އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު ޢަލީ މެލޭޝިއާގެ އެޑިއުސިޓީ އިސްކަންދަރަށް ޒިޔާރަތްކުރައްވައިފިއެވެ.
އެޑިއުކޭޝަން މިނިސްޓަރ އެޑިއުސިޓީ އިސްކަންދަރަށް ޒިޔާރަތްކުރައްވާފައިވަނީ އެކަމަނާ މިހާރު މެލޭޝިއާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.
މެލޭޝިއާގެ ޖޮހޯރުގައި ހުންނަ އެޑިއުސިޓީ އިސްކަންދަރަކީ އޭޝިއާ ސަރަޙައްދުގައި ތަރައްޤީކޮށްފައިވާ އެންމެ ފުރަތަމަ މަލްޓި ކެމްޕަސް އެޑިއުކޭޝަން ސިޓީއެވެ. އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު ޢަލީ ވަނީ މެލޭޝިޔާގެ އެޑިއުސިޓީ އިސްކަންދަރަށް ވަޑައިގެން އެތަނުގެ މެނޭޖިންގ ޑިރެކްޓަރ ވާން އަޙުމަދު ސައިފުއްދީނާއި ޑިރެކްޓަރ އޮފް އޮޕަރޭޝަންސް ޕްރޮފެސަރ ޑރ. ސަކީނާ ސޯފިއާ ބަހާރޮމްއާއި ބައްދަލުކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ ވަނީ ރާއްޖޭގެ ޓީޗަރުންނާއި ސްކޫލްތަކުގެ ޕްރިންސިޕަލުންގެ ޤާބިލުކަން އިތުރުކުރުމަށް ގުޅިގެން ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި މިނިސްޓަރާއި، އެކަމަނާ އަރިހުގައި ވަޑައިގެންނެވި ޓީމް ވަނީ އެޑިއުސިޓީ އިސްކަންދަރުގެ އެޑިއުކޭޝަން ޕާޓްނަރުންނާއެކު ގުޅުން ބަދަހިކުރުމުގެގޮތުން ނެޓްވޯކިންގ ސެޝަނެއް ބާއްވާފައެވެ.
އެޑިއުސިޓީ އިސްކަންދަރަށް މިނިސްޓަރ ކުރެއްވި މި ޒިޔާރަތުގައި އިސްކަންދަރު ޕުޓޭރީ އޭރިއާ، އިސްކަންދަރު މެލޭޝިޔާ ސްޓޫޑިއޯސް (އައި.އެމް.އެސް) އަދި ޑްރޯން ރޮބޮޓިކް ޒޯންފަދަ އެޑިއުސިޓީ އިސްކަންދަރުގައި ހުރި ފެސިލިޓީތައް މިނިސްޓަރ ބައްލަވާލެއްވިއެވެ.
މިނިސްޓަރ ވަނީ އެ ސިޓީގައި ހުންނަ އިދްރީސީ އިންޓަރނޭޝަނަލް ސްކޫލަށް ޒިޔާރަތްކުރައްވާ، އިސްކަންދަރު ޕުޓޭރީގެ ސީ.އީ.އޯ ޒަލީކާ އެލިއަސްއާއި ބައްދަލުކުރައްވާފައެވެ. އިދްރީސީ އިންޓަރނޭޝަނަލް ސްކޫލަކީ މެލޭޝިޔާގެ ފުރަތަމަ އީކޯ އިސްލާމިކް އިންޓަރނޭޝަނަލް ސްކޫލެވެ.
ދުނިޔޭގެ ފެންވަރުގެ ތައުލީމުގެ ޕްރައިމް ޑެސްޓިނޭޝަނެއް ކަމަށްވާ އެޑިއުސިޓީ އިސްކަންދަރަކީ މެޑިނީއާއި ޖޮހޯރު ބަހްރޫ ސިޓީ ސެންޓަރާ ގުޅުވައިދޭ ކޯސްޓަލް ހައިވޭ މެދުވެރިކޮށް ފަސޭހަކަމާއެކު ދަތުރުކުރެވޭ ތަނެކެވެ. 305 އޭކަރުގެ ބޮޑު މި ސިޓީގައި ޔުނިވާސިޓީތަކާއި، މަތީ ތައުލީމުދޭ މަރުކަޒުތަކާއި، ރިސާޗް އެންޑް ޑިވެލޮޕްމަންޓް ސެންޓަރުތަކާއި، އެޑިއުސިޓީ ވިލެޖާއި، އެޑިއުސިޓީ ހަބާއި، އެޑިއުސިޓީ ސްޕޯޓް ކޮމްޕްލެކްސްގެ އިތުރުން މުނިފޫހިފިލުވުމުގެ ވަސީލަތްތައް ހިމެނެއެވެ.
އެޑިއުކޭޝަން މިނިސްޓަރ މެލޭޝިއާއަށް ކުރައްވާ މި ދަތުރުފުޅުގައި އެކަމަނާ ވަނީ ޖޮހޯރު ސްޓޭޓްގެ ޗީފް މިނިސްޓަރ އޮން ޙާފިޡް ޣާޒީއާއި ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުން އޮތީ ޗީފް މިނިސްޓަަރުގެ ރަސްމީ ގެކޮޅުގައެވެ.
މީގެ އިތުރުން މިނިސްޓަރާއި، އެކަމަނާގެ ޓީމް ވަނީ ޔުނިވަރސިޓީ އޮފް ރީޑިން މެލޭޝިއާއަށް ޒިޔާރަތްކުރައްވާފައެވެ.
މިނިސްޓަރ މެލޭޝިޔާއަށް ކުރައްވާ މި ދަތުރުފުޅަކީ މި މަހުގެ 6 އިން 13 އަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ. އެކަމަނާގެ އަރިހުގައި މި ދަތުރުފުޅުގައި ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިހުސާނާއި، ޕާމަނަންޓް ސެކްރެޓަރީ އަހުމަދު އަލީއާއި ފައިނޭންސް އެގްޒެކެޓިވް ނައުޝާދު އިބްރާހިމްގެ އިތުރުން އެޑިއުކޭޝަން އޮފިސަރު އިބްރާހިމް އިސްމާއިލް ބައިވެރިވެވަޑައިގަންނަވައެވެ.