވެ.

އިދިކޮޅު ފަރާތްތަކުން އިންޑިއާއާދެކޮޅަށް ހިންގާ ޙަރަކާތްތަކާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެ ޕްރިގުރާމުގައި ވާހަކަ ދައްކަވަމުން ހުސެއިން ޝަހީމް ވިދާޅުވީ، ރާއްޖޭގެ މިނިވަން ކަމަށާއި ސިޔާދަތާއި، އަދި ދިވެހިންގެ އަމާންކަން ގެއްލޭގޮތަށް އެއްވެސް ފަރާތަކަށް ޢަމަލު ކުރުމުގެ ޖާގައެއް ޤާނޫނު އަސާސީން ފަހިވެފައި ނުވާކަމަށެވެ. ރާއްޖެ ބައިވެރިވެފައިވާ މުޢާހަދާތަކާއި ޤާނޫނު އަސާސީންވެސް ރާއްޖޭގައި އުޅޭ ކޮންމެ މީހަކަށްވެސް ހައްގުތަކެއް ކަށަވަރު ކޮށްދީފައިވާކަމަށެވެ. އެހައްގުތައް ހަނނިވާގޮތަށް ކުރެވޭ ކޮންމެކަމެއް ހުއްޓުވުމަކީ ސަރުކާރުގެ ޒިންމާއެއްކަމަށް ހުސައިން ވިދާޅުވިއެވެ.

ދޭދޭ ޤައުމުތަކާއި، އަދި އަވަށްޓެރި ޤައުމުތަކާއި އޮންނަ ގުޅުމަށް ހުރަސް އެޅޭގޮތަށް އިދިކޮޅު ފަރާތްތަކުން ހިންގާ ހަރަކާތް ހުއްޓުވުމަށް ރައީސުލްލްމުޖްހޫރިއްޔާ ނެރުއްވި ޤަރަރާ ގުޅޭގޮތުން ހުސެއިން ވިދާޅުވީ މިޤަރާރަކީ ޤާނޫނު އަސާސީން ކަށަވަރު ކޮށްދީފައިވާ އެއްވެސް ހައްގެއް ހަނި ނުވާނެގޮތައް ނެރެފައިވާ ޤަރާރެއްކަމަށެވެ. އެއްވެ އުޅުމާއި ޚިޔާލު ފާޅު ކުރުމާއި، މުޒާހަރާ ކުރުމަކީ ސަރުކާރުން އަބަދުވެސް މަރުހަބާ ކިޔާ ކަންތައްތަކެއް ކަމަށެވެ.

"ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކީ ދިވެހި ރާއްޖޭގެ ޤާނޫނު އަސާސީއާއި، ޤާނޫނުތަކާއި ޚިލާފް ޤަރާރެއް ނޫން. ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނެރެވޭނީ ވަކި ކަންކަމަށޭ ކިޔާ އެކަން ޤާނޫނު އަސާސީން ހަނިކޮށްފައިނުވޭ. ރައީސްގެ ޤަރާރުން ޤާނޫނާއި ޚިލާފް ކަމަށް ދައްކާ ވާހަކަތަކަކީ ތާކުންތާކު ނުޖެހޭ ވާކަތަކެއް. މިޤަރާރުން ޤާނޫނު އަސާސީން ދިވެހި ރައްޔިތުންނަށް ލިބިދީފައިވާ އެސްވެސް ހައްގަކަށް ހުރަހެއް ނާޅާ. މިޤަރާރަކުން ރައްޔިތުންނަށް މިނިވަންކަމަށް އެއްވެސް ހުރަހެއް ނާޅާ." ހުސެއިން ވިދާޅުވިއެވެ.

ޤާނޫނު އަސާސީގެ 119ވަނަ މާއްދާގައި ރައީސުލްޖުމްހޫރިއްޔާ ކޮށްގެން ނުވާނެކަން ވަނީ ބަޔާންކޮށްފައެވެ. އެމާއްދާއާ ޚިލާފަށް ރައީސުލްޖުމްހޫރިއްޔާ މިހާތަނަށް އެއްވެސް ކަމެއް ކުރައްވާފައި ނުވާކަމަށް ހުސައިން ވިދާޅުވިއެވެ. ރާއްޖެއާއި ދެކުނު އޭޝިޔާގެ ހަމަޖެހުމަށްޓަކައި، މިފަދަ ޤަރާރެއް ނެރުމަކީ ޤާނޫނާ ޚިލާފްކަމެއްކަމަށް ބުނުމުގެ އެއްވެސް ފުރުސަތެއް އެއްވެސް މީހަކަށް ނެތްކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

އިންޑިއާއަކީ ރާއްޖެއަށް ދިމާވާ ކޮންމެ ކަމެއްކައި އެންމެ އަވަހަށް އެހީތެރިވާ ރާއްޖޭގެ ތަރައްޤީގައިވެސް ބޮޑު ހިއްސާއެއް އެކުލެވޭ ޤައުމެކެވެ. މިފަހުން ކޯވިޑްގެ ތެރޭގައި ރާއްޖެއަށް ވެދިން އެހީތެރިކަމަކީ ދިވެހި ރައްޔިތުން ޝުކުރު ވެރިކަމާއިއެކު ބަލައި ގަންނަ އެހީތަކެއްކަމަށް ހުސައިން ޝަހީމް ވިދާޅުވިއެވެ. އަދި ދިވެހި ތާރީހުގައި ދިވެހި ރާއްޖޭގެ މިނިވަންކަން ނަގާލަން މަސައްކަތް ކުރި ކޮންމެ ފަހަރަކު އެކަން ހުއްޓުވައި، ދިވެހި ރާއްޖެ މިނިވަން ދައުލަތެއްގެ ގޮތުގައި ބޭއްވުމަށް އެންމެ ބޮޑު އެހީތެރިކަމެއް ވެދިނީވެސް އިންޑިއާއިން ކަމަށް އޭނާ ވިދާޅުވިއެވެ.