ޚަބަރު

ޢީދު ބަންދުގައި ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރާނެ: މެޓް އޮފީސް


ކުރިއަށް މިއޮތް ފިޠުރު ޢީދު ބަންދުތެރޭ ރާއްޖޭގެ އެކި ހިސާބަށް މޫސުންގޯސްވެ، ވިއްސާރަކުރާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.

ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން މެޓް އޮފީހުން ވިދާޅުވީ، ޢީދު ބަންދުގެ ދުވަސްތަކުގައި ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެކަމަށް ލަފާކުރެވޭކަމަށެވެ. އަދި ކަނޑުތައްވެސް ގަދަވެފައި ވައިވެސް ގަދަވާނެކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.

މިއަދުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެކަމަށް މެޓް އޮފީހުން ވިދާޅުވެފައިވެއެވެ. އެ އިދާރާއިން ވަނީ ރާއްޖޭގެ އިތުރާއި މެދުރާއްޖެތެރޭގެ ގިނަ އަތޮޅުތަކަކަށް ވައިޓް އެލާޓްވެސް ނެރެފައެވެ. މި އެލާޓް ނެރެފައިވަނީ ށ. އަތޮޅުން ފެށިގެން އދ. އަތޮޅުގެ ރަށްތަކަށް މިއަދު މެންދުރު 12:30 އިން ފެށިގެން 17:00 އަށެވެ.


މި ވަގުތުތަކުގައި އެލާޓް ނެރެފައިވާ ސަރަޙައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށް މެޓް އޮފީހުން ލަފާކޮށްފައިވެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވޭނަކަމަށް ލަފާކުރެވޭކަމަށްވެސް އެ އިދާރާއިން ވަނީ ވިދާޅުވެފައެވެ.

މެޓް އޮފީހުގެ ފާއިތުވި 24 ގަޑިއިރުގެ ރިކޯޑްތައް ދައްކާގޮތުން އެންމެ ގިނައިން ވާރޭވެހިފައިވާކަމަށް ރިކޯޑްކުރެވިފައިވަނީ އއ. ހިމަންދޫއަށެވެ. އެރަށަށް 57.2 މިލިމީޓަރުގެ ވާރޭވެހިފައިވެއެވެ. ދެން އެންމެގިނައިން ވާރޭވެހިފައިވާ ރަށްތަކުގެ ތެރޭގައި ގދ.ކާޑެއްދޫ، ގދ.ތިނަދޫ، އަދި ލ.ކައްދޫ ހިމެނެއެވެ.

ރާއްޖެއަށް މިދުވަސްވަރު ކުރަމުން މިދަނީ އިރުވައި މޫސުމާއި ހުޅަނގު މޫސުން ބެދޭ ވިއްސާރަކަމަށް މެޓް އޮފީހުން ވިދާޅުވެއެވެ. އަދި ކުރިއަށްއޮތީ ހުޅަނގު މޫސުމުގެ ދުވަސްތައްކަމުން، ރާއްޖޭގެ އެކި ހިސާބަށް ކުރިއަށްއޮތް ދުވަސްތަކުގައިވެސް ވިއްސާރަކުރާނެކަމަށް މެޓް އޮފީހުން ވިދާޅުވެއެވެ.

ފަހަކަށް އައިސް ރާއްޖެއަށް ހުޅުނގު މޫސުން އާއްމުގޮތެއްގައި ފެށެނީ ކޮންމެ އަހަރެއްގެވެސް މެއިމަހުގެ މެދުތެރޭގައެވެ. އެގޮތުން މިދިޔަ އަހަރު ހުޅަނގު މޫސުން ފެށިފައިވަނީ މެއި 12ގައެވެ. އަދި އެއަހަރު ހުޅުނގު މޫސުމުގެ ވިއްސާރަ އެންމެ ބޮޑަށް ކޮށްފައިވަނީ ދެކުނުގެ އަތޮޅުތަކަށެވެ.