މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ކުރަމުން އަންނައިރު މަގުތަައް ހެދުމުގަައި މިހާރު އެންމެ ބޮޑަށް ހަލާކުވެފައި ހުރި މަގުތައް ފުރަތަ ހެދުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ. މިގޮތުން މިހެން ހުރި ކުދި މަގުތަކުގައި އަލުން ގައު އަޅައިގެން ތަރައްޤީކުރަމުން އަންނައިރު އެ މަގުތައް ހަދަނީ އަލުން ކޮންނަން ނުޖެހޭނެހެން ކޮންމެހެން ޤާއިމްކުރަން ޖެހޭ ތަކެއްޗާއެކުގައެވެ. ބައެއް މަގުތައް ގައު އަތުރައިގެން ހަދާއިރު މާލޭގެ ބޮޑެތި މަގުތަކާއި އެންމެ ބޮޑަށް ހަލާކުވެފައި ހުރި މަގުތަކުގައި ތާރުއެޅުމަށްވެސް ވަނީ ނިންމާފައެވެ. މިގޮތުން 15 މަގެއްގައި ތާރު އަޅައިގެން ޒަމަނީ ފެންވަރަށް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ.
މާލޭގެ ގިނަ މަގުތައް ދުވަސްވެ، އަޑިގުޑަންތައް ބޮޑުވުމުގެ ސަބަބުން އެއްގަމު އުޅަނދުފަހަރު ދުއްވާ ފަރާތްތަކަށްވެސް ވަނީ ދަތިވެފައެވެ. ގިނަ މަގުތަކަކީ ގައު އަތުރައިގެން ހަދާފައި އޮތް މަގުތަކެއް ނަމަވެސް ބޮޑެތި ވަޅުގަނޑުތަކާއި މަގުގެ އެތަން މިތަން ހުންނަނީ ގައުތައް ނެއްޓި މައްޗަށް އަރަފައެވެ.
ވިއްސާރަ ވެއްޖެނަމަ އެހުންނަ ވަޅުތަކުގައި ފެން ހެދި އެކިކަހަލަ ގެއްލުންތައް ވެހިކަލްތަކަށާއި ރައްޔިތުންނަށް ވަނީ ލިބިފައެވެ. އޭރުވެސް މި މައްސަލައަށް ހައްލައް ހޯދުމަށް މަސައްކަތްތަކެއް ކުރިނަމަވެސް އެކަށިގެންވާވަރަށް މަގުތައް ހެދިފައެއް ނެތެވެ. އޭރު އެންމެ ރަނގަޅަށްވެސް ހެދިފައި އޮތީ މަޖީދީމަގު އެކަންޏެވެ. ދެން އޮތީ ތާރު އަޅައިގެން ހަދަފައިވާ ބޮޑުތަކުރުފާނު މަގެވެ. މި ދެ މަގުންވެސް ތަފާތު މައްސަލަތަކެއް ވޭތުވެދިޔަ އަހަރުތަކުގައި ވަނީ އައިސްފައެވެ.
މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަސައްކަތުގެ ތެރެއިން 15 މަގުގައި ތާރު އެޅުމަށް ހަމަޖެހިފައިވާއިރު މީގެ ތެރޭގައި މާލެގެ އެންމެ ބޮޑެތި މަގުތައްވެސް ހިމެނެއެވެ. މިގޮތުން އަމީނީ މަގު، ޝަހީދު އަލީ ހިނގުން، ލޮނުޒިޔާރާތް މަގު ސޯސަންމަގު ހިމެނެއެވެ. މި މަގުތަކުގެ ތެރެއިން ފުޅާ މިނުގައި 5 މީޓަރާއި 10 މީޓަރުގެ ފުޅާމިނަށް ތާރު އެޅުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން އާރްޑީސީން މިވަގުތު ތާރު އެޅުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އެންމެ ފުރަތަމަ ތާރު އަޅަން ފަށާނީ އަމީނީ މަގުގައެވެ.
ކަނބާ އައިސަ ރަނި ހިނގުން- 10.5 މީޓަރ ފުޅާމިނަށް ތާރު އަޅާނެ
އަމީނީ މަގު -10.2 މީޓަރ ފުޅާމިނަށް ތާރު އަޅާނެ
ޝަހީދު އަލީ ހިނގުން -6 މީޓަރ ފުޅާމިނަށް ތާރު އަޅާނެ
ޢިއްޒުއްދީން މަގު- 7.5 މީޓަރ ފުޅާމިނަށް ތާރު އަޅާނެ
ހަނދުވަރީ ހިނގުން- 6.4 މީޓަރ ފުޅާމިނަށް ތާރު އަޅާނެ
މުރަނގަ މަގު- 7.5 މީޓަރ ފުޅާމިނަށް ތާރު އަޅާނެ
ހަވީރީ ހިނގުން- 5.6 މީޓަރ ފުޅާމިނަށް ތާރު އަޅާނެ
މާވެޔޮ މަގު- 7.8 މީޓަރ ފުޅާމިނަށް ތާރު އަޅާނެ
މުއިވެޔޮ މަގު- 7.5 މީޓަރ ފުޅާމިނަށް ތާރު އަޅާނެ
ޗާންދަނީ މަގު-6.4 މީޓަރ ފުޅާމިނަށް ތާރު އަޅާނެ
ރަތްދެބައި މަގު- 5 މީޓަރ ފުޅާމިނަށް ތާރު އަޅާނެ
ލިލީ މަގު- 6.8 މީޓަރ ފުޅާމިނަށް ތާރު އަޅާނެ
އަލިކިލޭގެ ފާނުމަގު- 7.5 މީޓަރ ފުޅާމިނަށް ތާރު އަޅާނެ
ލޮނުޒިޔާރަތް މަގު- 5.4 މީޓަރ ފުޅާމިނަށް ތާރު އަޅާނެ
ސޯސަން މަގު - 11.9 މީޓަރ މީޓަރ ފުޅާމިނަށް ތާރު އަޅާނެ
މާލޭގެ 15 މަގެއްގައި ތާރު އަޅައިގެން ތަރައްޤީކުރުމުގެ މަސައްކަތް އާރްޑީސީއާ މާލޭ ސިޓީ ކައުންސިލުން ހަވާލުކުރައްވާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރުމަހު 11 ވަނަ ދުވަހުއެވެ.
މި އެއްބަސްވުމަކީ މާލޭ ސިޓީގެ ކުރީގެ ކައުންސިލުން އާރް.ޑީ.ސީއާއެކު ޢަމަލީ މަސައްކަތް ފަށާފައިވާ "މާލޭ ސްޓްރީޓް ސްކޭޕިންގ ޕްރޮޖެކްޓް"ގެ މަޝްރޫޢުގެ ސްކޯޕަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށްފަހު އަލުން އެކުންފުންޏާއެކު ވެފައިވާ އެއްބަސްވުމެކެވެ.
މި މަޝްރޫޢުގެ ދަށުން މާލޭގެ 105 މަގެއް ހިމެނޭހެން 18 ކިލޯމީޓަރުގެ މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ވަނީ ނިންމާފައެވެ. މި މަޝްރޫޢު އާރުޑީސީއާ ޙަވާލުކޮށްފައިވަނީ 2 އަހަރު ދުވަހުން ޢަމަލީ މަސައްކަތް ނިންމާގޮތަށެވެ.
މި މަޝްރޫޢުގެ ތެރެއިން އެންމެ ބޮޑު ބަދަލެއް ފެނިގެންދާނެ އެއް ސަރަޙައްދަކީ މާލޭގެ އުތުރު ފަރާތު ބަނދަރު ސަރަޙައްދުކަމަށް މާލޭ ސިޓީ ކައުންސިލުން ވަނީ ވިދާޅުވެފައެވެ.
އެ ސަރަޙައްދުގެ ތޮށިގަނޑު ފެއަށް ޖައްސައި މަގުފުޅާކޮށް، އެސަރަޙައްދުގެ ތޮއްޖެހުން ހައްލުކޮށް ހިތްފަސޭހަކަން އިތުރުވެގެންދާނެކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއެވެ. ހަމައެހެންމެ މި މަގުތައް ތަރައްޤީވެގެންދާނީ، ފެހިކަންގަދަ، އަދި ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށްވެސް ފަސޭހައިން ބޭނުންކުރެވޭނެގޮތަށް ކަމަށާ، މި މަޝްރޫޢުގެ ތެރެއިން ވެހިކަލް ޕާކުކުރުމާއި، މުދާ އަރުވައި ބޭލުމަށް ފަސޭހަ އިންތިޒާމްތަކެއް ހަމަޖެހިގެންދާނެކަމަށްވެސް ސިޓީ ކައުންސިލުން ވިދާޅުވެއެވެ.
މާލޭގެ މަގުތައް ތަރައްޤީކުރުމުގެ މަސައްކަތުގެ ދަށުން މާލޭގައި ތާރުއަޅައިގެން ފުރަތަމަ މަގުތައް ތަރައްޤީކުރީ 2017 ވަނަ އަހަރުއެވެ. މި މަސައްކަތް ނިންމާ ޢާއްމުންނަށް ބޭނުންކުރަން ހުޅުވާލީ 2018 ވަނަ އަހަރުއެވެ. މި މަސައްކަތުގައި މާފަންނު އިންޑަސްޓްރިއަލް ޒޯނުން ފެށިގެން، ހުޅުމާލޭ ފެރީ ޓަރމިނަލާ ހަމައަށް ވަނީ ތާރު އަޅައިގެން ތަރައްޤީކޮށްފައެވެ.