ރާއްޖެއަށް ބޭނުންވާ ދިވެހި ޑޮކްޓަރުން ނުލިބުމާއި ބޭރު ޑޮކްޓަރުން މިދާއިރާގައި ހަރަކާތްތެރިވާ މިންވަރު އިތުރުވުމަކީ ސިއްޙީ ދާއިރާގައި މަސައްކަތް ކުރާ މީހުންގެ އިތުރަށް އާއްމު ރައްޔިތުންވެސް ކަންބޮޑުވާ މައްސަލައެކެވެ. މިދާއިރާއަށް ދިވެހިން ނެރެވެން އަންނަނީ ޑޮކްޓަރުކަން ކިޔަވަން ބޭނުންވާ ދަރިވަރުންނަށް އެ ފުރުޞަތު ދީ ކިޔަވައިގެން ތިބި ދަރިވަރުންނަށްވެސް ވަޒީފާގެ ފުރުޞަތު ދީގެންނެވެ. ޑޮކްޓަރުކަން ކިޔެވުމަކީ އެތައް ފައިސާއެއް ޚަރަދުކުރަން ޖެހޭ ކަމަކަށްވުމުން މިދާއިރާއިން ކިޔަވަން ބޭނުންވެ މާލީ ތަނަވަސްކަން ނެތުމުގެ ސަބަބުން އެ ފުރުޞަތު ނުލިބި އެތައް ކުދިންނަށް ރާއްޖޭގައި އެބަތިއްބެވެ. މީގެ ކުރިއަށް ބަލާލާއިރު ސަބަބަކަށްވެފައިވަނީ ޑޮކްޓަރުކަން ކިޔަވަން ބޭނުންވާނަމަ ބޭރުގެ ކޮންމެވެސް ޤައުމަކަށް ދާންޖެހޭޖެހުމެވެ. އެހެންކަމުން ކޯސްފީއަށް ދައްކަންޖެހޭ ފައިސާގެ އިތުރަށް އެ ޤައުމެއްގައި އުޅުމަށްވެސް ބޮޑު ޚަރަދުތައް ކުރަންޖެހެއެވެ.
ރާއްޖޭގައި ތިބެގެން ޑޮކްޓަރުކަން ކިޔެވިދާނެ ކަމަކަށް، މީގެ 4 ވަރަކަށް އަހަރު ދުވަސް ކުރިން ދަރިވަރުންގެ ހިތައް ނޭރިނަމަވެސް މިހާރު ސަރުކާރުން މިވަނީ ރާއްޖޭގައި، އަމިއްލަ ވަޒަނުގައި، އާއިލާގެ ކައިރީގައި ހުރެގެން ކިޔެވޭނެ އިންތިޒާމް ހަމަޖައްސާދީފައެވެ. ރާއްޖޭގެ ތާރީޚުގައި ވެސް ފެށި ޑޮކްޓަރ އޮފް މެޑިސިންގެ ފުރަތަމަ ކޯސް، ގައުމީ ޔުނިވާސިޓީގެ ހިޔާވަހިކަމުގައި ފެށީ 2018 ވަނަ އަހަރުގެ ތެރޭގައެވެ. ފުރަތަމަ 22 ދަރިވަރުންނާއެކު ކޯސް ފެށި ނަމަވެސް އަހަރަކަށްވުރެ އަހަރެއް ޑޮކްޓަރުކަން ކިޔަވަން ބޭނުންވާ ކުދިންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. މިގޮތުން މިހާރުވެސް 5 ބެޗެއް ކިޔަވަމުން އަންނައިރު ޖުމުލަ 154 ދަރިވަރުން އަންނަނީ ކިޔަވަމުންނެވެ. މި ދަރިވަރުންނަށް ކިޔަވައިދެއްވަމުން އަންނަނީ ދިވެހި ޑޮކްޓަރުންގެ އިތުރަށް އިންޑިއާ، ބަންގްލަދޭޝް، ނޭޕާލް، މިޞްރުގެ ތަޖުރިބާކާތު ޕްރޮފެސަރުންނެވެ. އަދި ދަރިވަރުންނަށް ކިޔަވައިދެނީ މެލޭޝިޔާގެ ކެބެންސާން ޔުނިވާސިޓީގެ ސިލަބަހެވެ.
ފަސް އަހަރުގެ މުއްދަތަކަށް ހިންގާ ޑޮކްޓަރުކަމުގެ ކޯހުގެފީއަށް ކޮންމެ ސެމިސްޓަރ އަކަށް 60،684 ރުފިޔާ ދައްކަން ޖެހެއެވެ. އެހެންނަމަވެސް މި ސަރުކާރު ވެރިކަމާ ހަވާލުވެވޑައިގެން ދަރިވަރުންނަށް މަތީ ތަޢުލީމްގެ ފުރުޞަތުތައް ފަހިކޮށްދީ މާލީ ތަނަވަސްކަން ނެތް ދަރިވަރުންނަށްވެސް ކިޔެވޭނެ ފުރުޞަތުތައް ހޯދައިދިނުމުގެ ގޮތުން ހުޅުވާލި ހިލޭ ޑިގްރީ ސްކީމްގައި މި ކޯސް ހިމަނާ އެ ފުރުޞަތު ވަނީ ފަހިކޮށްދީފައެވެ. އެގޮތުން މިހާރު ރާއްޖޭގައި ތިބެގެން ޑޮކްޓަރުކަން ކިޔަވަމުން އަންނަ ހުރިހާ ދަރިވަރުންވެސް އަންނަނީ މި ސްކީމްގައި ބައިވެރިވެ ކިޔަވަމުންނެވެ. މީގެ ސަބަބުން ފައިސާ ހަމަނުޖެހި ކޯސް ހުއްޓާލަން ޖެހިދާނެކަމުގެ ކަންބޮޑުވުންވަނީ ފިލައިގެންގޮސްފައެވެ.
މަތީ ތައުލީމުގެ އެކި ކޯސްތައް ރާއްޖޭގައި ހިންގާއިރު، އެ ޕްރޮގްރާމުތަކުގެ ފެންވަރާއި ކުރިއަށްގެންދާ ގޮތާ މެދު ސުވާލު އުފައްދާ މީހުން މަދެއް ނޫނެވެ. ޚާއްސަކޮށް ޑޮކްޓަރުން ތަމްރީނުކުރުން ފަދަ ކޯސްތަކަށް، އިތުރަށް ސަމާލުކަން ދޭން ޖެހެއެވެ. މެޑިކަލް ކޮލެޖްގެ ޑީން ޑރ. ޝީޒާ އަލީ ވިދާޅުވީ މެލޭޝިޔާ ޔުނިވާސިޓީއަކާ ގުޅިގެން ކުރާ މަސައްކަތަކީ ކޮލެޓީ ކަށަވަރުކުރަން ލިބޭ ވަރަށް ބޮޑު ހިތްވަރެއްކަމަށެވެ. ޝީޒާ ވިދާޅުވީ ރާއްޖޭގައިވެސް ކިޔަވއިދެމުން ގެންދާނީ މެލޭޝިއާގައި ކިޔަވައިދިނުން ތަންފީޒުކުރާ ގޮތަށްކަމަށެވެ. ލާނިން މެޓީރިއަލްސް އާއި އިމްތިހާނާ ގުޅޭ އެއްޗެތި ވެސް ފޮނުވާނީ މެލޭޝިޔާއިންނެވެ.
ރާއްޖެއިން ބޭރަށް ދިއުމުގެ ބަދަލުގައި އެމްއެންޔޫއާ ގުޅިގެން ޑޮކްޓަރުކަން ކިޔެވުމުގެ ފުރުސަތު ބޭނުންކުރުމުގެ ބައިވަރު ސަބަބުތައް އެބަހުރިކަން ފާހަގަކުރައްވާ ޝީޒާ ވިދާޅުވީ ކޯހުގެ ފެންވަރު ރަނގަޅުވުމާއި ސަރުކާރުގެ ޚަރަދުގައި ކިޔެވުމުގެ އިތުރުން އުފަން ގައުމުގައި ތިބެގެން މަތީ ތައުލީމް ހާސިލްކުރުމަކީ ލިބޭ ހިތްހަމަޖެހުމެއް ކަމަށެވެ. އެކަންކަމުގެ އިތުރުން، ހިތްހަމަޖެހޭ ރީތި މާހައުލެއްގައި ކިޔެވުމަކީ ދަރިވަރުންނަށް އެހީއަކަށް ވާނެ ކަމަށް ވެސް އޭނާ ގަބޫލުކުރައްވައެވެ.
ޝީޒާ ވިދާޅުވީ ކޯސް ފެށި ފުރަތަމަ އަހަރު ލެކްޗަރާއިން މަދުކަމަށާއި ނަމަވެސް މިހާރު ޖުމުލަ 14 ލެކްޗަރާއިން ކިޔަވައިދެމުން އަންނަކަމަށެވެ. އޭގެ ތެރެއިން 3 ލެކްޗަރާއިންނަކީ ދިވެހިންނެވެ.
މި ކޯހަކީ ތިއަރީ ބައިގެ އިތުރަށް ޕްރެކްޓިކަލް ބައިވެސް އެހާމެ ބޮޑު ކޯހެކެވެ. އެގޮތުން ހެނދުނު 8 އިން ހަވީރު 4 ޖެހުމާ ދެމެދު އެކި ކްލާސްތައް ކުރިއަށް ގެންދާއިރު ދަރިވަރުން ފީލްޑަށް ނުކުމެ ތަމްރީން ހޯދަން ފަށަން ޖެހެނީ ކޯހުގެ 3 ވަނަ އަހަރުން ފެށިގެންނެވެ. މި ދަރިވަރުންނަށް އިންޓަރންޝިޕް ފޯރުކޮށްދެނީ އައިޖީއެމްއެޗްއާއި، އޭޑީކޭ ހޮސްޕިޓަލުންނެވެ. މީގެ އިތުރަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަށްވެސް އިންޓަރންޝިޕް ހޯދުމަށްޓަކައި ދަރިވަރުން ފޮނުވައެވެ.
މެޑިކަލް ކޮލެޖްގެ ޑީން ފާހަގަކުރައްވާ ގޮތުގައި ރާއްޖޭގައި މެޑިސިންއަށް ޚާއްސަ ސްކޫލެއް ޤާއިމްކޮށް ކޮންމެ އަހަރަކު ބެޗެއް ތަމްރީން ކުރެވޭނަމަ ކުރިއަށް އޮތްތަނުގައި ހޮސްޕިޓަލް ތަކާއި ހެލްތު ސެންޓަރުތަކުގައި މަސައްކަތް ކުރާނީ ދިވެހިންކަމަށެވެ. މި ދާއިރާއިން ދިވެހިން ބިނާ ކުރެވިއްޖެނަމަ ހޮސްޕިޓަލްތައް ކުރިއެރުވުމުގައާއި ޚިދުމަތް ދިނުމުގައިވެސް ހެޔޮ ބަދަލުތަކެއް ގެނައުމަށް މަސައްކަތްތަކެއް ކުރެވިގެންދާނެކަން އޭނާ ޤަބޫލު ކުރެއެވެ.
މަރުވެފައިވާ އިންސާނުންގެ ހަށިގަނޑުގެ ބަދަލުގައި ކޯހުގެ އަމަލީ ބައިގައި އެމްއެންޔޫގެ ދަރިވަރުން ބޭނުންކުރާނީ ވާޗުއަލް ޑިސެކްޝަން ޓޭބަލް ނަމަކަށް ކިޔާ އެންމެ ފަހުގެ ޓެކްނޮލޮޖީއެވެ. ސިއްހީ ޚިދުމަތް ދިނުމުގެ ވަސީލަތްތައް އުފެއްދުމަށް ދުނިޔޭގައި އެންމެ ކުރިއަރާފައިވާ އެއް ކުންފުނި، ސްވިޑްންގެ ސެކްޓްރާގެ އެ ވަސީލަތް ބޭނުންކުރާނީ އިންސާނުންގެ ހަށިގަނޑާ ގުޅޭ ފުރިހަމަ ތަފްސީލު ހޯދުމަށެވެ. ނާރުތަކާއި ސެލްތަކާއި ކަށިތަކާއި ހަށިގަނޑު އެތެރޭގެ އެންމެ ފުރިހަމަ މައުލޫމާތު އެއިން ލިބޭނެއެވެ. އަސްލު ހަށިގަނޑު ބޭނުންކޮށްގެން ކިޔަވައިިދޭއިރު ދަރިވަރުންނަށް ކުރާ އަސަރު ވާޗުއަލްކޮށް ފިލާވަޅު ނަގާ އިރު ނުކުރިޔަސް، ޓެކްނޮލޮޖީގެ އެހީގައި މާ ތަފްސީލުކޮށް ކިޔެވެއެވެ. އެގޮތުން ފުރަތަމަ ދެ އަހަރު އެ ބޭނުންކޮށްގެން ކިޔަވާއިރު ދަރިވަރުން ހޮސްޕިޓަލަށް ވެސް ދާނެއެވެ. ވާޗުއަލް ޑިސެކްޝަން ޓޭބަލްގައި ހުންނާނީ މައިގަނޑު ތިން ބައެކެވެ. އެއް ބައިގައި، ހަށިގަނޑުގެ ބައިތައް ކިޔަވައިދޭން ބޭނުންކުރާ ފޮޓޯ އާއި ވީޑިއޯއެވެ. ދެ ވަނަ ބަޔަކީ އޮންލައިން ޕޯޓަލް މެދުވެރިކޮށް ލިބޭ މައުލޫމާތެވެ. ތިން ވަނަ ކަމަކަށް ބަލިމީހުންގެ ސީޓީ ސްކޭނާ ފަދަ ތަކެތި ވާޗުއަލް ޑިސެކްޝަން ޓޭބަލަށް އަޅައިގެން ދިރާސާ ކުރުމެވެ.
އެސިސްޓެންޓް ޕްރޮފެސަރ ޑރ.އައިމިނަތު ހުދާ ވިދާޅުވީ ކޯހުގެ ފަހު 3 އަހަރު ދަރިވަރުން ގިނަ ވަގުތު ހޭދަކުރާނީ ހޮސްޕިޓަލުގައި ކަމަށެވެ. އެގޮތުން ހޮސްޕިޓަލުގައި ހޭދަކުރާ ވަގުތުތަކުގައި ބަލިމީހާއަށް ފަރުވާދޭނެ ގޮތާއި، ބަލިމީހާގެ މެޑިކަލް ހިސްޓްރީ ނެގުންފަދަ ކަންކަން ދަސްކުރަމުން ގެންދާނެކަމަށް ހުދާ ވިދާޅުވިއެވެ. އަދި ފުރަތަމަ 2 އަހަރުގައިވެސް ދަރިވަރުން ހޮސްޕިޓަލްތަކަށް ގޮސް ދަސްކުރަމުން ގެންދާނެކަމަށެވެ.
ޑރ.ހުދާ ވިދާޅުވީ ރާއްޖޭގައި މެޑިކަލް ސްކޫލެއް ފަށައިގެން ކިޔަވައިދިނުމަކީ ރާއްޖެއަށް ލިބުނު ބޮޑު ކުރިއެރުމެއްކަމަށެވެ. އަދި މުދައްރިސުން މަސައްކަތް ކުރަމުންދަނީ ދަރިވަރުންނަށް އެންމެ ފުރިހަމަކޮށް ކިޔަވައިދިނުމަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޑޮކްޓަރު ކިޔަވައިދެމުން އަންނަނީ 25 ފަންގިފިލާއަށް އިމާރާތްކޮށްފައިވާ ދަރުމަވަންތަ ހޮސްޕިޓަލްގެ 8 ވަނަ ފަންގިފިލާއާއި 14 ވަނަ ފަންގިފިލާގައެވެ. ކިޔަވައިދިނުމަށް ކަނޑައަޅާފައިވަނީ ޖާގައިގެ ގޮތުން ތަނަވަސްތަނަކަށްވުމުން ހިތްފަސޭހަ މާހައުލަކަށްވުމުން ދަރިވަރުންވެސް ތިބީ ހިތްހަމަޖެހިގެންނެވެ. ޚާއްސަކޮށް އަމިއްލައަށް އެއްވެސް ޚަރަދެއް ނުކޮށް ކިޔަވަން ލިބުމުންވެސް ދަރިވަރުންތިބީ އުފަލުންނެވެ. ކިޔަވައިދިނުމަށް އަންނަ މުދައްރިސުންނަކީ ތަޖްރިބާކާރު ޑޮކްޓަރުންނަށް ވުމާއެކު ޖެހިލުމެއްނެތި އޮޅުން ފިލުވަން ބޭނުންވާ އެއްޗެއް އަންނަނީ އޮޅުން ފިލުވަމުންނެވެ. އެހާވެސް ގާތް ގުޅުމެއް ދަރިވަރުންނާއި މުދައްރިސުންނާ ދެމެދު ވަނީ އުފެދިފައެވެ.
އަޅުގަނޑު ވާހަކަދައްކާލި ބައެއް ދަރިވަރުން ބުނި ގޮތުގައި މި ކޯހުގެ ކަރިކިއުލަމް ތައްޔާރުކޮށްފައިވާ ގޮތުން އަމިއްލައަށް ކިޔެވުމުގެ ބައި ބޮޑުކަމަށެވެ. ދަރިވަރުން ފާހަގަކުރާ ގޮތުގައި ރާއްޖޭގައި ކިޔަވަން ފުރުޞަތު ލިބުމަކީ އުފާވާކަމެއްކަމަށާއި އަމިއްލަ ޤައުމުގައި ކިޔަވަން ލިބުނު މިއީ ރަނުގެ ފުރުޞަތެކެވެ. އެހާ އަގުބޮޑު ކޯހެއް ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކިޔަވަން ލިބުމުގެ ސަބަބުން ދަރިވަރުން ވަނީ ސަރުކާރަށް ޝުކުރު އަދާކޮށްފައެވެ. އަދި މާލީ ތަނަވަސްކަން ނެތް ދަރިވަރުންނަށްވެސް މި ދާއިރާއިން ކުރިއަށް ދާން ބޭނުންވާނަމަ މިއީ ރަނުގެ ފުރުޞަތެއްކަމަށް ދަރިވަރުން ފާހަގަކުރެއެވެ. ހަމަ އެހެންމެ ހޮސްޕިޓަލެއްގެ ތެރޭގައި ކިޔަވަން ފުރުޞަތު ލިބުމުގެ ސަބަބުންވެސް ދަރިވަރުން ތިބީ ހިތްހަމަޖެހިގެންނެވެ.
ރާއްޖޭގައި ޑޮކްޓަރުކަން ކިޔަވައިދޭން ފަށާފައިވަނީ އެކަން ކުރިއަށްގެންދެވިދާނެތޯ ބެލުމަށް ތިން ހަތަރު ފަހަރެއްގެ މަތިން ބޭރުގެ ފަރާތްތަކުން އައިސް ދިރާސާތަކެއް ހެދުމަށް ފަހުއެވެ. ޑޮކްޓަރުކަން ކިޔަވައިދިނުމަކީ ކުރަން ޖެހިފައިވާ ކަމެއްކަން އެ ދިރާސާތަކުން އެނގޭ ކަމަށް ސްކޫލް އޮފް މެޑިސިން އިން ވިދާޅުވެއެވެ. މެޑިކަލް ސްކޫލްގެ އަމާޒަކީ މުސްތަޤްބަލުގައި ސްޕެޝަލިސްޓް ޑޮކްޓަރުން ވެސް ތަމްރީން ކުރުމެވެ.
.
2020 ވަނަ އަހަރުގެ ތަފާސް ހިސާބުތަކަށް ބަލާއިރު މާލެ ސަރަހައްދުގައި ހަރަކާތްތެރިވާ ޑޮކްޓަރުންގެ ތެރެއިން 32 އިންސައްތަ އަކީ ދިވެހި ޑޮކްޓަރުންނެވެ. އަދި އަތޮޅު ތެރޭގައި ތިބި ޑޮކްޓަރުންގެ ތެރެއިން 3.5 އިންސައްތަ ޑޮކްޓަރުންނަކީ ދިވެހިންނެވެ. މީގެ އިތުރުން ރިސޯޓުތަކުގައި ތިބީ 95 އިންސައްތަ ބޭރު ޑޮކްޓަރުންނެވެ. އެހެންކަމުން ބޭރު ޑޮކްޓަރުން ތިބި މަޤާމްތަކަށް ދިވެހި ޑޮކްޓަރުން ހޯދާ ތަމްރީން ކުރުމަށް މެޑިކަލް ސްކޫލްއިން ކުރައްވަމުން ގެންދަވަނީ ބުރަ މަސައްކަތްތަކެކެވެ. ޚާއްސަކޮށް ރާއްޖޭގައި ތިބެގެން ޑޮކްޓަރުކަން ކިޔަވަން ފުރުޞަތު ލިބުމަކީ ރާއްޖޭގައި ބޭރު ޑޮކްޓަރުން ތިބި މަޤާމުތަކަށް މުސްތަޤްބަލުގައި ދިވެހިންނަށް ފުރުޞަތު ލިބުން ބޮޑު ކަމެކެވެ.