ވިލިމާލޭ ބައި-އިލެކްޝަންގެ މައްސަލަ ކޯޓަށް ވެއްދުމާމެދު ދިރާސާތަކެއް ކުރަމުންދާކަމަށް މޯލްޑިވްސް ނެޝެނަލް ޕާޓީ، އެމް.އެން.ޕީން ބުނެފިއެވެ.
މާލެ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ވިލިމާލެ ދާއިރާއަށް މެންބަރަކު ހޮވުމަށް މިމަހުގެ 14ވަނަ ދުވަހު ބޭއްވި މިއަދު ބޭއްވި ބައި އިލެކްޝަންގައި ވާދަކުރީ ޕީ.ޕީ.އެމްގެ ކެނޑިޑޭޓް ފާތިމަތު ނާޒިމާއާއި، އެމް.އެން.ޕީގެ ކެނޑިޑޭޓް އާމިނަތު ޝީޒާއެވެ. އަދި އިންތިޚާބު އެންމެ ވޯޓެއްގެ ތަފާތުން ކާމިޔާބުކުރީ ޕީ.ޕީ.އެމްގެ ކެނޑިޑޭޓް ނާޒިމާއެވެ. މިގޮތުން ނާޒިމާއަށް 359 ވޯޓް ލިބުނުއިރު، އެމް.އެން.ޕީގެ ކެނޑިޑޭޓް ޝީޒާއަށް ލިބިވަޑައިގަތީ 358 ވޯޓެވެ.
އެމް.އެން.ޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެންބަރު އަޙްމަދު އުޝާމް ވިދާޅުވީ، ވިލިމާލޭ ޑަބްލިއުޑީސީގެ ބައި އިލެކްޝަންގައި ވޯޓު ގުނުމުގައި ޢަމަލުކުރިގޮތާމެދު އެޕާޓީގެ ޝަކުވާތަކެއް އެބަހުރިކަމަށެވެ. ވަކިން ޚާއްސަކޮށް ބާތިލު ވޯޓު ގުނުމުގައި އެކި ވޯޓު ފޮށިތަކުގެ އޮފިޝަލުން ޢަމަލުކޮށްފައިވަނީ އެކިގޮތަށްކަމަށް އޭނާ ވިދާޅުވިއެވެ.
"ބާތިލު ވޯޓު ގުނުމުގައި އެކި ފޮށިތަކުގައި ތިބި އިސް އޮފިޝަލުން ޢަމަލުކޮށްފައި އޮތީ އެކި ގޮތްގޮތަށް. އޭގެ އެއްވެސް ކޮންސިސްޓެންސީއެއް އޮތްކަމަކަށް އަޅުގަނޑުމެން ޤަބޫލެއް ނުކުރަން. ބައެއް ފޮށިތަކުގައި އިތުރު ރޮނގެއް އިނޭ ކިޔާފައި ބާތިލުކުރިއިރުގައި އަނެއްބައި ފޮށިތަކުގައި ހަމައެގޮތަށް ހުރި ވޯޓުތައް އެބަހުރި ސައްޙަ ވޯޓުގެ ގޮތުގައި ގުނާފައި. އެހެންވީމަ އަޅުގަނޑުމެންގެ ވެލިޑް ކޮންސާނެއް މިކަމުގައި އެބައޮތް" އުޝާމް ވިދާޅުވިއެވެ.
މިކަމާމެދު އެ ޕާޓީން ދެން ކުރިއަށްދާނެގޮތަކާމެދު މަޝްވަރާކުރަމުންދާކަމަށް އުޝާމް ވިދާޅުވިއެވެ. އަދި މި މައްސަލަ ކޯޓަށް ވެއްދުމާމެދު ދިރާސާތަކެއް ކުރަމުންދާކަމަށާއި، އެހެންނަމަވެސް މިކަމުގައި އަދި ސީދާ ވަކިގޮތެއް އެ ޕާޓީން ނިންމާފައިނުވާކަމަށް އުޝާމް ވިދާޅުވިއެވެ.
"މިދިޔަ އަހަރު ބޭއްވުނު ލޯކަލް ކައުންސިލް އަދި ޑަބްލިއުޑީސީ އިންތިޚާބާގުޅިގެން ކޯޓުތަކަށް މައްސަލަތަކެއް ހުށަހެޅުނު. ހުށަހެޅުނު މައްސަލަތަކުގައި ހައި ކޯޓުން އެބަހުރި ހުކުމްތަކެއް ކުރައްވާފައި. އެ ހުކުމްތަކުގައި އެބަހުރި އުޞޫލުތަކެއް ކަނޑައަޅުއްވާފައި. އެހެންވީމަ އެ އުޞޫލުތަކަށް ބަލާއިރު އަޅުގަނޑުމެންނަށް ކޯޓަށް މައްސަލަ ހުށަހަޅައިގެން ކާމިޔާބުވާނެތޯ ނުވަތަ ނޫންތޯ އެކަމާމެދު ދިރާސާތަކެއް މިދަނީ ކުރަމުން" އުޝާމް ވިދާޅުވިއެވެ.
އެމް.އެން.ޕީން ވަނީ މި އިންތިޚާބުގެ ވޯޓު އަލުން ގުނައި ދިނުމަށް އިލެކްޝަންސް ކޮމިޝަނުގައި އެދިފައެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ އެމް.އެން.ޕީގެ ޝަކުވާއަށް ބެލުމަށްފަހު މުޙްޔިއްދީން ސްކޫލްގައި ބެހެއްޓި އެއްނަމްބަރު ވޯޓު ފޮށީގެ ވެރިޔާއަށް ޝަކުވާ ހުށައަޅާފައިވާ ދެ ވޯޓު ކަރުދާހެއް އަލުން ގުނުމަށް ނިންމާފައެވެ. މިއާއެކު އިލެކްޝަންސް ކޮމިޝަނުން އެ ދެ ވޯޓު ކަރުދާސް ޗެކުކުރުމަށްފަހު ވަނީ ނަތީޖާއަށް ބަދަލު އަންނަވަރުގެ މައްސަލައެއް ނެތްކަމަށް ނިންމާފައެވެ.