ޚަބަރު

ޕާޓީތަކުގެ ދަފުތަރު، މައްސަލަތައް ޙައްލުކުރުމުގައި އެތައް ދަތިތަކެއް!


ސިޔާސީ ޕާޓީތަކުގެ މެންބަރަކަށް ވުމަށްޓަކައި ސައްޙަ ނޫން ފޯމު ހުށަހެޅުމުގެ މައްސަލައަކީ މިހާތަނަށް ހައްލު ނުވެއޮތް ބޮޑު މައްސަލައެކެވެ. އެއްޕާޓީއެއްގެ މެމްބަރުން އަނެއްޕާޓީއަށް ނޭގި ދަފްތަރު ކުރުމާއި، މެމްބަރުންގެ ސައްޙަކަން ކަށަވަރު ކުރެވޭނެ މާބޮޑު ގޮތްތަކެއް ނެތުމަކީ މިހާތަނަށްވެސް އޮތް ބޮޑު ޝަކުވާއެކެވެ.

މިހާރު ޢަމަލު ކުރަމުންދާ ފެހި ގާނޫނު އަސާސީގެ ދެވަނަ ބާބު، އަސާސީ ހައްގުތަކާއި މިނިވަންކަމުގެ ބާބުގެ 30ވަނަ މާއްދާއިން، ކޮންމެ ދިވެހި ރައްޔިތަކަށްވެސް ސިޔާސީ ޕާޓީތައް އުފެއްދުމާއި، ހިންގުމާއި، އަދި ޕާޓީތަކުގެ ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގުވަނީ ފުރިހަމަޔަށް ލިބި ދީފައެވެ. ސިޔާސީ ޕާޓީތަކަކީ ރައްޔިތުންގެ ލާބަޔާއި ކުރިއެރުމަށް މަސައްކަތް ކުރާ ރައްޔިތުންގެ އުންމީދުތައް ހާސިލް ކުރުމަށްޓަކައި އެފެއްދޭ މުއައްސަސާއެކެވެ.

ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައިވާ ގޮތުން، ކޮންމެ އަހަރަކުވެސް ދައުލަތުގެ ބަޖެޓުގެ %0.01 ފައިސާ ސިޔާސީ ޕާޓީތަކަށް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. އަހަރަކަށް ފަހު އަހަރަކަށް ދައުލަތުގެ ބަޖެޓް ބޮޑު ވަމުންދާއިރު، އެނިސްބަތުން ސިޔާސީ ޕާޓީތަކަށް ދޭ އަދަދުވެސް އިތުރުވާ ގޮތަށް ކަނޑައަޅާފައި އޮންނަ މި އުސޫލުގެ ދަށުން، މިއަހަރުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ވަނީ 32 މިލިއަން ރުފިޔާ މިހާރު ދޫކޮށްފައެވެ.

ޕާތީތަކަށް ފައިސާ ދޫކުރުުގައި އެންމެ ބޮޑަށް ބަލާ އެއްކަމަކީ ޕާޓީތަކުގައި މެމްބަރުން ތިބި އަދަދެވެ. އާންމުކޮށް ކޮންމެ އަހަރެއްގެވެސް ބަޖެޓް ފާސްކުރުމުގެ ކުރިން އިލެކްޝަނަށް ފޯމުތައް ވަންނަ ނިސްބަތްވެސް ވަރަށް ބޮޑަށް އިތުރެވެ. ކޮންމެ ޕާޓީއަކުންވެސް އެތައް ހާސް ފޯމެއް ބަޖެޓު ފާސް ކުރުމުގެ ކުރިއަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާއިރު މިފޯމުތަކުގެ ސައްޚަކަން ޕާާޓީތަކުން އެދޭހާ އަވަހަށް ކަށަވަރު ކުރުމަކީވެސް އިލެކްޝަނަށް ފަސޭހަ ކަމަކަށް ނުވެއެވެ.

މެމްބަރުންގެ ސައްޙަކަން ކަނޑައެޅުމަށް އޮތް ގޮންޖެހުން

ސިޔާސީ ޕާޓީތަކަށް މީހުން ވެއްދުމުގައި ސައްޙަ ނޫންފޯމު ހުށައެޅުމުގެ މައްސަލައަކީ ބޮޑު މައްސަލައަކަށް ވީނަމަވެސް މިކަން ހުއްޓުވޭނެ ހަރުދަނާ ނިޒާމެއް މިހާތަނަށް ރާއްޖޭގައި ޤާއިމްކުރެވިފައެއް ނުވެއެވެ. އިލެކްޝަން ކޮމިޝަނުން ވަނީ މިމައްސަލައަށް ހައްލު ހޯދުމަށް ސިޔާސީ ޕާޓީތަކާއި، ކަމާއި ގުޅުންހުރި އިދަރާތަކާއި އެކި މަރުހަލާތަކުގައި ފުޅާދާއިރާއެއްގައި މަޝްވަރާކޮށްފައެވެ. ނަމަވެސް މިމައްސައަކީ މިހާތަނަވެސް ދާއިމީ ހައްލެއް ނައިސް އޮތް ބޮޑު މައްސަލައެވެ.

އެންމެ ބޮޑު ގޮންޖެހުމެއްގެ ގޮތުގައި އިލެކްޝަނުން ފާހަގަ ކުރާ އެއް މައްސަލައަކީ ފިންގާ ޕްރިންޓުގެ ކަށަވަރުކަން ދެނެ ގަނެވޭނެ ގޮތެއް ނެތުމުން. ހަމަ މިއާއިއެކު ޕާޓީތަކުންވެސް ބައެއް ފަހަރަށް ފޯމުތައް ހުށަހެޅުމުގެ ކުރިން ބަލަންޖެހޭ ވަރަށް ނުބަލައި ފޯމުގެ ސައްޙަކަން ކަށަވަރު ނުކޮށް ހުށަހަޅާ މައްސަލައަކީވެސް އިލެކްޝަންގެ ކަންބޮޑުވުމެކެވެ.

އިލެކްޝަންސް ކޮމިޝަނުން މިމައްސަލައަށް ހައްލެއް ހޯދުމަށްޓަކައި ސިޔާސީ ޕާޓީތަކަށް މެންބަރުންގެ ގޮތުގައި ވަންނަން ހުށަހަޅާ މީހުންގެ ނަންތައް ޢާމުކުރަން ވަނީ ފަށާފައެވެ. މިގޮތަށް ހަމަޖެއްސީ ޕާޓީތަކުގެ ދަފްތަރުގައި ހިމެނުމަށް ޕާޓީތަކުން ހުށަހަޅާ މީހުންގެ ފޯމު ދަފްތަރުގައި ޖެއްސުމުގެ ކުރިން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމާއެކުއެވެ. އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވަނީ ޕާޓީތަކަށް އަލަށް ވަނުމަށް ހުށަހަޅާ މީހުން ފުރިހަމަ ނަމާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފަހު ތިން އަދަދު ޢާންމު ކުރުމަށެވެ. އަދި ޕާޓީތަކުން ހުށަހަޅާފައިވާ ފޯމުތަކުގެ ވެރިންގެފޯނަށް މެސެޖެއް ފޮނުވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ސިޔާސީ ޕާޓީތަކުގެ ދަފްތަރު

ސިޔާސީ ޕާޓީތައް ހިންގާ ބަލަހައްޓާ ދައުލަތުގެ މުއައްސަސާ ކަމުގައިވާ އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުގައި މިވަގުތު، ރަޖިސްޓްރީ ކޮށްފައިވާ 11 ސިޔާސީ ޕާޓީއެއް އެބަ އޮތެވެ. މީގެ ތެރޭގައި ހިމެނޭ ގިނަ ޕާޓީތަކަކީ އެއްވެސް މިންވަރަކަށް ސިޔާސީ ގޮތުން ހަރަކާތްތެރި ނުވާ، އަދި ބޭއްވޭ އިންތިޚާބުތަކުގައިވެސް ޕާޓީތަކުން ކެނޑިޑޭޓުން ވާދަ ނުކުރާ ޕާޓީތަކެވެ.

ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައިވާ ގޮތުން ސިޔާސީ ޕާޓީތަކުގެ ތެރެއިން ދައުލަތުގެ ބަޖެޓުގެ%0.01 ފައިސާ ސިޔާސީ ޕާޓީތަކަށް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މިއަދަދަށް ފައިސާ ދޫކުރަނީ ސިޔާސީ ޕާޓީތަކުގެ ތެރެއިން 10،000 މެމްބަރުން ހަމަވާ ޕާޓީތަކަށެވެ. އަދި ޕާޓީތަކަށް ފައިސާ ދޫކުރުމުގައި އިލެކްޝަނުން ބަލާފައިވަނީ މިއަހަރަށް ބަޖެޓް ފާސްކުރިއިރު 10،000 މެމްބަރުން ހަމަވާ ޕާޓީތަކަށެވެ.

ހަތަރު ސިޔާސީ ޕާޓީއަކަށް ދޫކުރާ ފައިސާތަކުގެ ޢަދަދު

  • އެމްޑީޕީ، 54،660 މެމްބަރުން: ދޫކުރާ ފައިސާގެ އަދަދު، 15،024،009.96 ރުފިޔާ
  • ޕީޕީއެމް، 34،237 މެމްބަރުން: ދޫކުރާ ފައިސާގެ އަދަދު، 9،410،483.51 ރުފިޔާ
  • ޖޭޕީ، 20،107 މެމްބަރުން: ދޫކުރާ ފައިސާގެ އަދަދު، 5،526،669.74 ރުފިޔާ
  • އަދާލަތު ޕާޓީ، 10،554 މެމްބަރުން: ދޫކުރާ ފައިސާގެ އަދަދު، 2،900،903.79 ރުފިޔާ

ހަމަ އެއާއެކި، ގިނަ ޕާޓީތަކަކީ، ޕާޓީ ދެމި އޮތުމަށް ބޭނުންވާ 3،000 މެމްބަރުން ކިރިޔާ ހަމަވާ ޕާޓީތަކެވެ. މީގެ ތެރޭގައި ހިމެނޭ ބައެއް ޕާޓީތަކުގެ މެމްބަރުންގެ އަދަދު 3،000 މެމްބަރުންނަށްވުރެ މަދު ވުމުގެ ސަބަބުން އެޕާޓީތަކަށް އިލެކްޝްންސް ކޮމިޝަނުންވަނީ ދާދިފަހުން ޕާޓީ އުވާލުމަށް ދޭންޖެހޭ ނޯޓިސްވެސް ދީފައެވެ.