ޚަބަރު

ވަޒީރުންނާ ސުވާލުކުރާ ވަގުތު 30 މިނެޓަށް!


ރައްޔިތުންގެ މަޖިލީހުގައި ވަޒީރުންނާ ސުވާލު ކުރުމަށްލިބޭ ފުރުސަތުގައި، ސުވާލު ކުރުމަށް މިހާރު ކަނޑައަޅާފައިވާ ވަގުތު އިތުރުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޢާންމު ކޮމެޓީން ފާސްކޮށްފިއެވެ.

ތަފާތު އެކި ކަންކަމުގައި ވަޒީރުންނާ ސުވާލުކުރުމަށް ހުޅުވާލެވޭ، ފުރުސަތުގައި މެމްބަރުންނަށް ސުވާލުކުރުމަށް ލިބޭ ވަގުތު ކުޑަކަމުގެ ޝަކުވާއަކީ މަޖިލީހުގެ ގިނަ މެމްބަރުން ފާޅުކުރާ ޝަކުވާއެކެވެ. މިމައްސަލައަށް ހައްލު ހޯދުމަށް މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވަނީ މަޖިލީހުގެ އާންމު ކޮމެޓީގެ ލަފަޔަލަށް އެދިވަޑައިގެންފައެވެ. އަދި މެމްބަރުންނަށް ވަޒީރުންނާ ސުވާލުކުރެއްވުމަށް އެކަށީގެންވާ ވަގުތުދިނުމަށް، މިހާރު ކަނޑައަޅާފައިވާ ވަގުތަށް ބަދަލު ގެނައުމަށް މަޖިލިސް ރައީސް ވަނީ އެދިވަޑައިގެންފައެވެ.

މަޖިލީހުގެ ގަވާއިދު މިހާރު ބުނާގޮތުން ވަޒީރުންނާ ސުވާލު ކުރުމަށް މެމްބަރުންނަށް ލިބެނީ 20 މިނިޓްގެ ވަގުތެކެވެ. އޭގެ ތެރެއިން ސުވާލު ކުރައްވާ މެމްބަރަށް ވަޒީރާއި ދެސުވާލެއް ކުރުމުގެ ފުސަތު ލިބެއެވެ. އެހެން މެމްބަރުންނަށް ސުވާލު ކުރުމުގެ ފުރުސަތު ލިބެނީ އެއަށްފަހުއެވެ.

ވަޒީރުންނާއި ސުވާލު ކުރުމަށް ލިޔުމުންނާއި، މަޖިލީހަށް ހާޒިރު ކޮށްގެންވެސް ޖަވާބު ހޯދޭނެ ގޮތް ވަނީ ތަނަވަސްކޮށްފައެވެ. ވަޒީރަކާއި ކުރެވޭ ސުވާލަށް ޖަވާބު ދިނުމަށް 14 ދުވަހުގެ ނޯޓިސްއެއް އެވަޒީރަކަށް ދެއެވެ.

މިއަދު ބޭއްވި މަޖިލީހުގެ ޢާންމު ކޮމެޓީގެ ބައްދަލުވުމުގައި ވަޒީރުންނާ ސުވާލު ކުރުމަށް މިހާރު ކަނޑައަޅާފައިވާ ވުގުތަށް އިތުރު 10 މިނިޓް އިތުރު ކުރުމަށް ވަނީ ހުށަހަޅާފައެވެ. މިބަދަލު ގެނައުމަށް ކޮމެޓީގެ މެމްބަރުން ވަނީ ތާއީދުކޮށްފައެވެ. ވަޒީރުންނާއި ސުވާލު ކުރުމަށް ކަނޑައަޅާފައިވާ ވަގުތު 30 މިނިޓަށް އިތުރުވެގެންދާނީ ވަޒީރުގެ އިއުތިރާޒެއް އެކަމުގައި ނެތްކަމުގައިވާނަމައެވެ.