ޕާކިސްތާނަށް ދިމާވެފައިވާ އިޤްތިސާދީ ދަތިކަމުން އަރައިގަތުމަށް ސައުދީ އަރަބިއްޔާއިން 8 ބިލިއަން އެމެރިކާ ޑޮލަރުގެ މާލީ ޕެކޭޖެއް ދިނުމަށް ނިންމައިފިއެވެ. މިއީ ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފު ސައޫދީ އަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ސައޫދީ ވަލީއުލްއަހްދު މުޙައްމަދު ބިން ސަލްމާންގެ އަރިހުން މާލީ އެހީއަށް އެދިވަޑައިގަތުމުން ދެއްވަން ނިންމެވި އެހީއެއް ކަމަށް ޕާކިސްތާނުގެ މީޑިއާތަކުން ބުނެއެވެ.
މާލީ މިޕެކޭޖްގައި ހިލޭ އެހީއާއި ލޯން އެހީއާއި ޕާކިސްތާނުގެ ފައިސާގެ އަގު ހިފެހެއްޓުމަށްޓަކައި ޕާކިސްތާނުގެ މަރުކަޒީ ބޭންކްގައި ޑިޕޮޒިޓް ކުރުމަށް ޚާއްސަކޮށްގެން ދޭ ތިން ބިލިޔަން ޑޮލަރުގެ ފައިސާވެސް ހިމެނެއެވެ.
ޕާކިސްތާނަށް ކުރިމަތިވެފައިވާ އިޤްތިސާދީ މައްސަލަތައް މައިގަނޑު ގޮތެއްގައި ގުޅިފައިވަނީ ކޯވިޑް-19 ގެ ސަބަބުން އެ ގައުމުގެ އިޤްތިސާދަށް ކުރިމަތިވި ހީނަރުކަމާއެވެ. އިޤްތިސާދީ މި ހީނަރުކަމާއެކު ޕާކިސްތާނުގައި ތަކެތީގެ އަގު ބޮޑުވެ ބޭރުފައިސާގެ ރިޒާވް އާދަޔާ ޚިލާފަށް ދައްވުމުގެ ސަބަބުން ޕާކިސްތާނުގެ ފައިސާ ކަމަށްވާ ރުޕީގެ އަގު ވަނީ ވަރަށް ބޮޑަށް ވެއްޓިފައެވެ. މިކަމުގެ ސަބަބުން ތަކެތީގެ އަގުތައް އުފުލި އާންމުންގެ އަތްމަތިވަނީ ދަތިވެފައެވެ.
އަނެއްކޮޅުން ޔުކްރޭން ހަނގުރާމައާއެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އާދަޔާ ޚިލާފަށް ބޮޑުވުމުން ވެސް ޕާކިސްތާނުގެ އިޤްތިސާދަށް ވަނީ އިތުރު ދަތިތަކެއް ކުރިމަތިވެފައެވެ.