ޚަބަރު

ލޯންޗު ހާދިސާގައި ހާލު ސީރިއަސްވި ތިން މީހުން މާލެ ގެންނަނީ


ގއ.ވިލިނގިލީ ފަޅަށް ވަންނަން އުޅުނު ލޯންޗެއް އެރަށު ނެރު ފައިކަށީގައި ޖެހި ހިނގި އެކްސިޑެންޓެއްގައި ސީރިއަސް އަނިޔާވި ތިން މީހުން މަލެ ގެނައުމުގެ މަސައްކަތް ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ މިހާދިސާއާއި ގުޅިގެން ވިލިނގިލީ ހޮސްޕިޓަލުގައި ފަރުވާ ދެމުންދިޔަ ތިން މީހުން އިތުރު ފަރުވާޔަށް މާލެ ގެނައުމުގެ މަސައްކަތް ކުރުމުންދާކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާކަމަށެވެ. މިހާދިސާގައި ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ތިން މީހުންގެ ހާލުވެސް ސީރިއަސްކަމަށް މައުލޫމާތު ލިބިފައިވެއެވެ. މީގެ ތެރެއިން އެކަކަށް ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގައެވެ.

ނުރައްކާތެރި މި ހާދިސާގައި ދެމީހަކު ވަނީ މަރުވެފައެވެ. މިހާދިސާއާ ގުޅިގެން މުޅި ވިލިނގިއްޔަށް ސިހުން ގެނުވާފައިވާއިރު، ރައްޔިތުން ތިބީ ވަރަށް ބޮޑު ޝޮކެއްގައެވެ.

މި ހާދިސާގައި މަރުވީ ވިލިނގިލި ދޫރެސް މިސްބާހް އަބްދުލް މުހުސިނާއި ނ.ލަންދޫ އުރަހަ، މުހައްމަދު ޝާފިއުއެވެ. މިހާދިސާ ހިނގިއިރު ލޯންޗުގައި ތިބީ ފަސް މީހުންނެވެ.