ދައުލަތުގެ ޕޭ ފްރޭމްވޯކްއަށް ހިޖުރަކުރާ މުވައްޒަފުން ވަޒީފާއިން ވަކިވެގެންދާއިރު ޢިނާޔަތުގެ ގޮތުގައި ފައިސާ ދޭނީ އެއްފަހަރާ ގަނޑުކޮށްކަމަށް ކަނޑައަޅައިފިއެވެ.
ދައުލަތުގެ ޕޭ ފްރޭމްވޯކްއަށް މިހާތަނަށް ހިޖުރަކޮށްފައިވަނީ ތަޢުލީމީ ދާއިރާގެ މުވައްޒަފުންނެވެ.
ދައުލަތުގެ ޕޭ ފްރޭމްވޯކްގެ ދަށުން މުސާރައާއި ޢިނާޔަތްތައް ކަނޑައަޅާފައިވާ މުވައްޒަފުންގެ ތެރެއިން ވަޒީފާއިން ވަކިވެގެންދާއިރު ޢިނާޔަތް ދޭނެ މިންވަރު ޤާނޫނެއްގައި ބަޔާންކޮށްފައިނުވާ ދައުލަތުގެ ހުރިހާ މުވައްޒަފުންނަށް މި މިންގަނޑުގެ ދަށުން ޢިނާޔަތް ދެވޭނެއެވެ.
ޕީއެސްއެމް ނިއުސްއަށް މަޢޫލޫމާތު ދެއްވަމުން ޕޭކޮމިޝަންގެ ސެކެޓްރީ ޖެނެރަލް ޑރ. މުޙައްމަދު ފައިޒަލް ވިދާޅުވީ، ދައުލަތުގެ ޕޭ ފްރޭމްވަރކްއަށް ހިޖުރަކުރާ މުވައްޒަފުންގެ ތެރެއިން ވަޒީފާއިން ވަކީވާ މުވައްޒަފުންނަށް ދޭ އިނާޔަތްތަކަށް ބައެއް ބަދަލުތަކެއް އައިސްފައިވާކަމަށެވެ. މިގޮތުން މިހާތަނަށްވެސް މި އިނާޔަތް ދެމުން އައިސްފައިވަނީ އެއްފަހަރާ ގަނޑުކޮށް ދިނުމުގެ އިތުރަށް މަހުން މަހަށް ލިބޭ އިނާޔާތުގެ ގޮތުގައެވެ. އެހެންނަމަވެސް މި ފްރޭމްވާކްއަށް ބަދަލުވާ މުވައްޒަފުންނަށް ދެން އިނާޔަތް ލިބެމުންދާނީ ގަނޑުކޮށްކަމަށް ޑރ.ފައިޒަލް ވިދާޅުވިއެވެ. މިގޮތަށް ގަނޑުކޮށް އެއްފަހަރާ އިނާޔަތް ލިބޭއިރުވެސް ކުރިން ލިބެމުން އައި އިނާޔާތަށްވުރެ އިތުރުވާނެކަމަށް އޭނާ ވިދާޅުވިއެވެ.
ނޭޝެނަލް ޕޭ ކޮމިޝަނުން އެކުލަވާލި ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުގައި ވަޒީފާއިން ވަކިވެގެންދާއިރު ދެވޭނެ ޢިނާޔަތް ހިސާބުކުރާނެގޮތުގެ ތަފްޞީލު ހިމަނާފައިވެއެވެ. އެގޮތުން ޚިދުމަތުގެ މުއްދަތުގެ ގޮތުގައި އެންމެ ދިގު މުއްދަތުގެ ގޮތުގައި 30 އަހަރު ބަލާނެއެވެ. ޚިދުމަތުގެ މުއްދަތު ބަލާނީ، މީލާދީ އަހަރުންނާއި އަހަރުގެ ބައިކުޅަ ބައިންނެވެ. މިސާލަކަށް 2 އަހަރާއި 6 މަސް ކަމުގައި ބަލާނީ 2.5 އަހަރު ކަމުގައެވެ. އަދި މަހު މުސާރައިގެ އަދަދުގެ ގޮތުގައި ބަލާނީ އެންމެ ފަހުން ޚިދުމަތްކުރި 5 އަހަރުގެ އެވްރެޖް އަސާސީ މުސާރައަށެވެ.
މި ފްރޭމްވޯކްގައިވާގޮތުން މި އެލެވަންސް ދޭނީ ޤާނޫނުގައި ވަޒީފާއިން މުސްކުޅިކުރެވޭނެކަމަށް ކަނޑައަޅާފައިވާ އުމުރުވުމަށްފަހު، އަމިއްލައަށް ބޭނުންވެގެން ވަޒީފާއިން މުސްކުޅިވުމަށް އެދި، އެ މުވައްޒަފެއް މަސައްކަތްކުރާ ދައުލަތުގެ އިދާރާއަށް ހުށަހެޅުމުންނެވެ. އަދި ވަޒީފާއިން މުސްކުޅި ކުރުމުގެ އިޚްތިޔާރު ލިބިގެންވާ އިދާރާއަކުން އެ މުވައްޒަފަކު މުސްކުޅިކުރުމަށް ކަނޑައެޅުމުންވެސް މި އެލެވަންސް ލިބޭނެއެވެ.
އެއްވެސް މުވައްޒަފެއް ދައުލަތުގެ ޕޭ ފްރޭމްވަރކަށް ހިޖުރަކުރާ ތާރީޙުން ފެށިގެން ގިނަވެގެން 6 މަސް ދުވަހުގެ ތެރޭގައި ވަޒީފާއިން ވަކިވެގެންދާއިރު ޢިނާޔަތް ދޭންޖެހޭނަމަ، އެ މުވައްޒަފަކަށް ލިބޭނެ ޢިނާޔަތް އިހްތިޔާރުކުރުމުގެ ފުރުސަތު އޮންނާނެއެވެ. އެފަދަ މުވައްޒަފަކަށް ދެވޭނެ ފުރަތަމަ އިޚްތިޔާރަކީ ކަނޑައަޅާފައިވާ ގޮތަށް ޢިނާޔަތް ލިބިގަތުމެވެ. ދެވަނަ އިޚްތިޔާރަކީ ދައުލަތުގެ ޕޭ ފްރޭމްވޯކަށް ހިޖުރަކުރުމާއި ހަމައަށް އެ މުވައްޒަފަކު މަސައްކަތްކުރާ އިދާރާއިން ޢަމަލުކުރަމުން ގޮސްފައިވާ އުޞޫލުގައިވާ ގޮތުގެ މަތިން ޢިނާޔަތް ލިބިގަތުމެވެ.
އެފަދަ ހާލަތެއްގައި މުވައްޒަފެއްގެ އަސާސީ މުސާރައިގެ ގޮތުގައި ބަލަންޖެހޭނީ ދައުލަތުގެ ޕޭ ފްރޭމްވަރކަށް ހިޖުރަކުރުމާ ހަމައަށް އެ މުވައްޒަފަކަށް ލިބެމުންދިޔަ އަސާސީ މުސާރައަށްނަމަވެސް ޚިދުމަތުގެ މުއްދަތު ގުނުމުގައި ދައުލަތުގެ ޕޭ ފްރޭމްވަރކަށް ހިޖުރަކުރުމަށްފަހު ހޭދަވި މުއްދަތުވެސް ގުނާނެކަމަށް ދައުލަތުގެ ވަޒީފާއިން ވަކިވެގެންދާއިރު ޢިނާޔަތްދެވޭނެ މިންގަނޑުގައިވެއެވެ. އަދި ދައުލަތުގެ ޕޭ ފްރޭމްވަރކަށް ޢަމަލު ކުރަން ފަށާއިރު ވަޒީފާއިން ވަކިވުމުގެ ސަބަބުން ޢިނާޔަތް ލިބެމުންދާ ފަރާތްތަކަށް އެފަދަ ފަރާތްތަކުން ވަޒީފާއިން ވަކިވިއިރު ޢިނާޔަތް ލިބެމުންދާނެކަމަށް ކަނޑައެޅިފައި އޮތްގޮތަށް ޢިނާޔަތް ލިބެމުންދާނެއެވެ.