ޚަބަރު

ފުރަތަމަ ކުއާޓަރުތެރޭގައި މާފަރު އެއަރޕޯޓަށް 190 ޖެޓު


މިއަހަރުގެ ފުރަތަމަ ކުއާޓަރުގެތެރޭގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓަށް 190 ޕްރައިވެޓު ޖެޓު ޖައްސާފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

2019ވަނަ އަހަރުގެ ފަހުކޮޅު ހުޅުވާފައިވާ މާފަރު އެއަރޕޯޓު އިންޓަރނޭޝަނަލް އެއަރޕޯޓެއްގެ ގޮތުގައި ބޭނުންކުރަން ފަށާފައިވަނީ 2020 ވަނަ އަހަރުގެ ޖުލައިމަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ. މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު މެނޭޖްކުރާ އައިލެންޑު އޭވިއޭޝަނުން ހާމަކުރާގޮތުގައި އެ އެއަރޕޯޓަށް ޖައްސާ ޕްރައިވެޓް ޖެޓްތަކުގެ އަދަދު ދަނީ އިތުރުވަމުންނެވެ.

މިއަހަރުގެ ފުރަތަމަ 3 މަސް ދުވަހުގެތެރޭގައި 190 ޖެޓު އެއަރޕޯޓަށް ޖައްސާފައިވާއިރު، މިއީ 380 ފުލައިޓު މޫވްމަންޓެވެ. ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ ފުރަތަމަ ކުއާޓަރުގެތެރޭގައި މާފަރު އިންޓަރނޭޝަން އެއަރޕޯޓު މެދުވެރިކޮށް ރާއްޖެއަށް 708 ފަތުރުވެރިން ވަނީ އެތެރެވެފައެވެ. އަދި މި މުއްދަތުގައި އެ އެއަރޕޯޓު މެދުވެރިކޮށް ރާއްޖެއިން ބޭރުވެފައިވަނީ 762 ފަތުރުވެރިންނެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު މެދުވެރިކޮށް ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް އެތެރެވެފައިވަނީ ރަޝިއާ ފަތުރުވެރިންނެވެ. އެގޮތުން އަހަރުގެ ފުރަތަމަ ތިން މަސްދުވަސްތެރޭ އެ އެއަރޕޯޓު މެދުވެރިކޮށް 305 ފަތުރުވެރިން ވަނީ އެތެރެވެފައެވެ.

ދެވަނައަށް އެންމެ ގިނަ އަދަދަކަށް އެތެރެވެފައިވަނީ ޔޫއޭއީގެ ފަތުރުވެރިންނެވެ. މި މުއްދަތުގައި އެޤައުމުން ވަނީ 190 ފަތުރުވެރިން މާފަރު އެއަރޕޯޓު މެދުވެރިކޮށް ރާއްޖެއަށް އެތެރެވެފައެވެ.

މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓުގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ ފުރަތަމަ ތިން މަސްދުވަހު އެ އެއަރޕޯޓަށް ޖައްސާފައިވަނީ 201 ޕްރައިވެޓު ޖެޓެވެ. މި އަދަދަކީ މިއަހަރުގެ ފުރަތަމަ ތިން މަސް ދުވަހަށްވުރެ އިތުރު އަދަދެކެވެ. ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ ފުރަތަމަ 2 މަސްދުވަހު މާފަރު އެއަރޕޯޓަށް ޖެއްސި ޖެޓުތަކުގެ އަދަދު މިދިޔަ އަހަރުގެ މި މުއްދަތަށްވުރެ އިތުރު ނަމަވެސް މަރޗުގެ އަދަދުތައް ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ.

ސަރުކާރުން މާފަރު އެއާޕޯޓު ތަރައްޤީކޮށްފައި ވަނީ، ބައިނަލްއަޤުވާމީ ވައިގެ ދަތުރުފަތުރުގައި އެންމެ އާއްމުކޮށް ބޭނުންކުރާ އެއާބަސް އޭ320 އާއި ބޮއިން 737ގެ ބޯޓުތައްވެސް ޖެއްސޭ ގޮތަށެވެ. މިގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ގަން އިންޓަނޭޝަނަލް އެއާޕޯޓަށްފަހު އެންމެ ބޮޑު ރަންވޭއެއްވެސް ހަދާފައި ވަނީ މާފަރު އެއާޕޯޓުގައެވެ.

މާފަރު އެއާޕޯޓަކީ ސީދާ އިންޓަރނޭޝަނަލް ދަތުރުތަކަށް އަމާޒުކޮށްކޮށްގެން ވަސީލަތްތައް ތަރައްޤީކޮށްފައިވާ އެއާޕޯޓެކެވެ.