ޚަބަރު

ކެނދިކުޅުދޫ ގެއަކުން ވަގަށްނެގި 180000 އަށްވުރެ ގިނަ ރުފިޔާ ހޯދައިފި


ނ. ކެނދިކުޅުދޫ ގެއަކުން ވަގަށްނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދައި، ވައްކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.

ކެނދިކުޅުދޫ ގެއަކުން ވައްކަންކޮށް، 180،000 އަށް ވުރެ ގިނަ ރުފިޔާ ވަގަށް ނަގާފައިވާ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މިމަހުގެ 16 ވަނަ ދުވަހުއެވެ. އެ މައްސަލައާ ގުޅިގެން އެ ފައިސާ ހޯދުމަށް، މަނަދޫ ޕޮލިހާއި ލަންދޫ ޕޮލިސް އަދި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހާއްސަ މަސައްކަތްތަކެއް ކޮށްފައިވެއެވެ.

އެގޮތުން ކުރެވުނު މަސައްކަތުގެ ތެރެއިން ރޭ ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި، ވައްކަމުގެ ތުހުމަތުގައި 34 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވެއެވެ. އަދި އޭނާ ވަގަށް ނަގާފައިވާ ފައިސާގެ ތެރެއިން 150،000 އަށް ވުރެ ގިނަ ރުފިޔާ ހޯދާފައިވެއެވެ. އެ ފައިސާ ހޯދާފައިވަނީ ކެނދިކުޅުދޫ ވަލުތެރޭގައި ފޮރުވާފައިހުއްޓައެވެ. އެ އޮޕަރޭޝަނުގައި ރަށުގެ ރައްޔިތުންގެ އެހީތެރިކަމާއި އެއްބާރުލުން ފުލުހުންނަށް ލިބިފައިވާކަން ވަނީ ފާހަގަކޮށްފައެވެ.

މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް މިލަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތެއް ވަނީ ދީފައިވެއެވެ.