މިދިޔަ އަހަރުގެ މެއި މަހުގެ 6 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާގައި ތުހުމަތު ކުރެވޭ ފަރާތްތަކުގެ ޝަރީޢަތް ލަސްވުމަކީ ކަންބޮޑުވާކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުން ވިދާޅުވެއްޖެއެވެ.
މެއި މަހުގެ 6 ވަނަ ދުވަހު ރައީސް ނަޝީދަށް ހަމަލާދިނީ އެމަނިކުފާނުގެ ގެކޮޅުން ނުކުމެވަޑައިގެން ކާރުކޮޅަށް އަރާވަޑައިގަންނަވަން އުޅުއްވަނިކޮށެވެ. އެ ހަމަލާ ދީފައިވަނީ ރޭޒަރު ފުށް އަޅާފައިވާ ބޮމެއް ގޮއްވާލައިގެންނެވެ. ރައީސް ނަޝީދަށް ދިން ހަމަލާގައި އޭގެ 11 އެތިކޮޅު ނަޝީދު ހަށިކޮޅުން ޑޮކްޓަރު ވަނީ ނަގާފައެވެ. އަދި ނަޝީދުގެ އިތުރުން އެ ހަމަލާގައި އެމަނިކުފާނުގެ ތިން ބޮޑީގާޑުންނާއި މަގުމަތިން ދިޔަ ދިވެއްސަކާއި އިނގިރޭސިވިލާތުގެ މީހަކަށްވެސް އަނިޔާވިއެވެ.
ދީނީ ގޮތުން ހައްދުފަހަަނައަޅާފައިވާ ފިކުރުގެ ބަޔަކު ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއަށް އަހަރު ދުވަސް ފުރުމާ ގުޅިގެން މަޖިލީހުން ނެރުނު ބަޔާނުގައި ވަނީ އެ ހަމަލާ ދިންކަމަށް ތުހުމަތުކުރެވޭ ފަރާތްތަކުގެ ޝަރީއަތް ލަސްވުމަކީ ކަންބޮޑުވާކަމެއްކަމަށެވެ. އެގޮތުން ޝަރީއަތް ނިމިފައިވަނީ އެންމެ ފަރާތެއްގެކަން ފާހަގަކުރައްވާ ބަޔާނުގައި ވަނީ އެ ހަމަލާދިނުމުގައި ބައިވެރިވިކަމަށް ތުހުމަތުކުރެވޭ ބާކީ ތިބި 8 މީހުންގެ ޝަރީއަތް އެކި ސަބަބުތަކާ ހުރެ މަޑުޖެހިފައިވާކަމަށެވެ.
ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއަކީ ފަހުގެ ތާރީޚެއްގައި ރާއްޖޭގައި ދެވުނު އެންމެ ނުރައްކާތެރި ޓެރަރިސްޓު ހަމަލާކަން ފާހަގަކުރައްވާ ބަޔާނުގައި ވަނީ އެހަމަލާއަކީ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއެއް ނަމަވެސް، އެ ހަމަލާ އަމާޒުވީ މުޅި މުޖުތަމައަށް ކަމަށް ފާހަގަކުރައްވާފައެވެ. އެގޮތުން އެއީ ޤާނޫނުގެ ބާރާއި ދީމިގްރާތީ މުއައްސަސާތަކަށް ދިން ހަމަލާއެއް ކަމަށާއި އެއީ މުޅި އިޤްތިޞާދަށް ވެސް ލޮޅުން އައިސް، ދިވެހި ދައުލަތުގެ ރީތި ނަމާއި ދުނިޔޭގެ ކަންކޮޅުތަކުން ރާއްޖެއާމެދު ދެކޭ ރީތި ގޮތާއި ތަސައްވުރު އެކީއެކަށް ބަދަލުވެދާނެފަދަ ނުރައްކާތެރި ހަމަލާއެއްކަމަށް އެ ބަޔާނުގައިވެއެވެ. އަދި އެހަމަލާގެ ސަބަބުން މުޅި ދިވެހިރާއްޖޭގެ އަދި އަންނަން އޮތް ޖީލުތަކުގެ ސަލާމަތާއި ރައްކާތެރިކަމާ މެދު ސުވާލު އުފެދި ބިރުވެރިކަން އުފެދިފައިވާކަންވެސް މި ބަޔާނުގައި ވަނީ ފާހަގަކުރައްވާފައެވެ. މީގެ އިތުރުން އެހަމަލާއާ ގުޅިގެން ރައީސް ނަޝީދުގެ މިނިވަންކަމުގެ ހައްޤު ހިފެހެއްޓިފައިވާ ކަމުގެ ކަންބޮޑުވުން ފާޅުކުރަމުން މަޖިލީހުން ވިދާޅުވީ އިންސާފު ނުލިބޭހާ ހިނދަކު އެމަނިކުފާނުގެ ރަސްމީ މަސައްކަތްޕުޅުގައި ވާޖިބާއި މަސްޢޫލިއްޔަތު އަދާކުރެއްވުމާއި މިނިވަންކަމާއެކު ދިރިއުޅުއްވުމުގެ ޙައްޤު ވަރަށް ބޮޑަށް ހަނިކުރެވިފައިވާކަމަށެވެ.
މި ބަޔާނުގައި ވަނީ ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމާލާގެ ފަހަތުގައި ތިބި މާލީ ވާގިވެރިންނާއި އެހެނިހެން ފަރާތްތަކުގެ މައްސަލަ އަވަހަށް ތަޙްޤީގުކުރުމުގެ މުހިއްމުކަން ފާހަގަކުރައްވާފައެވެ. އަދި އެ ހަމަލާގައި ބައިވެރިވި އެންމެން އިންސާފުގެ ކުރިަމައްޗަށް ގެނައުމަކީ ޤައުމުގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަން ޖެހޭ ކަމެއްކަމަށްވެސް މި ބަޔާނުގައި ވެއެވެ.
ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ދައުވާކުރެވުނު 9 މީހުންގެ ތެރެއިން މިހާތަނަށް ޝަރީއަތް ނިމުނީ އެކަކުގެއެވެ. އެއީ ބޮން ގޮއްވާލަން ރިމޯޓަށް ފިއްތާލި ކަމަށް އިއުތިރާފުވީ އަހުމަދު އަދުހަމް ރަޝީދުގެ ޝަރީއަތެވެ. މިހަމަލާއާ ގުޅިގެން އިތުރަށް ހައްޔަރުކޮށްފައިވާ މީހުންގެ ޝަރީއަތްތައް އެކި ސަބަބުތަކާ ހެދި މަޑުޖެހިފައިވާ ކަމަށް މަޖިލީހުގެ ބަޔާނުގައިވަނީ ހާމަކޮށްފައެވެ.