އިންޑިއާގައި ސިމެންތި އުފައްދާ އެންމެ ބޮޑު އެއް ކުންފުނީގެ ހިއްސާ 10.5 ބިލިއަން ޑޮލަރަށް ގަތުމަށް އޭޝިއާގެ އެންމެ މުއްސަނދި މީހާގެ ލަޤަބު މިވަގުތު އޮތް އިންޑިއާގެ ގޯތަމް އަދާނީގެ ކުންފުނިން އެއްބަސްވުމަކަށް އައިސްފިއެވެ.
އިންޑިއާގައި ދެވަނައަށް ސިމެންތި އުފައްދައިގެން އެންމެ ބޮޑު އާމްދަނީއަށް ހޯދާ އަމްބޫޖާ ސިމެންޓްގެ މައި ހިއްސާދާރަކީ ސްވިޓްޒަލޭންޑުގެ ހޮލްސިމް ކުންފުންޏެވެ. އެކުންފުނިން ތިމާވެއްޓަށް ގެއްލުންވާ ވިޔަފާރިތަކާއި ދުރަށް ދިއުމަށް ނިންމައި އިންޑިއާގެ ސިމެންތި ކުންފުނިތަކުގައި އޮންނަ އެކުންފުނީގެ ހިއްސާ ވިއްކާލުމަށް ވަނީ ނިންމާފައެވެ. އެގޮތުން އަދާނީ ގްރޫޕާއެކު ވެވުނު އެއްބަސްވުމުގެ ދަށުން ސްވިޓްޒަލޭންޑުގެ ހޮލްސިމް ކުންފުނި އަތުގައި އޮތް އަމްބޫޖާ ސިމެންޓު ކުންފުނީގެ 63 އިންސައްތަ ހިއްސާ ވިއްކާލާނެއެވެ. މީގެ އިތުރުން އިންޑިއާގެ ތިންވަނައަށް އެންމެ ގިނައިން ސިމެންތި އުފައްދާ އޭ.ސީ.ސީ ލިމިޓެޑުގެ 4.5 އިންސައްތަ ހިއްސާވެސް ވިއްކާލުމަށް ވަނީ ހަމަޖެހިފައެވެ.
މިވިޔަފާރީގެ މުޢާމަލާތުގެ ތެރެއިން ހޮލްސިމް ކުންފުންޏަށް 6.4 ބިލިއަން ޑޮލަރުގެ ފައިދާއެއް ވާނެ ކަމަށް ލަފާ ކުރެވެއެވެ. މިމުޢާމަލާތުގެ ހުރިހާކަމެއް ނިމޭނީ މިއަހަރު ފަހުކޮޅު ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.
ހޮލްސިމް ކުންފުނިން ބުނެފައިވަނީ މިވިޔަފާރި މުޢާމަލާތުގެ ތެރެއިން އެކުންފުންޏަށް ލިބޭ ފައިސާ އެކުންފުނިން ގަންނަން ބޭނުންވާ ވިޔަފާރިތަކަށް އިންވެސްޓު ކުރުމަށް ރާވާފައިވާ ކަމަށެވެ. އަދި މިވަގުތުވެސް 10 ވަރަކަށް ވިޔަފާރި މުޢަމަލާތުގެ މަޝްވަރާތައް ކުރިއަށްދާ ކަމަށް އެކުންފުނިން ބުނެއެވެ.
އަދާނީ ގްރޫޕުން އަމްބޫޖާގެ ހިއްސާއަކަށް 385 ރުޕީސް ވަނީ ހުށަހަޅާފައެވެ. އެކުންފުނީގެ މި ހުށަހެޅުމުގެ ޕްރިމިއަމް އަކީ 7.2 އިންސައްތައެވެ. އަދި އޭސީސީ ލިމިޓެޑްގެ ހިއްސާއަކަށް އެކުންފުނިން 2300 ރުޕީސް ވަނީ ހުށަހަޅާފައެވެ. އަދާނީ ގްރޫޕުން މި ދެ ވިޔަފާރީގެ ހިއްސާ ގަތުމަށް ނިންމުމާއެކު ހިއްސާގެ އަމްބޫޖާ އަދި އޭސީސީގެ ހިއްސާގެ އަގު ހޯމަ ދުވަހު ވިޔަފާރި ފެށުނުއިރު ހުރީ އުފުލިފައެވެ.
އަދާނީ ގްރޫޕުން އަމްބޫޖާ ސިމެންޓް ގަންނަން ނިންމިއިރު އެކުންފުންޏަކީ 31 މިލިއަން މެޓްރިކް ޓަނުގެ ސިމެންތި އުފެއްދުމުގެ ޤާބިލްކަން ހުރި ކުންފުންޏެކެވެ. އެކުންފުނީގެ ވެރިޔާ ގޯތަމް އަދާނީ މިކަމާއި ގުޅޭގޮތުން ބުނެފައިވަނީ މިއީ އެކުންފުނިން އިންޑިއާގެ އެތެރޭގެ ސިނާޢަތްތައް ކުރިއެރުވުމަށް ދޭ އިސްކަމެއްގެ ތެރެއިން ވަންނަން ނިންމި ސިނާޢަތެއް ކަމަށެވެ.