ޚަބަރު

ޙައްޖަށް ދިއުމުގެ ޖާގައަށް އެދުމުގެ ފުރުޞަތު އަންނަ ހަފްތާގައި ހުޅުވާލަނީ


ރާއްޖެއަށް ލިބުނު ޙައްޖު ކޯޓާގެ ތެރެއިން އާއްމުންނަށް ހުޅުވާލާ ޖާގައަށް އެދުމުގެ ފުރުޞަތު އަންނަ ހަފްތާގައި ހުޅުވާލުމަށް މަސައްކަތް ކުރަމުން އަންނަކަމަށް ޙައްޖު ކޯޕަރޭޝަނުން ވިދާޅުވެއްޖެއެވެ.

ޙައްޖަށް މީހުން ގެންދިއުމަށް ހައްޖަށް ގެންދިއުމަށް ލިބިފައިވާ 453 ކޯޓާ އެއްކޮށް ހައްޖު ކޯޕަރޭޝަނަށް ދީފައިވާއިރު އޭގެތެރެއިން 100 ކޯޓާ އާއްމުންނަށް ހުޅުވާލުމަށް ވަނީ ނިންމާފައެވެ. އަދި އާއްމުންނަށް ހުޅުވާލައިގެން ޙައްޖަށް ގެންދިޔުމަށް ޚާއްސަކޮށްފައިވާ 100 ކޯޓާއަށް މިހާރު ޙައްޖު ކޯޕަރޭޝަންގެ ކިޔުގައި ތިބި ފަރާތްތަކަށްވެސް ކުރިމަތިލުމުގެ ފުރުޞަތު ދިނުމަށްވެސް ވަނީ ނިންމާފައެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އިސްމާއިލް ހަމީދު ވިދާޅުވީ އާއްމުންނަށް ހުޅުވާލައިގެން ޙައްޖަށް ގެންދިޔުމަށް ޚާއްސަ ކޮށްފައިވާ 100 ކޯޓާގެ ތެރެއިން ޙައްޖަށް ދިޔުމަށް އެދި ހުށައެޅުމުގައި އަމަލުކުރާނެ އުޞޫލެއް އެކުލަވާލުމަށް އިސްލާމިކް މިނިސްޓްރީއާއެކު މަޝްވަރާތައް ކުރަމުން އަންނަކަމަށެވެ. އަދި އެ މަޝްވަރާތައް ނިމި އުޞޫލް އެކުލަވާލުމަށްފަހު އަންނަ ހަފްތާގައި ޙައްޖަށް ދިއުމަށް އެދި ހުށައެޅުމަށް ފުރުޞަތު ހުޅުވާލުމަށް މަސައްކަތް ކުރަމުން އަންނަކަމަށް އޭނާ ވިދާޅުވިއެވެ.

ހަމީދު ވިދާޅުވީ އުޞޫލްތައް އެކުލަވާލާ ނިމޭއިރު ޙައްޖަށް ދިއުމަށް ދައްކަންޖެހޭ ފައިސާގެ އިތުރަށް، އިތުރު ފައިސާ ދައްކަން ޖެހިދާނެކަމަށެވެ. އެހެންނަމަވެސް މިހާރުވެސް ޙައްޖު ކޯޕަރޭޝަންގެ ކިއުގައި ތިބި މީހުންގެ ތެރެއިން މިއަހަރު ޙައްޖަށް ދެވޭ މީހުން އިތުރު ފައިސާއެއް ދައްކާކަށް ނުޖެހޭނެކަމަށް އޭނާ ވިދާޅުވިއެވެ.

ޙައްޖު ކޯޕަރޭޝަނުން ޙައްޖަށް މީހުން ގެންގޮސްދެނީ 69965 ރުފިޔާއަށެވެ. ޙައްޖު ކޯޕަރޭޝަންގެ ކިއުގައި މިވަގުތު 3000އަށް ވުރެ ގިނަ މީހުން އެބަތިއްބެވެ. އަދި އެ ކޯޕަރޭޝަންގެ ކިއުއަށް އެރެނީ ޙައްޖަށް ދިއުމަށް ދައްކަންޖެހޭ ފައިސާގެ 75 އިންސައްތަ ދެއްކުމުންނެވެ.

ރާއްޖެއިން ޙައްޖަށް މީހުން ގެންދިޔުމުގެ ހުއްދަ ހަމައެކަނި ޙައްޖު ކޯޕަރޭޝަނަށް ދީފައިވަނީ އަމިއްލަ ޖަމާއަތްތަކަށް ހުޅުވާލައިގެން ޕްރޮޕޯސަލް ހުށައެޅުމަށް އެކަށީގެންވާ މުއްދަތެއް ނެތުމާއިއެކު، މިހާރުގެ ހާލަތަށް ރިޔާކުރުމަށްފަހުގައިކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.

ޖުލައި މަހުގެ 8 ވަނަ ދުވަހަކީ މިއަހަރުގެ ޙައްޖު ދުވަސްވުމާއެކު ޙައްޖަށް މީހުން ގެންދިޔުމަށްޓަކައި ވާން ޖެހޭ ތައްޔާރީތައް ޙައްޖު ކޯޕަރޭޝަނުން އަންނަނީ ވަމުންނެވެ. މިގޮތުން ޙައްޖުގެ މަސައްކަތުގައި ހަރަކާތްތެރިވާނެ މީހުން ހޯދުމުގެ މަސައްކަތްތައްވެސް އެ ކޯޕަރޭޝަނުން އަންނަނީ ކުރަމުންނެވެ.

ރާއްޖެއިން މީހުން ޙައްޖަށް މީހުން ގެންދިޔުމުގެ ފުރުޞަތު ލިބިފައި މިވަނީ ކޯވިޑްއާ ގުޅިގެން 2 އަހަރު ދުވަހުގެ މެދުކެނޑުމަކަށްފަހުގައެވެ. މީގެ ކުރިން ސަޢުދީ ސަރުކަރުން ރާއްޖެއިން މީޙުން ޙައްޖަށް ގެންދިޔުމަށް 1000 ކޯޓާދެއެވެ. އަދި ބައެއް ފަހަރު އޭގެ އިތުރަށްވެސް ކޯޓާ ދިފައި އެބަހުއްޓެވެ.